ވިޔަފާރި

ޓީޓީއެމް ފެއާގެ ގޯލްޑް ޕާޓްނަރަށް މި އަހަރުވެސް އަލްޝާލީ

Apr 13, 2018

ޓްރެވަލް ޓްރޭޑް މޯލްޑިވްސް (ޓީޓީއެމް 2018) ގެ ގޯލްޑް ޕާޓްނަރެއްގެ ގޮތުގައި އަލްޝާލީ މެރިން މޯލްޑިވްސް މި އަހަރުވެސް ބައިވެރި ވެއްޖެ އެވެ.

ޓޫރިޒަމް ދާއިރާއިން ހިންގާ ގިނަ ކަންތައްތަކަށް އެހީތެރިކަން ދެމުން ގެންދާ އަލްޝާލީ މެރިން މޯލްޑިވްސްގެ އޮޕަރޭޝަންސް މެނޭޖަރު އިސްމާއީލް ޝަރީފު ވިދާޅުވީ މި އަހަރުވެސް އެ ކުންފުނިން ޓީޓީއެމް ފެއާގައި ބައިވެރި ވަނީ ޓޫރިޒަމް ދާއިރާއަށް ފައިދާއަށް ކުރާ ކަމެއް ކަމަށްވާތީ ކަމަށެވެ.

"މިކަމުން ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްވާން އެހީއަކަށްވޭ. އެހެންވެ މި ފެއާގައި އަޅުގަނޑުމެން ބައިވެރިވަނީ،" ޝަރީފު ވިދާޅުވި އެވެ.

އަލްޝާލީ މެރިން އިން ދަނީ ރާއްޖޭގެ ހުރިހާ މާކެޓަކަށް ހާއްސަކޮށް އުޅަނދު ފަހަރު ބަންނަމުންނެވެ. މިގޮތުން އެ ކުންފުނީގެ އުޅަނދު ފަހަަރަށް ދަނީ ގިނަ އެވޯޑުތަކެއްވެސް ލިބެމުންނެވެ. އަލްޝާލީ މެރިން އިން ތިލަފުށީގައި ހިނގާމުން ގެންދާ ޑޮކްޔާޑަށް ވަނީ އަހަރުގެ އެންމެ ރަނގަޅު ޑޮކްޔާޑުގެ އެވޯޑު ހިމެނެ އެވެ. މި ޑޮކްޔާޑަކީ އެއް ފަހަރާ 25 އަށްވުރެ ގިނަ އުޅަނދަށް ހިދުމަތް ދެވޭވަރުގެ ތަނެކެވެ. މީގެ އިތުރުން އަލްޝާލީއިން ބަނދެފައިވާ 37 ފޫޓުގެ ކޯސްޓް ކްރާފްޓް ލޯންޗަށް ވަނީ އަހަރުގެ އެންމެ މޮޅު ފައިބަރު އުޅަނދުގެ އެވޯޑު ލިބިފަ އެވެ. އަދި ގިނަ ރިސޯޓުތަކެއްގައި މަގުބޫލުކަން ހޯދާފައިވާ "އައިލެންޑް ހޮޕާ" އުޅަނދަށް ވެސް ވަނީ އެވޯޑެއް ލިބިފަ އެވެ. މިދިޔަ އަހަރު ބޭއްވި މޯލްޑިވްސް ބޯޓިން އެވޯޑުގައި ޑޮކްޔާޑް އޯ ސްލިޕްވޭ އޮފް ދި އިޔާގެ އެވޯޑާއި ބެސްޓް ބޯޓް ޑިޒައިން އޮފް ދި އިޔާ އަދި ބެސްޓް ޕްރޮޑަކްޝަން ފައިބާ ވެސެލް އޮފް ދި އިޔާ (5 މީޓަރާއި 24 މީޓަރު) ގެ އެވޯޑުގެ އިތުރުން ބެސްޓް ޕްރޮޑަކްޝަން ފައިބާ އޮފް ދި އިޔާ (15 މީޓަރާއި 40 މީޓަރު) ގެ އެވޯޑުވެސް ލިބިފައިވަނީ އަލަޝާލީއަށެވެ. މި އެވޯޑުތައް އެ ކުންފުނިން ހޯދީ ރާއްޖޭއި މަސައްކަތްކުރާތާ ޒަމާންވީ ގިނަ ކުންފުނިތަކާ ވާދަކޮށްގެންނެވެ.

މީގެ އިތުރުން ކޯޕަރޭޓް މޯލްޑިވްސްއިން ކޮންމެ އަހަރަކު ބާއްވާ "ގޯލްޑް100" އިވެންޓުގައި މި އަހަރު "އިނޮވޭޓާ އޮފް ދި އިޔާ" ގެ އެވޯޑުވެސް ލިބުނީ އަލްޝާލީ އަށެވެ.

ދުބާއީގެ އަލްޝާލީ މެރިންއާ ގުޅިގެން އަލްޝާލީ މެރިން މޯލްޑިވްސް އުފައްދާފައިވަނީ ރާއްޖޭގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ކޯސްޓްލައިން އިންނެވެ. އަދި އަލްޝާލީ މެރިން ދުބާއީއަކީ 1979 އަކުން ފެށިގެން ފައިބަރު އުޅަނދު ފަހަރު ބަންނަމުން ގެންދާ ކުންފުންޏެކެވެ.