ވިޔަފާރި

މިދިޔަ މަހު ރާއްޖޭގެ ޓޫރިޒަމަށް 18 ޕަސެންޓުގެ ކުރިއެރުމެއް

ކުއްލި ނުރައްކަލުގެ ހާލަތުގެ ސަބަބުން ޓޫރިޒަމް ދަށްވާނެ ކަމަށް ބެލެވުނު ނަމަވެސް، މިދިޔަ މަހު އައި ޓޫރިސްޓުންގެ އަދަދު 18.5 ޕަސެންޓް އިތުރުވެފައިވާ ކަމަށް ޓޫރިސްޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު ނެރުނު މިދިޔަ މަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު 133,466 ޓޫރިސްޓުން ރާއްޖެ ޒިޔާރަތް ކުރި އެވެ. މިއީ އޭގެ ކުރީ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 112,665 މީހުން އިތުރު އަދަދެކެވެ. މިދިޔަ މަހު މުހިންމު މާކެޓު ތަކުން އައި ޓޫރިސްޓުންގެ އަދަދު ވަނީ އިތުރުވެފަ އެވެ.

ރާއްޖޭގައި ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމާއެކު މުހިންމު މާކެޓުތަކުން ޓްރެވަލް އެލާޓް ތަކެއް ނެރުނެވެ. އެހެންވެ ޓޫރިޒަމްގައި މަސައްކަތް ކުރާ މަޝްހޫރު ގިނަ ބަޔަކު ބުނަމުން މިދިޔައީ މިމަހަކީ ޓޫރިޒަމްގެ ހީނަރު މަހަކަށް ވާނެ ކަމަށެވެ.

ނަމަވެސް، ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ޔޫރަޕުން 82,383 މީހުން އައިސްފަައިވެ އެވެ. މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި އައި 61,927 މީހުންނާ އަޅާބަލާއިރު 33 ޕަސެންޓް އިތުރުވުމެކެވެ. ނަމަވެސް ޗައިނާ ހިމެނޭ އޭޝިޔާ އާއި ޕެސިފިކް ސަރަހައްދުން އައި މީހުންގެ އަދަދު ވަނީ ދަށްވެފަ އެވެ. މި ސަރަހައްދުން މިދިޔަ މަހު 39,593 މީހުން އައިސްފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރު އައީ 40,302 މީހުންނެވެ. މި އަދަދަކީ 1.8 ޕަސެންޓުގެ ދަށްވުމެކެވެ.

ޓޫރިޒަމް ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ޗައިނާއިން މިދިޔަ މަހު އައީ 72,539 މީހުންނެވެ. މިއީ މިދިޔަ އައި 73,135 މީހުންނާ އަޅާ ބަލާއިރު 0.8 ޕަސެންޓް ދަށްވުމެކެވެ. އަދި އިނގިރޭސިވިލާތުން 11,829 މީހުން އައިސްފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރު އައީ 10,063 މީހުންނެވެ. މިއީ 17.5 ޕަސެންޓް އިތުރުވުމެކެވެ. އަދި ރަޝިޔާއިން 7,867 މީހުން އައިސްފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތުގައި އައީ 6,413 މީހުންނެވެ. މި އަދަދަކީ 22.7 ޕަސެންޓް އިތުރުވުމެކެވެ. މީގެ އިތުރުން ޖަރުމަނު ވިލާތުން 14,692 މީހުން އައިސްފައިވެ އެވެ. މި އަދަދަކީ މިދިޔަ އަހަރު އައި 10,216 މީހުންނާ އަޅާބަލާއިރު 43.8 ޕަސެންޓުގެ ކުރިއެރުމެކެވެ. މީގެ އިތުރުން ވެސް އެހެން މާކެޓުތަކުން ވަނީ ބޮޑެތި ކުރިއެރުން ތަކެއް ލިބިފަ އެވެ.