chattelegramwhatsappviber google-plus twitter facebook

ރިޕޯޓް

މިވާހަކަ އިއްވާނެ ހިތްވަރު ލިބުނީ މިގޮތަށް!

ދިވެހި އަންހެން ކުއްޖަކު ފޭސްބުކްގައި ވަރަށް ސީރިއަސް ޕޯސްޓެއް ލިޔެގެން އުޅޭ ވާހަކަ މީގެ ދެ ދުވަސްކުރިން ދެކެވެ އެވެ. އޭނާގެ ވާހަކަ އަޑުހައިލަން ރަނގަޅު ކަމަށް ބައެއް މީހުން ވެސް ބުންޏެވެ. ޕޯސްޓް ލިޔުނު ކުއްޖާ އޭނާގެ ނަމުގައި ފޮރުވުމެއް ނެތި ފޭސްބުކަށް އެތައް ވާހަކައެއް ވަނީ ދޫކޮށްލާފަ އެވެ. އެ ވާހަކަތައް ވަރަށް ބާރަށް ދައުރުވަމުން އެބަދެ އެވެ. އެ ޕޯސްޓްގައި ހުުރި ވާހަކަތައް ނެގުމުގެ ބަދަލުގައި "އަވަސް" އިން ބޭނުންވީ އޭނާއާ ގުޅާށެވެ. އޭނާގެ ތުހުމަތު ރައްދުވާ ފަރާތްތަކެއް ތިބުމާއެކު އެ ފަރާތްތަކާ ގުޅޭނެ ގޮތް ނުވުމުން އެއްވެސް ނަމެއް ވެސް ނުހިމަނާށެވެ. ރަހުމަތްތެެރިޔަކާއެކު އޭނާ އަވަސްގެ ނޫސްވެރިޔަކާ ބައްދަލު ކުރި އެވެ. އެއީ ރީތިކޮށް ބުރުގާ އަޅާފައިވ ވިއްސަކަށް އަހަރުގެ ޒުވާނެކެވެ.

"އަހަންނަކީ ރޭޕްގެ ޝިކާރައަކަށްވެފައިވާ އަންހެނެކެވެ. އެކަމަކު މިހާރު އަހަރެންގެ ހަށިގަނޑުގައި ހިއްވަރު އެބަހުއްޓެވެ. އަހަރެން ބޭނުންވަނީ އަހަރެންގެ ވާހަކަ އަހަރެން ކަހަލަ އެހެން ކުދިންނަށް މިވަގުތު އިއްވާށެވެ!"

"އަހަރެންގެ އުމުރުން 13 ވަރަކަށް އަހަރުގައި މާލެ އައީ. ބައްޕަ އޭރުވެސް ވަޒީފާ އަދާކުރީ މާލޭގައި. ކުޑަ އިރުއްސުރެ ބައްޕަ ވަޒީފާ އަދާކުރަމުން އައީ ސަރުކާރުގައި. އެކަމަކު އަހަންނާއި މަންމަ އާއި ކޮއްކޮ އޭރު މާލެ ބަދަލުވި އިރު ބައްޕައާ މަންމަ އާ ދެމެދު މައްސަލަތަކެއް ޖެހިފަ އޮތީ. ބައްޕަގެ ޖިންސީ އަނިޔާގެ ޝިކާރައަކަށް އަހަރެން ބަދަލުވީ މާލެ ބަދަލުވިތާ ދުވަސްތަކެއް ނުވެ،"

އޭނާ ބުނާ ގޮތުން ބައްޕަގެ އަތްތިލަ އޭނާގެ ހަށިގަނޑުގައި ޖެހެން ފެށީ ނިދާފައި އޮންނައިރު އެވެ. ބައްޕަގެ ފަރާތުން އިންޒާރުގެ ބިރުވެރިކަން ވަށާލާފައިވާތީ ގިސްލުމުގައި އޭނާއަށް ވެސް އޮވެވުނީ އެވެ. އަޅަންވީ ފިޔަވަޅެއް ނޭނގި އޮވެވެނީ އޭނާއަށް ފުރަގަސްދީގެން ގާތުގައި އޮންނަ މަންމަ އޭނާގެ ރުއިމުގެ އާދޭހަށް ގަސްދުގައި ބީރު ކަންފަތެއް ދެނީއޭ ހީވެގެނެވެ.

"ނިދާފައި އޮންނައިރު ޖިންސީ ގޯނާ ކުރަނީ. ދުވަސްކޮޅެއްވީ ފަހުން އެއްދުވަހު މަންމަ ގާތު ބުނިން މަންމައަށް އެނގޭ ނޫންހޭ؟ އަހަންނަށް އެނގެއޭ މަންމައަށް އެނގޭކަން އެކަން! އެނގެއޭ މަންމަ އޮންނަނީ ނިދާފައި ނޫންކަން. އެހެން ބުނި އިރު ބައްޕަވެސް ހުރި ގޭތެރޭގައި. އަހަރެމެން އުޅުނީ ވެސް އެއް ކޮޓަރިއެއްގައި! އެވަގުތު މަންމަ ބައްޕައަށް ގޮވާފަ ބުނި، ތެދެއްހޭ މިކަހަލަ ކަމެއް އެބަ ހިނގާހޭ؟ ކިހާ ދެރަކަމެއްހޭ ބައްޕަޔަކާ ދަރިއަކާ ދެމެދު ހިނގަން ނުޖެހޭ ކަންކަން މިގޭތެރޭގަ ހިނގާތީ، މަންމަގެ އެ ޖުމްލައިން އަހަންނަން އަމިއްލަ ނަފްސު ކުށްވެރި ކުރެވި ލަދު ގަތް. އެކަމަކު އެހެން ބުނި ގޮތާއި ރާގުން ހީވީ އަހަރެންގެ ބައްޕަ އަހަރެންނާ ބެހެނީ އަހަރެންގެ ރުހުމުގައި ހެން. އެކަމަކު ނޫން، އަހަރެން ބައްޕައަށް އެ ހުއްދައެއް ނުދެން،"

"އޭގެ މާގިނަ ދުވަސްތަކެއް ނުވެ އަހަރެމެން އެހެން ގެއަކަށް ބަދަލުވި. އެގޭގައި ވެސް މާގިނަ ދުވަހެއް ނުވެ ބައްޕަ އަހަރެންގެ ގައިގަ އަތްލާން ފެށި. އެއްރޭ އަހަރެން ރޯން ފެށީމަ އަނގައިގެ ތެރެއަށް ކަރުދާސް ގުޅައެއް ކޮށްޕާލާފަ ބައްޕަ އަހަރެން ރޭޕް ކުރީ،"

އެ ރެއަށްފަހު ދޭތެރެއިން ރައްޓެހި ކުދިން ގާތުގައި އެ ވާހަކަ ހިއްސާކުރަމެވެ. ބައްޕަގެ މުޑުދާރު އަމަލުތަތައް ތަކުރާރުކޮށް މަންމައާ ހިއްސާ ކުރުމުން ވެސް ބަދަލައެއް ނައެވެ. އަޅައިލުމެއް ވެސް ނެތެވެ.

"ގޭތެރޭގެ މާހައުލަށް މާބޮޑު ބަދަލެއް ނާދޭ. ގޭތެރޭގައި މަންމަވެސް އުޅޭ، އެގޮތުގައި ހަތަރު އަހަރު ހޭދަވި. އެކަން ހުއްޓުވަން އެއްފަހަރު މަންމައަށް އިންޒާރެއް ދިނުމުގެ ނިޔަތުގައި އަތްތިލައިން ބައެއް ކަފައިވެސް ލިން،"

އޭނާ ބުނި ގޮތުގައި ބައްޕަގެ ފަރާތުން ލިބޭ ޖިންސީ އަނިޔާގެ އިތުރުން ޖިސްމާނީ އަނިޔާވެސް ދެއެވެ. ފިހިގަނޑު ފަދަ އެއްޗެހިން އޭނާއަށް އަނިޔާކޮށް އިންޒާރު ދެއެވެ. އެކަމަކު އެ ހުރިހާ ކަމެއް ހިނގައިދިޔަ އިރު ވެސް ސަލާމަތްވާން އޭނާއަށް ކުރެވުނު އެއް ކަމެއްވެސް ނެތެވެ.

ނަމަވެސް 2014 ވަނަ އަހަރު އަހްމަދިއްޔާ ސްކޫލްގައި އޯލެވެލް ނިންމުމަށްފަހު އެއްރޭ ދަންވަރު މަންމަގެ ފޯނުން ބޮޑު ދައިތައަކަށް ގުޅައި އޭނާއާމެދު ކަން ހިނގާ ގޮތް ކިޔައިދީ، އެ ބޮޑުދައިތަގެ ގެއަށް ދުވަސްކޮޅަކަށް ދިޔައީ އެވެ.

"ރައްޓެއްސެއްގެ ގާތުގައި އެވާހަކަ ދެއްކީމަ ބުނީ ފުލުހަށް ރިޕޯޓު ކުރަން. އޭގެ ކުރިން ފެމިލީ އިތުރު މީހެއްގެ ގާތުގައި ބުނަން ބޭނުންވީ. ވަރަށް ވިސްނުމަށްފަހު ބޮޑުދައިތަގެ ގެއަށް ދިޔައީ. އެމީހުންނަށް އަހަރެންގެ ވާހަކަވީ ބޮޑު ހައިރާން ކަމަކަށް،"

ދެހާސް ސޯޅަ ވަނަ އަހަރުގެ ޑިސެމްބަރު މަހާ ހަމައަށް އޭނާ އުޅުނީ އެ ބޮޑުދައިތަ ކައިރީގަ އެވެ. އެކަމާ ގުޅުވައި އެ ދުވަސްވަރު ފުލުހަށް ބަޔާނެއް ވެސް ދިނެވެ. ނަމަވެސް ފަހުން ބޮޑު ދައިތައާ އާއިލާގެ އެދުމަށް އެކަން އިތުރަށް ކުރިއަކަށް ނުގެންދެ އެވެ.

އެކަންކަމާ ގުޅިގެން ޑިޕްރެޝަންއާ ހަނގުރާމަކޮށް، އެކަމުން ސަލާމާތްވާ ސެޝަންތަކެއް ނެގި އެވެ. އޭނާ ބުނި ގޮތުގައި ބޮޑުދައިތަގެ ގޭގައި ވެސް ހުރެވުނީ ދުވަސްކޮޅަކަށެވެ. މަންމަގެ ބާރުން އެގެއިން އޭނާ ބޭރު ކޮށްލަން ބޮޑު ދައިތައަށްވެސް މަޖުބޫރުވީ އެވެ. އޭގެ ފަހުން ރައްޓެއްސެއްގެ ގޭގައި ދުވަސްކޮޅަކު ހުރުމަށްފަހު ރިސޯޓް ސަޕްލައި ކުންފުންޏަކުން ވަޒީފާއެއް ހޯދައިގެން ވަޒީފާއަކަށް ދާންފެށި އެވެ. ދިރިއުޅުން އޮންނަނީ އަންހެންކުދިން ބަހައްޓައިދޭ ގެއެއްގެ ކޮޓަރީގަ އެވެ. އެ ކޮޓަރި އާއި އާ ރަހުމަތެރިންނާއި ވަޒީފާގެ ސަބަބުން އޭނާއަށް ވަނީ ދުނިޔޭ ހަގީގަތާ ކުރިމަތިލާން ދަސްވެފައި ކަމަށް އޭނާ ބުންޏެވެ. އޭނާގެ ވާހަކަ ފޭސްބުކަށް ދޫކޮށްލީ އެހެންވެގެން ކަމަށް އޭނާ ބުންޏެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
 • ޛޣ

  ސާބަސް މަންޖެ އައް ކެރެންޖެހޭނެ

  7
  CLOSE
 • ޫުުހުވަދޫ

  ތިއިކަހަލަމީހުން މުޖުތަމައުގައި ބަހައްޓާކައް ނުވާނެވެ....

  5
  CLOSE
 • ޅޮސްއުދޯލި

  ފަތުވާމަޖިލިސް މިފަދަ މުޑުދާރު ކަންތައްކުރާ ބައްޕައިންނާ އެފަދަ އަމަލުތައްކުރުމައް ހިއްވަރުދޭ މަންމައިންނައް ފަތުވާއެއް ނެރެންވެއްޖެނު، ރޭގަނޑުގެ ނަމާދުގަބިސްމި އަޑުއިވޭވަރައް ކިޔަން ފަތުވާ ނެރުނުގޮތައް. ފަތުވާމަޖިލިސްވެސް ނަގޫފިތިފަ ތިބޭވައްތަރު ޖަހަނީ.

  11
  6
  CLOSE
 • އަންހެން ކުއްޖާ

  ހިތާމައަކީ މިކުއްޖާގެ ބައްޕަ އަދިވެސް މުޖްތަމަޢުގެ ތެރޭގައި އެއްވެސް ފިޔަވަޅެއް ނޭޅި އުޅޭތީވެ. ޙިތާމައަކީ މިކަހަލަ މުޑުދާރު އިންސާނެއްގެ ހައިސިއްޔަތުވެސް ދޭން ހެޔޮ ނުވާވަރުގެ މީހެއް ދިވެހި ރާއްޖޭގެ ދިފާޢީ ބާރުގައި މަސައްކަތް ކުރަމުން ދާތީވެ.

  21
  6
  CLOSE
 • މަރިޔަމް

  އަންހެން ކުއްޖާއަށް ވެދުން ސަލާން... ކަލެއަށް ކޯއްޗެއް އެނގިގެން ތިއުޅެނީ...މީ ވަރަށް ދޮގުހަދާ މައިންބަފައިންގެ ބަސްނާހާ ދަރިއެއްމީ..އެގިގެން މި ބުނަނީ އެހާ ނުލަފާ ބައްޕައެއް ކައިރިއަށް މީނަ ލާރި ހޯދަން ދާން ކެރެއެއްނު ހުންނަ ލަދު ހަޔާތްކުޑަ ކަމުން...ހަޤީޤަތަކީ މީނާއަކީ މި ޒަމާނުގެ ސްޓައިލަށް ޕާޓީ ކުރަމުންދާ ޒުވާނެއްކަން..އެގޮތަށް އޭނައަށް ނޫޅެވޭތީވެ..ގެއިން ނިކުމެގެން ދިޔައީ...

  3
  18
  CLOSE
 • މީނާ

  ކޮބާަ އެ އަނިޔާވެރިޔާ ކީއްވެ ސަލާމަތުން ބަހައްޓަންވީ ޕޮލިހާ ހަވާލުކުރޭ

  13
  1
  CLOSE
 • ކައި

  ޕޮލިހޭ ..މޮޔަވީތަ ބޭކާރުކަމަކައް ވާނީ.. ރައްޔިތުން ނިކުމެ ތިކަހަލަ މީހުން ރަޖަމުކުރީމަ ހުންނާނީ ރަނގަޅައް.

  7
  1
  CLOSE
 • ސަލީމާ

  މީ ހަމަ މިކުޑަ މާލޭގައި ހިގާފައިވާ ހާދިސާއެއްބާ؟؟މަންމަ ބައްޕައަށް ހިތްވަރުދީގެން ބައްޕަ ތިމާގެ ލެއިން އުފަންވެފައި ހުރި އަންހެންދަރި ޔަކާ މިގޮތަށް ބެހޭނެބާ؟؟؟

  13
  6
  CLOSE
 • ޖެނީ

  މިރާއްޖޭގެ ހާލަތު ނިކަން ދެކިބަލަ. ތިވާހަކަ އަހަރެންނަށް . ގަބޫލް ކުރެވޭ. އަހަރެންވެސް އެބަހުރި ތިކަހަލަ އެތައް ވާހަކައެއް ހިއްސާ ކޮއްލަން ވެފަ. އަވާސްއިން ގުޅާލާނެ ކަމަށް ހީކުރަން

  111
  10
  CLOSE
 • ޙައްޖާ

  އަހަންނަށްވެސް ދިމާވި... އަހަރެން ހިތަށްއަރާ ކޮންދުވަހަކުންބާއޭ މަންމައިންނަށް ވިސްނޭނީ... މިހާރު އަހަރެންގެ ދިރިއުޅުމެއް ފަށައިގެން އެބަހުރި 5 އަހަރުގެ އަންހެންކުއްޖެއް... ކުރީގެ ހަނދާންތައް އާވެ ބިރުވެސްގަނޭ ބައެއްފަހަރު، މަގޭ ލޯބި ދަރިފުޅު ބޮޑުވަމުންދާތަން ފެނި... މިހާރުއްސުރެން އަހަރެން ދަރިފުޅަށް ވިސްނޭވަރަކަށް ކިޔާދެން ކޮންމެމީހަކު ވިޔަސް، ކޮންމެ ކަހަލަ ކަމެއް ކުރިޔަސް، މަންމައާ ހިއްސާކުރަން... ޢިންޝާﷲ ކުދިކުދި ކަންތަކުން ފަށައިގެން ހިއްސާކުރާނެ... ޢަހަރެން މަންމަވެސް މިގޮތައް އެދުވަހު ކަންތައް ކުރިނަމަ ....

  48
  2
  CLOSE

ފަހުގެ ޚަބަރު