ހަބަރު

މިއީ އިދިކޮޅާ އެކު ސަރުކާރުން މަޝްވަރާ ފަށަންވީ ވަގުތު: ނަޝީދު

Apr 16, 2018
5

އެންމެންނަށް ބައިވެރިވެވޭ މިނިވަން އިންސާފުވެރި ރިޔާސީ އިންތިހާބެއް ބޭއްވުމަށް އިދިކޮޅު ފަރާތްތަކާ އެކު ސަރުކާރުން މަޝްވަރާތައް ފަށަންވީ ވަގުތު އައިސްފައިވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އދ ގެ ހިއުމަންރައިޓްސް ކޮމިޝަނުން މިއަދު ނިންމާފައި ވަނީ ނަޝީދު ޖަލަށް ލުމަށް ކުރި ހުކުމް ކޮށްފައި ވަނީ އިޖުރާއަތުގެ ބޭރުން ކަމަށާއި އެހެން ކަމުން އެމަނިކުފާނު ބަންދުން ވީއްލައި ރިޔާސީ އިންތިހާބު ވެސް ހިމެނޭ ގޮތަށް އިންތިހާބުތަކުގައި ވާދަކުރުމުގެ ފުރުސަތު ދޭން ޖެހޭނެ އެވެ.

ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމަނިކުފާނާ މެދު އދ ގެ ހިއުމަން ރައިޓްސް ކޮމިޝަނުން ނިންމި ނިންމުމަށް ދިވެހި ސަރުކާރުން ދިން ޖަވާބު އަލުން މުރާޖައާ ކުރަން ސަރުކާރުގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށެވެ. އެ ނިންމުމާ ގުޅިގެން ސަރުކާރުން އދ އަށް ފޮނުވި ޖަވާބުގައި ބުނެފައި ވަނީ، ނަޝީދުގެ ޝަރީއަތް ގެންދިޔައީ ހައްގުތައް ދީގެން ކަމަށާއި އެ މައްސަލަ ސުޕްރީމް ކޯޓުން ވެސް ވަކި ގޮތަކަށް ނިންމާފައި ވާތީ އދ އިން ނިންމި ނިންމުން ބަލައިގަނެވެން ނެތް ކަމަށެވެ.

ނަޝީދު ވިދާޅުވީ މިވަގުތަކީ، އިދިކޮޅު ފަރާތްތަކާ އެކު މަޝްވަރާ ފަށަން ސަރުކާރުން ފުރުސަތު ހުޅުވާލަން ޖެހޭ ވަގުތު ކަމަށެވެ. އަދި ސަރުކާރުގެ މަގުސަދަކަށް ވާން ޖެހޭނީ މަޝްވަރާތަކުގެ ތެރެއިން މިނިވަން އިންސާފުވެރި އެންމެންނަށް ބައިވެރިވެވޭނެ އިންތިހާބެއް ބޭއްވުމަށް މަގުފަހި ކުރުން ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

ސަރުކާރުން މިފަހުން ބުނެފައި ވަނީ ކުރީގެ ރައީސް ނަޝީދާ އެކު ސިއްރު މަޝްވަރާތަކެއް ކުރި ކަމަށެވެ. އަދި ހުރިހާ ޕާޓީތަކަށް މަޝްވަރާއަށް ސަރުކާރުން ދައުވަތު ވެސް ދިނެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން ބުނެފައި ވަނީ ސިޔާސީ ލީޑަރުން ޖަލުގައި ތިބިހާ ހިނދަކު ސަރުކާރާ އެކު މަޝްވަރާ ކުރަން ބޭނުން ނޫން ކަމަށެވެ.