ކުޅިވަރު

އިންޓަނޭޝަނަލް ޓީޓީ މުބާރާތް، ރާއްޖެއަށް މުހިންމު ޓެސްޓެއް

ރާއްޖޭގައި ބާއްވާ އިންޓަނޭޝަނަލް ޓޭބަލްޓެނިސްގެ ފުރަތަމަ މުބާރާތަކީ، ރާއްޖޭގެ ޓީޓީއަށް ބޮޑު އިމްތިހާނެކެވެ. ޖޫނިޔާ ލެވަލްގެ ސަރަހައްދީ އެންމެ ބޮޑު މުބާރާތް އަންނަ ހުކުރު ދުވަހުން ފެށިގެން އާދިއްތަ ދުވަހުގެ ނިޔަލަށް ރާއްޖޭގައި ކުރިއަށް ދާނެ އެވެ.

ދެކުނު އޭޝިއާގެ ޖޫނިޔާ ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް، ރާއްޖޭގައި ބާއްވަން ސަރަހައްދީ ޖަމްއިއްޔާއިން ނިންމީ، މުހިންމު ޓެސްޓެއް ރާއްޖެއަށް މަތި ކުރުމަށްފަހު އެވެ. އެއީ ރާއްޖޭގައި ބޭއްވި އިންޓަނޭޝަނަލް ޓީޓީގެ ފުރަތަމަ އިވެންޓް ކާމިޔާބު ކަމާއެކު ނިންމާލުމުންނެވެ. މިދިޔަ އަހަރު ފަހު ކޮޅު ރާއްޖޭގައި ބޭއްވި ދެކުނު އޭޝިއާ ހޯޕްސް ވީކްއަކީ، ރާއްޖޭގައި ބޭއްވި ޓީޓީގެ ފުރަތަމަ އިންޓަނޭޝަނަލް އިވެންޓެވެ. އިންޓަނޭޝަނަލް މުބާރާތް ރާއްޖެއަށް ލިބުނީ އެ އިވެންޓް ކާމިޔާބު ކަމާއެކު ބޭއްވުމުންނެވެ.

އެ އެ އިވެންޓަށް އައި ސަރަހައްދުގެ އެހެން ޑެލިގޭޝަންތަކުންވެސް ތިބީ ހިތްހަމަ ޖެހިފަ އެވެ. އެ އިވެންޓް ވަރަށް ގާތުން ކަވަރު ކުރި ނޫސްވެރިއެއްގެ ހައިސިއްޔަތުން، އެހެން ގައުމުތަކުގެ ޑެލިގޭޝަންގެ އޮފިޝަލުންނާ ވާހަކަ ދެއްކީމެވެ. ރާއްޖެއިން ހޯސްޓް ކުރި އިންޓަނޭޝަނަލް ފުރަތަމަ އިވެންޓާ މެދު އެ ފަރާތްތަކުން ތިބީ ވަރަށް ބޮޑަށް ހިތްހަމަ ޖެހިފަ އެވެ.

މިފަހަރު ރާއްޖެއަށް މިއޮތީ އެއަށްވުރެ ބޮޑު ޓާސްކެކެވެ. މިއީ ޖޫނިއާ ލެވަލްގެ ސަރަހައްދީ އެންމެ ބޮޑު މުބާރާތެވެ. ޓީޓީ އެސޯސިއޭޝަންގެ ޖެނަރަލް ސެކެޓްރީ އިސްމާއިލް ސުޖާއު (ސުޖާ) ވިދާޅުވި ގޮތުގައި، ޖޫނިޔާ ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް ކާމިޔާބު ކަމާއެކު ބޭއްވިއްޖެނަމަ ރާއްޖެއަށް ކުރިމަގަުގައި މިއަވުރެ ބޮޑެތި މުބާރާތްތައްވެސް ބޭއްވުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

ރާއްޖޭގައި މިފަހަރު ބާއްވާ މުބާރާތުގައި އާ ކެޓެގަރީއެއް ވަނީ ހިމަނާފަ އެވެ. އެއީ ހޯޕްސް ކެޓަގަރީ އެވެ. އުމުރުން 12 އަހަރުން ދަށުގެ ކުޅުންތެރިން ވާދަ ކުރާނީ، އެކެޓަގަރީގަ އެވެ. އުމުރުން 15 އަހަރުން ދަށުގެ ކުޅުންތެރިން ވާދަ ކުރާނީ ކެޑޭޓް ކެޓަގަރީ ގައެވެ. އުމުރުން 18 އަހަރުން ދަށުގެ ކުޅުންތެރިން ވާދަ ކުރާނީ ޖޫނިޔާ ކެޓަގަރީގަ އެވެ.

ބޫޓާން ފިޔަވައި ސަރަހައްދުގެ ހަ ގައުމުން މުބާރާތުގައި ވާދަ ކުރާނެ އެވެ. ޓީމުތައް ރާއްޖެ އަންނަން ފަށަނީ ބުދަ ދުވަހުން ފެށިގެންނެވެ.

"މިއީ ރާއްޖޭގެ ޓީޓީ އިތުރަށް ޕްރަމޯޓްކޮށް ވައިގައި ހިއްޕާލުމަށްވެސް ލިބޭ ރަނގަޅު ފުރުސަތެއް،" ސުޖާ ވިދާޅުވި އެވެ. "އަދި އަޅުގަނޑުމެންގެ ޓީޓީ ކުޅުންތެރިންނަށްވެސް އަމިއްލަ ގައުމުގައި ކުޅޭއިރު ހިތްވަރެއް ލިބިގެންދާނެ، ރާއްޖެއަށް މުބާރާތުގައި ރަނގަޅު ކާމިޔާބަކާ ހަމަޔަށް ދެވޭނެ."

މީގެ ކުރިން ބޭއްވި ޖޫނިއާ ލެވަލްގެ ސަރހައްދީ މުބާރާތްތަކުގައި ރާއްޖެއިން ވަނީ ބޮޑެތި ކާމިޔާބު ތަކެއް ހޯދާފަ އެވެ. މިިދޔަ އަހަރު ލަންކާގައި ބޭއްވި މުބާރާތުން ބްރޯންޒް މެޑަލްވެސް ރާއްޖެއިން ހޯދި އެވެ.