ވިޔަފާރި

އެމްޓީސީސީ އިން މިދިޔަ އަހަރު 454 މިލިއަން ރުފިޔާގެ މެޝިނަރީ ގަތް

Apr 15, 2018

އެމްޓީސީސީ އިން މިދިޔަ އަހަރު 454 މިލިއަން ރުފިޔާގެ މެޝިނަރީ އާއި އިކްއިޕްމަންޓް ގަނެގައިވާ ކަމަށް މާލީ ހިސާބު ތަކުން ދައްކައިފި އެވެ.

އެމްޓީސީސީގެ މިދިޔަ މާލީ އަހަރުގެ ރިޕޯޓުގައިވާ ގޮތުން ދިގު މުއްދަތުން ދައްކާ ގޮތަށް ހޯދި ފައިނޭންސް އިން ގަނެފައިވަނީ ވެހިކަލް އާއި ތަފާތު އެކި އެއްގަމު އަދި ތަފާތު އިކްއިޕްމަންޓް ތަކެވެ. މި ތަކެތި ހޯދަން ނެގި ލޯނު ތަކަށް 43 މިލިއަން ރުފިޔާ ވަނީ އަނބުރައި ދައްކާފަ އެވެ.

އެމްޓީސީސީގެ ރިޕޯޓުގައިވާ ގޮތުން އެ ކުންފުނިން ވަނީ ކުންފުނީގެ މުސްތަގު ބަލަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކޮށްފަ އެވެ. މިގޮތުން މިދިޔަ އަހަރު ބިން ހިއްކުމުގެ މަސައްކަތް އަމިއްލަ އަށް ކުރުމަށް 538 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކޮންނަ ބޯޓް "މަހާޖައްރާފު" ވަނީ ގެނެސްފަ އެވެ. މީގެ އިތުރުން މާލެ ސަރަހައްދުގައި ހަރަކާތެރިވާ 3،847 ފައިބާ އަދި ލަކުޑަ އުޅަނދާއި އެހެނިހެން 219 ކަނޑު އުޅަނދު މަރާމާތު ކުރުން ފަދަ ހިދުމަތްތައް ދިނުމަށް ޓާގެޓްކޮށް އެމްޓީސީސީން ވަނީ ތިލަފުށީގައި 48 މިލިއަން ރުފިޔާ ހަރަދުކޮށްގެން ޑޮކް ޔާޓެއް ވެސް ހަދައިފަ އެވެ.

ސަރުކާރާއި މޯލްޑިވްސް ނޭޝަނަލް ޝިޕިން ލިމިޓެޑް (އެމްއެންއެސްއެލް) އަދި އާއްމު ރައްޔިތުން ހިއްސާވާ ކުންފުނީގެ މާލީ ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރު އެ ކުންފުނިން ކުރި ވިޔަފާރިއަށް 1.2 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 145.3 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.