ދުނިޔެ

މުވައްޒަފުންގެ ހަޅުތާލާ ހެދި ޖަރުމަނުގެ ވައިގެ ދަތުރުތަކަަށް ބުރޫއަރައިފި

ޖަރުމަނުގެ ޕަބްލިކް ސެކްޓާ މުވައްޒަފުން ހަޅުތާލުކޮށް މަސައްކަތަށް ނުނިކުތުމުގެ ސަބަބުން އެގައުމުގެ ވައިގެ ދަތުރުތަކަށް ބޮޑު ބުރުލެއް އަރައިފިއެވެ.

ރޮއިޓާސް ބުނީ މުސާރަ ބޮޑުކުރުމާ މެދު ސަރުކާރާ އުފެދުނު ހިޔާލުތަފާތުވުމަކާ ގުޅިގެން ކުރާ ހަޅުތާލުގެ ސަބަބުން އެތައް ސަތޭކަ ވައިގެ ދަތުރެއް ކެންސަލްކޮށްފައިވާ ކަމަށާއި އޭގެ ސަބަބުން އެއާޕޯޓުތަކުގައި ޕަސެންޖަރުން މަޑުުކުރަން ޖެހިފައިވާ ކަމަށެވެ. ޖަރުމަނުގެ އެންމެ ބޮޑު އެއާލައިން ކަމަށްވާ ލުފްތާންސާއިން ބުނީ އެ އެއާލައިނުން މިއަދު ކުރަން އޮތް 1600 ދަތުރުގެ ތެރެއިން 800 ދަތުރު ކެންސަލްކޮށްފައިވާ ކަމަށެވެ.

ބައެއް މީޑިއާ ރިޕޯޓުތައް ބުނީ ލުފްތާންސާގެ ދަތުރުތައް ކެންސަލް ކުރުމުން ފްރާންސްގެ ބައެއް އެއާޕޯޓުތަކުގައި ވެސް މީހުން ތޮއްޖެހިފައިވާ ކަމަށެވެ. ޖަރުމަނުގެ ފްރޭންކްފާޓް އެއާޕޯޓު ހިންގާ ފްރޭޕޯޓުން ބުނީ އެ އެއާޕޯޓުގެ މަސައްކަތަށް ވެސް ހަޅުތާލުގެ ސަބަބުން އަސަރުކުރާނެ ކަމަށެވެ.

ޖަަރުމަނުގެ މަސައްކަތްތެރިންގެ ޔޫނިއަނެއް ކަމަށްވާ ވާޑީ އިން އެދެނީ ޕަބްލިކް ސެކްޓާގައި މަސައްކަތްކުރާ މީހުުންގެ މުސާރައަށް ހަޕަސެންޓުގެ ކުރިއެރުމެއް ދިނުމަށެވެ. ޖަރުމަނުގެ މަރުކަޒީ ސަރުކާރާއި މުނިސިޕަލްޓީތަކުން ބުނަނީ އެފަދަ ކުރިއެރުމެއް ދެވެން ނެތް ކަމަށާއި ވަޒީފާތައް އައުޓްސޯސް ކުރަން ޖެހިދާނެ ކަމަށެވެ.

ހަޅުތާލުގެ ސަބަބުން ބުރޫ އެރީ ހަމައެކަނި އެއާޕޯޓުތަކުގެ މަސައްކަތްތަކަށް ނޫނެވެ. ކުނިނެގުމާއި އެނޫންވެސް ބައެއް އާއްމު ހިދުމަތްތަކަށް ވެސް ބުރޫ އެރިއެވެ.

އަވަށްޓެރި ފްރާންސްގެ މަސައްކަތްތެރިންވެސް ފާއިތުވި ދެތިންް ހަފުތާގައި ހަޅުތާލުތައް ކުރިއެވެ.