ދުނިޔެ

އެމެރިކާ، ފްރާންސް، ޔޫކޭ ގުޅިގެން ސީރިއާއަށް ވަރުގަދަ ހަމަލާތަކެއް ދީފި

Apr 14, 2018
1

އެމެރިކާ އާއި ޔޫރަޕްގެ ދެ ގައުމެއް ބައިވެރިވެގެން ސީރިއާގެ ވެރިރަށް ޑިމިޝްގްއަށް ވަރުގަދަ ހަމަލާތަކެއް ދޭން ފަށައިފި އެވެ.

އެމެރިކާ އިސްވެ އޮވެ، ފްރާންސް އަދި އިނގިރޭސިވިލާތް ބައިވެރިވެގެން ސީރިއާ ސަރުކާރުގެ ޓާގެޓް ތަކަށް ހަމަލާތަކެއް ދޭން މި ފެށީ މިދިޔަ ހަފްތާ އިރުމަތީ ޣޫތާއަށް ސީރިއާ ސަރުކާރުން ދިން ކެމިކަލް ހަމަލާއެއްގައި 70 އަށް ވުރެ ގިނަ މީހުން މަރުވުމުން އެކަމުގެ ރަދެއްގެ ގޮތުން އެވެ.

އެފަދަ ހަމަލާތަކެއް ނުދިނުމަށް ރަޝިޔާއިން އިންޒާރުކޮށްފައި ވަނިކޮށް އެމެރިކާ، ފްރާންސް އަދި އިނގިރޭސިވިލާތް ގުޅިގެން ސީރިއާއަށް ހަމަލާދޭން ފަށައިފިކަން އިއުލާން ކުރައްވަމުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވި ސްޓޭޓްމަންޓެއްގައި ވިދާޅުވީ، ހަމަލާތައް ދެމުން ދަނީ ކެމިކަލް ހަތިޔާރު އުފައްދާ އެފަދަ ތަކެތި ރައްކާކޮށްފައިވާ ކަމަށް ބެލެވޭ ތަންތަނަށް ކަމަށެވެ. ޕެންޓަގަން އިން ހާމަކޮށްފައިވާ ގޮތުގައި ހަމަލާތައް އަމާޒުކޮށްފައި ވަނީ ވެރިރަށް ދިމިޝްގައި ހުންނަ ކެމިކަލް ހަތިޔާރު އުފެއްދުމުގެ ދިރާސާތަކަށް ބޭނުންކުރާ ސައިންސް ރިސާޗް ފެސިލިޓީއަކަށާއި ހޮމްސްގައި ހުރި ކެމިކަލް ހަތިޔާރު ބަންދުކުރާ ފެސިލިޓީއަކަށް އަދި ސީރިއާ ސިފައިންގެ މުހިންމު ކޮމާންޑް ޕޯސްޓްއަކަށެވެ.

"މި ހަމަލާތަކަކީ ސީރިއާގެ ޑިކްޓޭޓަރު ބައްޝާރު އަލް އަސަދު އެ ގައުމުގެ ރައްޔިތުންނާ ދެކޮޅަށް ބޭނުން ކުރި ކެމިކަލް ހަތިޔާރުގެ ހަމަލާއަށް ދެވުނު ވަރުގަދަ ރައްދެއް. އަދި މިއީ ކެމިކަލް ހަތިޔާރު ނައްތާލުމަށް އަމާޒުކޮށް ދެވުނު ހަމަލާއެއް. މިއީ ބައްޝާރުލް އަސަދުގެ ވިޔާނުދާ އަމަލުތަކަށް ދެވުނު ވަރުގަދަ ރައްދެއް،" ޓްރަމްޕް ވިދާޅުވި އެވެ.

ހަމަލާތައް ކާމިޔާބު ކަމަށް ޕެންޓަގަން އިން ވަނީ އިއުލާންކޮށްފަ އެވެ. ސީރިއާގެ ސްޓޭޓް ޓީވީއިން ބުނީ، ދިމިޝްގަށް އަމާޒުކޮށް ފޮނުވާލި ރޮކެޓްތަކެއް އަމާޒަށް ވާސިލްވުމުގެ ކުރިން ހަލާކުކޮށްލާފައިވާ ކަމަށެވެ. އަދި މި ހަމަލާތަކުގައި ހަތަރު މީހަކު މަރުވި ކަމަށް އެ ގައުމުގެ ސްޓޭޓް ޓީވީ އިން ވަނީ މިހާރު ބުނެފަ އެވެ.

މި ހަމަލާތަކާ ކުށްވެރި ކުރަމުން ރަޝިޔާއިން ބުނެފައި ވަނީ، މިފަދަ ކަންކަމުގެ ސަބަބުން ސުލްހަޔަށް ހުރަސް އެޅޭނެ ކަމަށާއި މިއީ ސުލްހަދާ ދުރަށް އެމެރިކާ، ފްރާންސް އަދި އިނގިރޭސިވިލާތުން އެޅި ފިޔަވަޅެއް ކަމަށެވެ. އަދި މި ހަމަލާތަކުގެ ރައްދު ދޭނެ ކަމުގެ އިންޒާރު ވެސް ރަޝިޔާއިން ވަނީ ދީފަ އެވެ.