ހަބަރު

ވެމްކޯގެ އާ ޔުނީފޯމް އަންނަ ހަފްތާގައި ބޭނުން ކުރަނީ

Apr 16, 2018
2

ކުނި މެނޭޖްކުރަމުންދާ ކުންފުނި ވެމްކޯގެ އާ ޔުނީފޯމް ދައްކާލައި އަންނަ ހަފްތާއިން ބޭނުން ކުރަން ފަށާނެ ކަމަށް އެކުންފުނިން ބުނެފި އެވެ.

ވެމްކޯގެ އާ ޔުނީފޯމް ދައްކާލާފައިވަނީ ސާފު ރާއްޖެއަށް ހޭލުންތެރި ކުރުމުގެ ހަރަކާތްތަކާއި ވެމްކޯގެ މާކެޓިން ހަރަކާތްތައް ހިންގަން ޕީއެސްއެމާއި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެވެ.

ވެމްކޯ އިން ބުނީ، މިއަދު ތައާރަފް ކުރި ޔުނީފޯމަކީ ހިދުމަތް ހޯއްދަވާ ފަރާތްތަކަށް ވެމްކޯގެ މުވައްޒަފުން ފާހަގަ ކުރުމުގެ ގޮތުން ތައާރަފް ކުރި ޔުނީފޯމެއް ކަމަށާއި އެ ޔުނީފޯމް އަންނަ ހަފްތާއިން ފެށިގެން ބޭނުން ކުރަން ފަށާނެ ކަމަށެވެ.

އެގޮތުން ވެށި ފާރަވެރިން ބޭނުން ކުރާ ޔުނީފޯމް ހުންނާނީ ގަދަ ފެހި ކުލައިގައި ކަމަށާއި އެއީ މަސައްކަތުގެ މާހައުލަށް އެންމެ އެކަށީގެންވާ އަދި ރައްކާތެރި ގޮތަށް ތައްޔާރުކޮށްފައިވާ ޔުނީފޯމެއް ކަމަށެވެ. އަދި ކަޅުކުލައިގެ ކޯޓު ތައްޔާރު ކޮށްފައިވަނީ ވިއްސާރަ ދުވަސްވަރު ބޭނުން ކުރަން ކަމަށް ވެމްކޯ އިން ބުންޏެވެ.

ވެމްކޯއިން ބުނީ، ވެށިފާރަ ވެރިންގެ އިސްކޮށް މަސައްކަތް ކުރާ ޑިއުޓީ އޮފިސަރުންނާއި ޑްރައިވަރުން ބޭނުން ކުރާނީ މަޑުފެހި ކުލައިގެ ޓީޝާޓެއް ކަމަށެވެ. އަދި ޑިއުޓީ އޮފިސަރުންގެ ޔުނީފޯމާއެކު ދަބަހެއް ހިމެނޭނެ ކަމަށާއި އެބަދަހަކީ ހިދުމަތައް ޑޭޓާ ނެގުމަށް ބޭނުންކުރާ ޓްބްލެޓަށް ހާއްސަ ކޮށްފައިވާ ދަބަހެއް ކަމަށް ވެމްކޯއިން ބުންޏެވެ.

ވެމްކޯއިން އިތުރަށް ބުނީ، އޮރެންޖް ކުލައިގެ ވެސްޓް އަކީ ޓްރާންސްފާ ސްޓޭޝަންގައި މަސައްކަތް ކުރާ ފީލްޑް ސްޓާފުން ބޭނުން ކުރާ ޔުނީފޯމް ކަމަށެވެ. އަދި ކޮންމެ ޔުނީފޯމަކާއެކު އަންގި އަދި ތޮޮފި ހިމެނޭނެ ކަމަށާއި ޔުނީފޯމާއެކު ކްރޮކްސް ފައިވާން ބޭނުން ކުރާނެ ކަމަށްވެސް ވެމްކޯއިން ބުންޏެވެ.

ވެމްކޯ ވެށި ފާރަވެރިން މީގެ ކުރިން ބޭނުން ބޭނުން ކުރީ ކަޅުކުލައިގެ ޓީޝާޓެކެވެ. އަދި ވެށިފާރަ ވެރިންގެ އިސްކޮށް މަސައްކަތް ކުރާ ޑިއުޓީ އޮފިސަރުން ބޭނުން ކުރަނީ މަޑުފެހި ކުލައިގެ ޓީޝާޓެކެވެ.