ހަބަރު

ދީނީ ހިލާފުތަކުން ގައުމު ރައްކާތެރި ކުރަން ރަނގަޅީ ސަލާމަތީ ބާރުތަކެއްނޫން: މިނިސްޓަރު

ދީނީ ހިލާފުތައް އުފެދުމަށް މަގުފަހިވާ ކަންތައް ރާއްޖޭގަައި އާއްމުވާނެ ކަމުގެ ބިރު އެބަ އޮތް ކަމަށާއި އެކަންކަމުން ގައުމު ސަލާމަތް ކުރަން އެންމެ އެކަށީގެންވާ މަސައްކަތެއް ކުރެވޭނެ ބަޔަކީ ސިފައިންނާއި ފުލުހުން ނޫން ކަމަށް ޑިފެންސް މިނިސްްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެ އެވެ.

ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީގެ ކޯސްތައް ނިންމި ދަރިވަރުން ދަސްވެނިވުމަށް އެ ޔުނިވާސިޓީގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ހިލާފުތަކުން ގައުމު ސަލާމަތް ކުރަން އެންމެ ރަނގަޅަށް މަސައްކަތް ކުރެވޭނީ ތައުލީމީ ޒުވާނުންނަށް ކަމަށެވެ.

" އަޅުގަނޑުމެންގެ ތުއްތު ކުދިންނާއި ހަމަ އެއާ އެކުގައި ޒުވާނުންގެ މެދުގައި ވެސް ދީނީ ގޮތުން ހިލާފު ތަފާތު މައްސަލަތައް އާއްމުވާނެ އެތައް ކަމެއް ފެތުރިދާނެކަމުގެ ބިރު މިއަދު އަޅުގަނޑުމެންގެ ތެރޭގައި އެބަ އޮތް. އެ މަސައްކަތްތަކަށް ހިކުމަތްތެރިކަމާ އެކީގައި، ހިތްވަރާ އެކީގައި މިގައުމުގެ ސިލްމާ ސަލާމަތާ ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި މަސައްކަތް ކުރުމަށް އެންމެ ރަނގަޅުވާނީއަކީ ސިފައިންނާއި ފުލުހުންނެއް ނޫން. އެކަމަށް އެކަށީގެން ވަނީ ތައުލީމު ލިބިފައިވާ ހިތްވަރުގަދަ ޒުވާނުން،" މިނިސްޓަރު ވިދާޅުވިއެވެ.

ދީނީ ހިޔާލުތަފާތުވުންތަކާ އެއާ އެކުގައި ވަކި ދީނެއް ގަބޫލުނުކުރާ މީހުންނާ ދީނީ ގޮތުން ހައްދުފަހަނައަޅައި ދިއުމުގެ ފިކުރު ރާއްޖޭގައި އަށަގަންނަން ފަށާފައިވާ ކަަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ދީނީ ހިލާފުތަކުގެ މައްސަލައިގެ އިތުރުން ރާއްޖޭގައި ކޮރަޕްޝަނާ ފަސާދައިގެ މައްސަލަ ވެސް ބޮޑުކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ. ވިދާޅުވީ އެކި ސަރުކާރުތަކުން އެކަމާ މެދު ބަހުސްކޮށް، އެކި ސަރުކާރުތަކަށް އެކަމުގައި އިނގިލި ދިއްކުރެވިފައިވާ ކަމަށެވެ. އެ މައްސަލަ ކުޑަ ކުރުމަށް ވިސްނާ ފިކުރުކުރަން ޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ކަރަޕްޝަނުގެ މައްސަލަގައި ގައި އަޅުގަނޑުމެން އެކި ފަރާތްތަކަށް އިނގިލި ދިއްކުރަމުން ދާއިރު އަޅުގަނޑުމެން ގަބޫލުކުރަން ޖެހޭ ހަގީގަތަކީ ރާއްޖޭގެ ކަރަޕްޝަނުގެ ކަންތައް ފެށިގެން ދާއިރު އެކި ފަރާތްކަށް އަޅުގަނޑުމެންގެ އިނގިލި ދިއްކުރި ކަމުގައި ވިޔަސް އެކަމުގައި އަޅުގަނޑުމެން އާއްމުން، އަޅުގަނޑުމެން ފަރުދުން ކޮންމެވެސް ވަރަކަށް ޝާމިލުވާކަން އެއީ ގަބޫލުކުރަން ޖެހޭ ހަގީގަތެއް ކަމަށެވެ،" މިނިސްޓަރު ޝަރީފު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ކޮރަޕްޝަނާ ދެކޮޅަށް ހަދާފައި ހުރި ގާނޫނުތައް ތަންފީޒުކުރަމުން އައި ކަމަށް ވިޔަސް އެމައްސަލަ އެންމެ މަދުކުރެވޭނީ އަމިއްލަ ނަފުސުން ކޮރަޕްޝަނާ ދުރުވެ، މީހުން ހޭލުންތެރިކުރުވަން މަސައްކަތް ކޮށްގެން ކަމަށެވެ.

"އެހެންވީމާ މިރޭ ވަރަށް ޒުވާން ބޭފުޅުންކޮޅެއް ދަސްވެނިވެ ނިމިގެން ދާއިރު އަޅުގަނޑުގެ މިރޭގެ އެންމެ ބޮޑު އިލްތިމާސަކީ ތިޔަ އެންމެހާ ބޭފުޅުން ވެސް ދިވެހި ރާއްޖޭގައި ކަރަޕްޝަން މަދުކުރުމަށްޓަކައި ، ތިޔަ އެންމެހާ ބޭފުޅުން އަތުކުރި އޮޅުއްވާލައްވައިގެން މަސައްކަތް ކޮށްދެއްވުންް،" މިނިސްޓަރު ވިދާޅުވިއެވެ.

މިރޭގެ ރަސްމިއްޔާތުގައި މިނިސްޓަރު ބައިވެރިވަޑައިގެންނެވީ ޝަރަފުވެެރި މެހުމާނުގެ ހައިސިއްޔަތުންނެވެ.