ވިޔަފާރި

ސަބްވޭ ޗެއިނަށް ބޭނުންވާ މަސް ފޯރުކޮށްދޭން މިފްކޯއަށް ހަވާލުކޮށްފި

May 19, 2015

ދުނިޔޭގެ މަޝްހޫރު ފާސްޓް ފުޑް ޗެއިނެއް ކަމަށްވާ "ސަބްވޭ" އަށް ބޭނުންވާ ކަނޑު މަސް ފޯރުކޮށްދިނުމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އަށް ހަވާލުކޮށްފި އެވެ.

މިފްކޯ އިން ބުނީ ދުނިޔޭގެ ނަން މަޝްހޫރު ފާސްޓް ފުޑް ޗެއިނެއް ކަމުގައިވާ ސަބްވޭ އަށް ބޭނުންވާ ކަނޑު މަސް ފޯރުކޮށްދިނުމުގެ އެއްބަސްވުމެއްގައި މިފްކޯގެ ފަރާތުން ސޮއިކޮށްފައިވަނީ މިދިޔަ ހަފްތާތެރޭގައި ކަމަށެވެ. އަދި މިއެއްބަސްވުން ވެވުނީ ސަބްވޭގެ ކަމާ ބެހޭ ފަރާތްތަކުން ރާއްޖެ އައިސް އަމަލީގޮތުން މަސްވެރިކަމުގައި ބައިވެރިވެ ދޮށީގައި މަސްވެރިކަން ކުރެވޭ ގޮތް ބައްލައި މިފްކޯގެ ފެކްޓަރީ އާއި ބޯޓްފަހަރު ޗެކްކުރެއްވުމަށް ފަހު ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

"މިވެވުނު އެއްބަސްވުމަކީ މިފްކޯއިން އެކްސްޕޯރޓްކުރާ މަހުގެ އަދަދަށް ބަލާއިރު ކުޑައަދަދެއް ކަމުގައި ވިޔަސް މިފަދަ ނަން މަޝްހޫރު ފުޑް ޗެއިނަކުން ތިމާވެއްޓާއި އެންމެ ރައްޓެހި މަސްވެރިކަމެއް ކަމުގައި ދިވެހި މަސްވެރިކަން ބަލައިގަތްގަތުމަކީ ދިވެހި މަސްވެރިންނަން ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމުގައި ދެކެމެވެ،" މިފްކޯ އިން ބުންޏެވެ.

ރާއްޖޭގެ މަސް ގަންނަން ފެށި ސަބްވޭ އަކީ 1965 ވަނަ އަހަރުން ފެށިގެން ހިންގަމުން އަންނަ ބިޔަ ވިޔަފާރި އެކެވެ. ސަބްމެރިންނާއި ސޭންޑްވިޗް ފަދަ ތައްޔާރީ ކާނާ އުފެއްދުމަށް ހާއްސަ އެންމެ ބޮޑެތި ރެސްޓޯރަންޓް ޗެއިންތަކުގެ ތެރޭގައި ހިމެނޭ ސަބްވޭ ޗެއިންގެ ރެސްޓޯރެންޓުތައް ދުނިޔޭގެ 110 ގައުމެއްގައި ހުރެ އެވެ. މި ކުންފުނިން ހިންގާ ރެސްޓޯރެންޓުތަކުގެ އަދަދު 40،000 އަށްވުރެ ގިނަ އެވެ.