ދުނިޔެ

އަދިވެސް މިތިބީ ސީރިޔާއަށް ހަމަލާދޭން ތައްޔާރަށް: ޓްރަމްޕް

ސޫރިޔާ ސަރުކާރުން އެގައުމުގެ ރައްޔިތުންނާ ދެކޮޅަށް ކެމިކަލް ހަމަލާއެއް ދީފި ނަމަ އަދިވެސް ހަމަލާދޭން އެމެރިކާ ތައްޔާރަށް އޮތް ކަމަށް އެގައުމުގެ ރައީސް ޑޮނަލްޑްޖޭ ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ޓްރަމްޕް ކުރެއްވި ޓްވީޓެއްގައިި ސޫރިޔާ ސަރުކާރަށް މި އިންޒާރު ދެއްވީ އެމެރިކާ، ފްރާންސް އަދި އިނގިރޭސިވިލާތް ގުޅިގެން ސޫރިޔާގެ އަމާޒުތަކަކަށް ވަރުގަދަ މިސައިލް ހަމަލާތަކެއް ދިނުމަށް ފަހުގައެވެ. ހުކުރު ދުވަހުގެ ރޭ ހިންގި އެ އޮޕަރޭޝަނުގައި ޖުމްލަ 105 މިސައިލް ފޮނުވައިލުމަށް ފަހު ތިން ގައުމުންވެސް ބުނީ ހަމަލާތައް އަމާޒުތަކަށް އެރި ކަމަަށެވެ އަދި ބުނީ ސޫރިޔާ ސަރުކާރުން ކެމިކަލް ހަތިޔާރު އުފެއްދުމަށާއި ރައްކާކުރުމަށް ބޭނުންކުރާ ތަންތަން ހަމަލާތަކުގައި ހަލާކުކޮށްލާފައިވާ ކަމަށެވެ.

ނަމަވެސް ސޫރިޔާ ސަރުކާރާއި އެސަރުކާރަށް ވާގިވެރިވާ ރަޝިޔާއިން ބުނީ ބައެއް މިސައިލްތައް އަމާޒަށް ވާސިލުވުމުގެ ކުރިން ހަލާކުކޮށްލާފައިވާ ކަމަށެވެ.

އަސަދުސަރުކާރާ ދެކޮޅަށް އެމެރިކާއާއި އެގައުމުގެ ބައިވެރިން ހަމަލާދިނީ ހަފުތާއެއްހާ ދުވަސްކުރިން ސޫރިޔާގެ ދޫމާގައި އާއްމުންނާ ދެކޮޅަށް ކެމިކަލް ހަތިޔާރު ބޭނުންކުރި ކަމަށް ބެލެވިގެންނެވެ. ދޫމާއަށް ދިން ކެމިކަލް ހަމަލާއަކީ ސޫރިޔާ ސަރުކާރުން ދިން ހަމަލާއެެއް ނޫންކަމަށް އެސަަރުކާެރުން ވަނީ ބުނެފައެވެ. އެހަމަލާގައި 150 އަށް ވުރެ ގިނަ މީހުން މަރުވި އިރު އޭގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިންވެސް ހިމެނެއެވެ.