ދުނިޔެ

ރަނިލްއާ ދެކޮޅަށް ވޯޓުދިން މިނިސްޓަރުން މަގާމު ދޫކޮށް އިދިކޮޅަށް

ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަގެ އިތުބާރު ނެތްކަމަށް ޕާލަމެންޓަށް ހުށަހެޅި މައްސަލަގައި އޭނާއާ ދެކޮޅަަށް ވޯޓުދިން މިނިސްޓަރުން މިނިސްޓްރީތަކުން އިސްތިއުފާ ދެއްވައި އިދިކޮޅާ ގުޅިވަޑައިގަންނަވަން ނިންމަވައިފިއެވެ.

ކޮލަަމްބޯ ގެޒެޓް ނޫހުން ބުނީ އިސްތިއުފާ ދެއްވައި އިދިކޮޅާ ގުޅިވަޑައިގަންނަވަން ނިންމެވީ ވެރިކަންކުރާ އިއްތިހާދުގައި ހިމެނޭ ސްރީލަންކާ ފްރީޑަމް ޕާޓީ ( އެސްއެލްއެފްޕީ) އަށް ނިސްބަތްވާ ހަބޭފުޅެއް ކަމަށެވެ. އެސްއެލްއެފްޕީއަކީ ލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާ އިސްކޮށް ހުންނަވާ ޕާޓީއެވެ.

ރަނިލްގެ އިތުބާރު ނެތްކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ލަންކާ ޕާލަމެންޓަށް ވެއްދި މައްސަލައިފައި އެގޮތަށް ފާސްކުރަން ވޯޓު ދެއްވި މިނިސްޓަރުން މަގާމުތަކުން ވަކިކޮށްދިނުމަށް އެދި ރަނިލްގެ ޔުނައިޓެޑް ނެޝަނަލް ޕާޓީ ( ޔޫއެންޕީ) ގެ ޕާލަމެންޓް މެމްބަރުން ކުރިން ވަނީ ޕެޓިޝަނެއް ހުށަހަޅާފައެވެ. އަދި އެބޭފުޅުން އިސްތިއުފާ ދެއްވަން ޔޫއެންޕީން ދިޔައީ ގޮވައިލަމުންނެވެ.

މިނިސްޓަރުކަމުން އިސްތިއުފާ ދެއްވާ ބޭފުޅުންނާ ހަވާލާދީ ނޫޙުން ބުނީ އެގޮތަށް ކަންތައް ކުރައްވަން ރައީސް ސިރިސޭނާ ރުހުން ދެއްވާފައިވާ ކަަމަށެވެ. އަދި ބުނީ އިސްތިއުފާ މިނިސްޓަރުކަމުން އިސްތިއުފާ ދެއްވުމަށް ފަހު ޕާލަމެންޓުގައި އެބޭފުޅުން ތިއްބަވާނީ އިދިކޮޅު ބެންޗުގައި ކަަމަށެވެ.

ރަނިލްގެ އިތުބާރު ނެެތްކަމަށް ބުނާ މައްސަލަ ލަންކާ ޕާލަމެންޓަށް ހުށަހަޅައި ބަހުސްކޮށް ވޯޓަށް އެހީ މި އޭޕްރިލްމަހުގެ ހަތަރުވަނަ ދުވަހުއެވެ. އެމައްސަލައިގައި އޭނާއާ އެއްކޮޅަށް 122 ވޯޓު ލިބުނު އިރު ދެކޮޅަށް ލިބުނީ 76 ވޯޓެވެ. އަދި ވޯޓުގައި ބައިވެރިވެވަޑައިނުގެންނެވީ 26 މެމްބަރެކެވެ. އެސްއެލްއެފްޕީގެ ބައެއް މެމްބަރުން ރަނިލްއާ ދެކޮޅަށް ވޯޓު ދެއްވީ އެގޮތަށް ވޯޓުުނުލާން ޕާޓީން ނިންމާފައި ވަނިކޮށެވެ