ވިޔަފާރި

ބީއެމްއެލްގެ 90 ޕަސެންޓް މުއާމަލާތް އޮންލައިންކޮށް

Apr 14, 2018
3

ގައުމީ ބޭންކް، ބީއެމްއެލްގެ ހިދުމަތްތަކަށް ގެނައި ޒަމާނީ ބަދަލުތަކާ އެކު އެ ބޭންކް މެދުވެރިކޮށް ކަސްޓަމަރުން މިހާރު ކުރާ މުއާމަލާތްތަކުގެ 90 ޕަސެންޓް ކުރަނީ އޮންލައިންކޮށް ކަމަށް ގައުމީ ބޭންކް، ބީއެމްއެލް އިން ބުނެފި އެވެ.

އެ ބޭންކުން ނެރުނު 2017 ވަނަ އަހަރުގެ އަހަރީ އާންމު ރިޕޯޓްގައި އެ ބޭންކްގެ ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވީ މިދިޔަ އަހަރުގެ ތެރޭގައި ބީއެމްއެލްގެ ކަސްޓަމާސާވިސް ރަނގަޅު ކުރުމަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރެވުނު ކަމަށެވެ. އެގޮތުން 24 ގަނޑިއިރު ރާއްޖޭގެ އެކި ކަންކޮޅުތަކުން ބޭންކްގެ ހިދުމަތް ލިބޭނެ ގޮތް ހަމަޖެއްސުމަށްޓަކައި ސެލްސްސާވިސް ބޭންކިންގެ އާ ހިދުމަތްތައް ތައާރަފްކޮށް އެ ހިދުމަތްތަކަށް ކަސްޓަމަރުން އަހުލުވެރި ކުރުވުމަށް މަސައްކަތް ކުރެވުނު ކަމަށް އެންޑްރޫ ވަނީ ވިދާޅުވެފަ އެވެ.

އޭގެ ނަތީޖާއެއްގެ ގޮތުން ބޭންކްގެ ބްރާންޗްތަކުގެ ތޮއްޖެހުން ކުޑަކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މިކަމުގެ ސަބަބުން ބްރާންޗްތަކުން ހިދުމަތް ދިނުމާއި އާންމުންނަށް ދޭ ބޭންކްގެ އެހެން ހިދުމަތްތައް ފަސޭހަކަމާ އެކު ދެވޭނެ މާހައުލެއް ތަނަވަސްވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ވޭތުވެދިޔަ އަހަރުގެ ތެރޭގައި ކުރެވުނު މުއާމަލާތްތަކުގެ 90 ޕަސެންޓަށްވުރެ ގިނަ މުއާމަލާތް ހިންގާފައިވަނީ އޮންލައިންކޮށް. އަދި އޭޓީއެމް މެދުވެރިކޮށް ފައިސާ ނެގުމާއި ޖަމާކުރުމަށް 10 މިލިއަން މުއާމަލާތްކޮށްފައިވޭ. މީގެ ސަބަބުން ބްރާންޗްގައި ޖާގަ ތަނަވަސްވެ ކަސްޓަމަރުންނަށް ހިދުމަތް ހޯދުމަށް އިތުރު ފަސޭހަކަމެއް މިވަނީ ގެނެވިފައި،" އެންޑްރޫ ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ ތެރޭގައި ބޭންކުން ވަނީ ޕާސަނަލް ބޭންކިން ކަސްޓަމަރުންނަށް އިތުރަށް ލުއިފަސޭހަ ކުރުމުގެ ގޮތުން އިންޓަނެޓް ބޭންކިން ޕްލެޓް ފޯމް ވެސް ގިނަ ބަދަލުތަކެއް ގެނެސްފައެވެ. އަދި މިއަހަރުތެރޭ ކާޑް ހެއްދުމާއި އިތުރު އެކައުންޓް ހުޅުވުން އަދި ލުއި ލޯނަށް އޮންލައިންކޮށް އެދެވޭ ގޮތަށް ވެސް ވަނީ ހަމަޖައްސައިފަ އެވެ.

ބީއެމްއެލްގެ އަހަރީ ރިޕޯޓްގައި ބުނީ، އޭޓީއެމްތަކުން ކުރި މުއާމަލާތްތަކުގެ ތެރެއިން، ހަތަރުބައިކުޅައެއްބައި މުއާމަލާތަކީ އޭޓީއެމް މެދުވެރިކޮށް ފައިސާ ޖަމާކުރުމަށް ކޮށްފައިވާ މުއާމަލާތްތައް ކަމަށެވެ. އަދި މިކަމުން ދޭހަވަނީ ޒަމާނީ ހިދުމަތްތަކަށް ބޭންކުގެ ކަސްޓަމަރުން އަހުލުވެރިވެފައިވާ މިންވަރު ކަމަށެވެ. އަދި މިއަހަރުގެ ތެރޭގައި ވެސް އިންޓަނެޓް ބޭންކިން ޕްލެޓްފޯމް މިހާރަށް ވުރެ އިތުރަށް ރަނގަޅުކޮށް ސެލްފް ސާވިސް ބޭންކިންގެ ހިދުމަތްތައް އިތުރަށް ފުޅާކުރަން މަސައްކަތް ކުރާނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.