ހަބަރު

މޮނާޒާ ނައީމް ހޯދަން އަނެއްކާ ވެސް އިއުލާންކޮށްފި

Apr 16, 2018

ރައީސް ނަޝީދުގެ ވެރިކަމުގައި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި މުހައްމަދު ނައީމް (މޮނާޒާ ނައީމް) ހޯދަން ފުލުހުން އިއުލާންކޮށްފި އެވެ. ފުލުހުން އޭނާ ހޯދަން އިއުލާން ކުރީ ސިވިލް ކޯޓްގައި ހިނގަމުންދާ މައްސަލައަކާ ގުޅިގެން އެވެ.

މޮނާޒާ ނައީމްގެ ފޮޓޯއާ އެކު ފުލުހުން މިއަދު އާންމު ކުރި ލިޔުމެއްގައި ބުނީ، މ.ވެލިދޫ، މުހައްމަދު ނައީމް، 64އ. ހޯދަމުން އަންނަނީ ސިވިލް ކޯޓަށް ހުށަހެޅިފައިވާ ސާބިތު ދަރަނީގެ މައްސަލައަކާ ގުޅިގެން ކަމަށެވެ. އަދި މި މަހުގެ 17 ވަނަ ދުވަހުގެ ހެނދުނު 10:15 އަށް ސިވިލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އެ ކޯޓުން އަމުރެއް ނެރެފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އެހެން ނަމަވެސް، އެ އަމުރާ ގުޅިގެން އޭނާ ހޯދަން ބެލިއިރު، ފުލުހުންނަށް އޭނާ ފެނިފައި ނުވާތީ އާންމުންގެ އެހީއަށް އެދޭ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ހަމަ އެ މައްސަލައިގައި ސިވިލްކޯޓަށް ހާޒިރުކުރުމަށް މިދިޔަ ފެބުރުއަރީ މަހުގެ 13 ވަނަ ދުވަހުވެސް މޮނާޒާ ނައީމް ހޯދަން އިއުލާންކުރި އެވެ.