ހަބަރު

ސީރިއާއަށް ދިޔަ ދިވެއްސަކު އެނބުރި އައުމުން ހައްޔަރެއް ނުކުރި

Apr 16, 2018
6

ސީރިއާ އަށް ހަނގުރާމައަށް ދިޔަ ދިވެއްސަކު އެނބުރި ރާއްޖެއަށް އައުމުންވެސް އޭނާ ހައްޔަރު ނުކޮށް ދޫކޮށްލާފައިވާ ކަން ކަށަވަރުވެއްޖެ އެވެ.

އަވަސްއަށް އިތުބާރު ހުރި ފަރާތަކުން މައުލޫމާތު ދިން ގޮތުގައި މީގެ އަހަރެއްހާ ދުވަސް ކުރިން ސީރިއާ އަށް ހަނގުރާމައަށް ދިޔަ ކ. ގުރައިދޫ މީހަކު މިދިޔަ މަހުގެ 28 ވަނަ ދުވަހު ވަނީ އެނބުރި ރާއްޖެ އައިސްފަ އެވެ. އެކަން އެ ރަށުގެ ގިނަ ބަޔަކު ވެސް "އަވަސް"އަށް މިއަދު ކަށަވަރުކޮށްދިނެވެ.

އޭނާ އެނބުރި ރާއްޖެއަށް އައީ އޭނާއާ އެކު ސީރިއާއަށް ދިޔަ އަނބިމީހާ އާއި ދަރިފުޅުވެސް ގޮވައިގެންކަން ވަނީ ކަށަވަރުކުރެވިފަ އެވެ. ނަމަވެސް އޭނާ ހައްޔަރުކޮށް އަދި މިއަދާ ހަމައަށްވެސް ސުވާލެއްވެސް ކޮށްފައި ނުވާ ކަމަށް އިތުބާރު ހުރި ގޮތެއްގައި ވަނީ މައުލޫމާތު ލިބިފަ އެވެ.

އެކަމާ ގުޅޭގޮތުން ގުރައިދޫއިން ވާހަކަ ދެއްކި މީހަކު "އަވަސް" އަށް މިއަދު ބުނީ، އޭނާ މީގެ ކުރިން ސީރިއާ އަށް ގޮސްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އޭނާ ރާއްޖެއަށް އައިސްފައިވަނީ ވަރަށް ފަހުން ކަމަށެވެ. ނަމަވެސް އޭނާ މިހާރު ހުރީ ކޮންތާކު ކަމެއް ނޭނގޭ ކަމަށެވެ.

އެނގިފައިވާ ގޮތުގައި އޭނާ މިހާރު ދިރިއުޅެނީ މާލޭގައި އެވެ. އެކަމާ ގުޅިގެން ފުލުހުންގެ ބަހެއް މިހާތަނަށް ވަނީ ލިބޭ ގޮތް ނުވެފަ އެވެ. އިތުބާރު ހުރި މަސްދަރުތަކުން އެނގިފައިވާ ގޮތުގައި، އޭނާ ސީރިޔާއަށް ގޮސް، އިސްލާމިކް ސްޓޭޓް، އައިއެސް ޖަމާއަތާ ގުޅިގެން ވަނީ މަސައްކަތްކޮށްފަ އެވެ. އެނބުރި އަންނަން މެދުވެރިވީ، ހަނގުރާމަވެރިން އުޅެމުން ދިޔަ ތަންތަން ހަލާކުވެ އެ މީހުންގެ ބާރު ވަރަށް ބޮޑަށް ސީރިޔާގައި ކުޑަވުމާ ގުޅިގެން އެވެ.

ސަރުކާރުން ދާދިފަހުން ހާމަކޮށްފައިވާ ގޮތުގައި ހަނގުރާމަޔަށް ދިޔަ ދިވެހިންގެ އަދަދު ވަނީ 62 އަށް އަރައިފަ އެވެ. އަދި ހަނގުރާމަޔަށް ދާން އުޅުނު 68 ދިވެއްސަކު މިހާތަނަށް ވަނީ ހުއްޓުވައިފަ އެވެ. ހަނގުރާމަޔަށް ދާ ދިވެހިންނާ މެދު ހަރުކަށި ފިޔަވަޅު އެޅުމަށް ސަރުކާރުން ވަނީ މިފަހުން ގަވާއިދެއް ވެސް އެކުލަވާލައި އާންމުކޮށްފަ އެވެ.