ވިޔަފާރި

މިދިޔަ އަހަރު އެމްޓީސީސީ އަށް 145 މިލިއަން ރުފިޔާގެ ފައިދާއެއް

Apr 12, 2018
2

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 145.3 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

ސަރުކާރުގެ އެންމެ ބޮޑު ޓްރާންސްޕޯޓް ކުންފުނީގެ އަހަރީ ރިޕޯޓްތައް ދައްކާ ގޮތުން މިދިޔަ އަހަރު އެ ކުންފުންޏަށް ވިޔަފާރިކޮށްގެން 1.2 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.

އެމްޓީސީސީގެ އަހަރީ ރިޕޯޓަށް ޗީފް އެގްޒެކެޓިވް އޮފިސަރު އިބްރާހިމް ޒިއަތު ވިދާޅުވި ގޮތުގައި މިދިޔަ އަހަރަކީ ކުންފުނީގެ މުސްތަގުބަލަށް ބަލައި ގިނަ އިންވެސްޓްމަންޓްތަކެއް ކުރި އަހަރެއް ކަމަށެވެ. ނަމަވެސް މިދިޔަ އަހަރު ކުންފުންޏަށް ބޮޑު ފައިދާއެއް ނެރެވިފައިވުމަކީ ލިބިގެން ދިޔަ ކުރިއެރުމެއްގެ ގޮތުގައި ޒިއަތު ފާހަގަ ކުރެއްވި އެވެ. މީގެ އިތުރުން އެ ކުންފުނިން ކުރިއަށް ގެންދިޔަ ރައިޓް އިޝޫއަކީ ރާއްޖޭގެ ހިއްސާގެ ބާޒާރުގެ ތާރީހުގައި ވެސް ފާހަގަ ކުރެވޭ ކަމެއްގެ ގޮތުގައި އޭނާ ވިދާޅުވި އެވެ.

"މިދިޔަ އަހަރު [2017] ގައި ކުންފުނީގެ ވިޔަފާރީގެ މުހިންމު ދާއިރާތަކުން ވަނީ ރަނގަޅު ކުރިއެރުންތަކެއް ލިބި ފައިދާއެއް ނެރެވިފައި."

މިދިޔަ އަހަރު އެމްޓީސީސީ މުސްތަގުބަލަށް ކުރި އެންމެ ބޮޑު އިންވެސްޓްމަންޓެއްގެ ގޮތުގައި ރިޕޯޓުގައި ފާހަގަ ކޮށްފައިވާ އެއް ކަމަކީ ކޮންނަ ބޯޓް "މަހާ ޖައްރާފު" ގެނައުމެވެ. ދިގުމިނުގައި 92.95 މީޓަރު އަދި ފުޅާމީނުގައި 16.30 މީޓަރު ހުރެ އެވެ. އަދި 50 މީޓަރުގެ އަޑިން ވެލި ނެގުމުގެ ގާބިލްކަން ލިބިފައިވާއިރު ބޯޓަށް އެއްފަހަރާ 3700 ކިއުބިކް މީޓަރުގެ ވެލި ބަރު ކުރެވެ އެވެ. އަދި މި އުޅަނދު ބަނުމަށް އެމްޓީސީސީން 36 މިލިއަން ޑޮލަރު (555 މިލިއަން ރުފިޔާ) ހޭދަ ކުރި އެވެ. އަދި މި އުޅަނދު ބޭނުންކޮށްގެން ދަނީ ފަޅުތައް ހިއްކަމުންނެވެ. އަދި އެ ކުންފުނިން މިދިޔަ އަހަރު ވަނީ ހިއްސާދާރުންނަށް އިތުރު ހިއްސާ ވެސް ވިއްކާފަ އެވެ. މިގޮތުން ހިއްސާ ވިއްކައިގެން 188 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.