ހަބަރު

ނަޝީދަށް ވާދަކުރެވޭ ނަމަ ގާނޫނީ ހުކޫމަތުގެ ބޭނުމެއް ނެތް: ނިހާނު

ރާއްޖޭގައި މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވާދަކުރެއްވޭ ނަމަ ރާއްޖޭގައި ގާނޫނީ ހުކޫމަތު އޮތުމުގެ ބޭނުމެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާނު ހުސައިން މަނިކު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދަށް އިންތިހާބުގައި ވާދަކުރެއްވެން ޖެހޭނެ ކަމަށް އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ހައިކޮމިޝަނުގެ އޮފީހުން ބުނީ މިއަދުއެވެ. އެ އޮފީހުން އެހެން ބުނުމުން ސަރުކާރުން މިހާރު ވަނީ އެކަން ބަލައި ނުގަންނާނެ ކަމަށް ބުނެފައެވެ. އޭގެ ފަހުން ނިހާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެކަމުގައި ބޭރުގެ ޕްރެޝަރަށް ދީދާލުމުގެ ބޭނުމެއް ނެތް ކަމަށެވެ.

" 2018 ރިޔާސީ އިންތިހާބުގައި މުހައްމަދު ނަަޝީދު/ގ. ކެނެރީގެ [13 އަހަރުގެ ޖަލު ހުކުމެއް އޮވެ] އިންްތިހާބުގައި ވާދަކުރެވޭ ނަމަ ރާއްޖޭގައި ގާނޫނީ ހުކޫމަތު އޮތުމުގެ ބޭނުމެއް ނެތް. މިކަމުގައި ބޭރުގެ ޕްރެޝަރަށް ދީލާލަން ޖެހޭ ސަބަބެއް ނެތް،" ނިހާނު ކުރެއްވި ޓްވީޓުގައި ވިދާޅުވެފައި ވެއެވެ.

ނަޝީދަށް ވާދަކުރެއްވެން ޖެހޭނެ ކަމަށް އދ. އިން ބުނުމުންް ފިޝަރީޒް މިނިސްޓަރު ޑރ. ޝައިނީ ވެސް ވަނީ އެކަމާ ދެކޮޅަށް ވާހަކަފުޅު ދައްކަވާފައެވެ. ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ނަޝީދުގެ ނަން މިއަހަރުގެ ރައީސުލްޖުމްހޫރިއްޔާ ހޮވުމުގެ ވޯޓް ކަރުދާހުގައި ނޯންނާނެ ކަން ތަކުރާރުކޮށް ދަންނަވާ ކަމަށެވެ. އަދި ވިދާޅުވީ، ނަޝީދުގެ ނަން އޮންނަން ޖެހޭ އެއްވެސް ގޮތެއް ގާނޫނު އަސާސީ އަދި އޭގެ ދަށުން ހެދިފައިވާ ގާނޫނު ނުވަތަ ގަވާއިދުގައިވެސް ނެތް ކަމަށެވެ.

އދ.ގެ ހައިކޮމިޝަނާ ފޯ ހިއުމަން ރައިޓްސް ޒައިދު ރައަދު ހުސައިންގެ އޮފީހުން މިއަދު ބުނީ ނަޝީދަށް އިންތިހާބުތަކުގައި ވާދަކުރުމުގެ ފުރުސަތު ދޭން ޖެހޭނެ ކަަމަށް ނިންމީ އެމަނިކުފާނު 2013 ވަނަ އަހަރާއި 2016 ވަނަ އަހަރު ހުށަހެޅުއްވި ޝަކުވާތަކެއް ބެލުމަށް ފަހު ކަމަށެވެ.

އެގޮތުން ބެލި ބެލުމުން އެނގުނީ ނަޝީދުގެ މައްޗަށް ހިންގާފައި ވަނީ އިންސާފުވެރި ޝަރީިއަތެއް ނޫންކަން ކަމަށާއި އެހެންވީމާ އިންތިހާބުތަކުގައި އަދި ރިޔާސީ އިންތިހާބުގައި ވެސް ވާދަކުރުމުގެ ހައްގު ދޭން ޖެހޭނެ ކަމަށް ޔޫއެން ހިއުމަން ރައިޓްސްގެ ވެބްސައިޓުގައި މިއަދު ޖެހި ލިއުމުގައި ބުނެފައި ވެއެވެ. ނަޝީދުގެ މައްްސަލަ ބެލުމުން ފާހަގަ ކުރެވުނު މައްސަލަތައް ލިއުމުގައި ބަޔާންކޮށްފައި ވެއެވެ.

އެގޮތުން ފާހަގަކޮށްފައިވާ އެއް ކަމަކީ ނަޝީދުގެ ޝަރީއަތް ހިންގާފައި ވަނީ އިންސާފުވެރި ޝަރީއަތެއް ލިބިދިނުމަށް ގާއިމްކޮށްފައިވާ ބައިނަލް އަގުވާމީ މުއާހަދާއާ ހިލާފު ގިނަ ކަންތައްތަކެއް އެކުލެވޭ ގޮތުން ކަމަށް ވުމެވެ.

އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ދިނުމުގެ އިތުރަށް ނަޝީދުގެ މައްސަލަ އަލުން ބަލައި އާ ޝަރީއަތެއް ހިންގުމަށް ވެސް ޔޫއެން ހިއުމަން ރައިޓްސް އޮފީހުން ވަނީ ގޮވާލާފައެވެ.