ދުނިޔެ

އިންސްޕެކްޓަރުންނަށް ހުރަސްއެޅީ ކެމިކަލް ހަމަލާގެ ހެކި ނައްތާލަން: އެމެރިކާ

ސޫރިޔާގެ ދޫމާގައި މި އެޕްރިލްމަހުގެ ހަތް ވަނަ ދުވަހު ދިން ކަމަށް ބެލެވޭ ކެމިކަލް ހަމަލާގެ މައްސަލަ ތަހުގީގުކުރަން އެރަށަށްދާން އުޅުނު ބައިނަލް އަގުވާމީ އިންްސްޕެކްޓަރުންނަށް ސޫރިޔާއާއި ރަޝިޔާއިން ހުއްދަ ނުދިނީ ހަމަލާގެ ހެކި ނައްތައިލަން ކަމަށް އެމެރިކާއިން ތުހުމަތުކޮށްފިއެވެ.

އެމެރިކާގެ އެ ތުހުަމަތާ ދެކޮޅު ހަދަމުން ރަޝިޔާއިން ބުނީ އިންސްޕެކްޓަރުން ދޫމާއަށް ދާން ހުއްދަދިނުން ލަސްވީ ކެމިކަލް ހަމަލާގެ ބަދަލު ހިފުމަށް ކަމަށް ބުނެ އެެމެރިކާއާއި އެގައުމުގެ ބައިވެރިން ދިން ހަމަލާތަކާ ހެދި ކަމަށެވެ.

ސޫރިޔާގެ އިދިކޮޅުހަނގުރާމަވެރިންގެ ބާރުގެ ދަށުގައި އެންމެ ފަހަށް އޮތް ދޫމާ ހިފުމަށް ސޫރިޔާއާއި ރަަޝިޔާއާއި އީރާނުގެ ބާރުތަކުން ކުރިހަނގުރާމައިގައި އޭޕްރިލްމަހުގެ ހަތް ވަނަ ދުވަހު ކެމިކަލް ހަމަލާއެއް ދިންް ކަމަށް އެހީދޭ ޖަމާއަތްތަކުން ބުންޏެވެ. ހަމަލާގައި މަރުވެފައިވާ މީހުންނާއި އަނގައިން ފޮނު ނުކުމެ، މަރަށް ތެޅެމުން ދިޔަ ކުދިންނާއި މީހުން ފެންނަ ވީޑިއޯތައްް ޖަމާއަތްތަކުން ވަނީ އާއްމުކޮށްފައެވެ. ނަމަވެސް ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރާއި ރަޝިޔާއިން ބުނަމުން ދަނީ އެފަދަ ހަމަލާއެއް ނުދޭ ކަމަށެވެ.

އޯގަނައިޒޭޝަން ފޯ ދަ ޕްރޮހިބިޝަން އޮފް ކެމިކަލްް ވެޕަންސް ( އޯޕީސީޑަބްލިއު)ގެ އިންސްޕެކްޓަރުން ސޫރިޔާއަަށް ދިޔައީ ފާއިތުވި ހަފުތާގައެވެ. ނަމަވެސް ކެމިކަލް ހަމަލާ ދިން ސަރަހައްދަށް އެމީހުން ދަތުރުކުރަން ސޫރިޔާއާއި ރަޝިޔާއިންް ހުއްދައެއް ނުދެއެވެ. އިދިކޮޅު ހަނގުރާމަވެރިންް ފޭބުމުން ދޫމާ މިހާރު އޮތީ ސޫރިޔާ ސަރުކާރުގެ ސިފައިންގެ ބާރުގެ ދަށުގައެވެ.