ދުނިޔެ

މަތިންދާބޯޓެއްގެ ކްރޫއަކަށް ގަލަމަކުން ބިރުދެއްކި ޗައިނާ މީހަކު ހައްޔަރުކޮށްފި

އެއާ ޗައިނާގެ މަތިންދާބޯޓެއްގެ ފަޅުވެރިއަކަށް ގަލަމަކުން ބިރުދައްކައިގެން އެބޯޓު ދަތުރުކުރި މަންޒިލް ނޫން މަންޒިލަކަށްދާން މަޖުބޫރުކުރި މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ޗައިނާއި ފުލުހުން ބުނެފިއެވެ.

ސައުތު ޗައިނާ މޯނިން ޕޯސްޓް ނޫހުން ބުނީ އެއާ ޗައިނާގެ މަތިންދާބޯޓު ސީއޭ 1350 ގައި ފަޅުވެރިއަކު ރަހީނުކުރި ހާދިސާ ހިނގީ ހުނާން ޕްރޮވިންސްގެ ޗަންޝާ ނަމަކަށް ކިޔާ ރަށުން ފުރައިގެން ވެރިރަށް ބެއިޖިންއަށް ދަތުރުކުރަނިކޮށް ކަމަށެވެ. ނޫހުން ބުނީ ފަޅުވެރިޔާ ރަހީނުކުރީ ކަރުގައި ގަލަމެއް ޖައްސައިގެން ކަމަށާއި އެކަން ހުއްޓުވުނީ ޝެންޒޫ ނަމަކަށް ކިޔާ ރަށަށް މަތިންދާބޯޓު ޖެއްސުމުން ކަމަށެވެ.

ޝެންޒޫ އަށް މަތިންދާބޯޓު ޖެއްސުމާއި އޭގައި ތިބި ދަތުރުވެރިން ރައްކާތެރިކަމާއި އެކު މަތިންދާބޯޓުން ބާލައި ބިރު ދެއްކި މީހާ ހައްޔަރުކޮށްފައިވާ ކަމަށް ޗައިނާގެ ސިވިލްއޭވިއޭޝަން އެޑްމިނިސްޓްރޭޝަނާ ހަވާލާދީ ނޫހުން ބުންޏެވެ. ޗައިނާ ފުލުހުން މިހާރު އަންނަނީ އޭނާއާ ސުވާލުކުރަމުންނެވެ.

ހާދިސާގައި އެއްވެސް މީހަކަށް އަދި މަތިންދާބޯޓަަށް ގެއްލުމެއް ނުލިބެއެވެ. ނަމަވެސް މަތިންދާބޯޓް ސީއޭ 1350 ގައި ތިބި ދަތުރުވެރިން ބެއިޖިންއަށް ގެންދިޔައީ އެހެން މަތިންދާބޯޓެއްގައެެވެ.