ހޮލީވުޑް

ކޮމެޑީ އެކްޓާ އެމީ ޝޫމާ ފުރަތަމަ ފަހަރަށް ސީރިއަސް ރޯލަކަށް

ހޮލީވުޑްގެ މަޝްހޫރު ކޮމެޑިއަން އަދި އެކްޓްރެސް އެމީ ޝޫމާ ތަފާތު ފިލްމެއްގެ މަސައްކަތްތަށް ތައްޔާރުވާން ފަށައިފި އެވެ. މި ފަހަރު އެމީ ފެނިގެންދާނީ ބޮކްސިން ކުރި އަންހެނެއްގެ ބަޔޮޕިކް ފިލްމަކުންނެވެ. މިއީ އެމީ ސީރިއަސް ރޯލަކުން ފެނިގެންދާނެ ފުރަތަމަ ފަހަރެވެ.

މި ފިލްމަކީ އެމެރިކާގެ ކުރީގެ ވޯލްޑް ޗެމްޕިއަން ބޮކްސާ ކްރިސްޓީ މާޓިންގެ ހަޔާތުގެ މައްޗަށް ތައްޔާރުކޮށް ގެނެސްދޭ ފިލްމެކެވެ. ކްރިސްޓީގެ ހަޔާތުގައި ހިނގާފައިވާ ގިނަ ކަންތައްތަކެއްގެ އިތުރުން ބޮކްސިން ޗެމްޕިއަންކަން ހޯދުމަށް އޭނާ ކުރި މަސައްކަތް ފެނިގެންދާނެ އެވެ. އޭނާއަކީ ކުޅިވަރުގެ ދާއިރާގައި އަންހެނުންނަށް ކުރިއަށް ދިއުމަށް ފުރުސަތުތައް ހޯދާދިނުމަށް އެދި ވަރަށް ގަދައަށް ވަކާލާތުކުރި އަންހެނެކެވެ.

މަޝްހޫރު ބޮކްސިން ޕްރޮމޯޓާ "ޑޮން ކިންގް" އިން ޕްރޮމޯޓުކުރި ފުރަތަމަ އަންހެން ބޮކްސާއަކީވެސް ކްރިސްޓީ އެވެ. މި ފިލްމުގައި ކްރިސްޓީ އެ ހިސާބަށް ވާސިލުވުމަށް ކުރި ދިގު ދަތުރު ގެނެސްދޭނެ އެވެ. އަމިއްލަ ޒާތީ ދިރިއުޅުމުގައި ހިނގަފައިވާ ކަންތައްތަކުގެ ތެރެއިން އޭނާ ކައިވެނި ކުރި ބޮކްސިން ޓްރެއިނަރާއި ވަކިވާންޖެހުނު ވާހަކަތައްވެސް ފިލްމުގައި ހިމެނޭނެ އެވެ.

މި ފިލްމުގެ ސްކްރިޕްޓު ތައްޔާރުކުރަނީ "ވެލަންޓައިންސް ޑޭ" އާއި "ނިއު އިޔާސް އީވް" ގެ ލިޔުންތެރިޔާ ކެތްރީން ފުގޭޓް އެވެ. ފިލްމު ޑައިރެކްޓުކުރާނީވެސް ހަމަ އޭނާ އެެވެ.

އެމީގެ ދެން އެންމެ އަވަހަށް ނިކުންނަ ފިލްމު "އައި ފީލް ޕްރިޓީ" ގެ ޓްރެއިލާ.

ވޮލްޓޭޖް ޕިކްޗާސް އިން ގެނެސްދޭ މި ފިލްމު ޕްރޮޑިއުސްކުރާނީ ކެވިން ކޭން، އެލިކްސް މެޑިގަން، ނިކޮލަސް ޗާޓިއާ އަދި އެލިސާ ފިލިޕްސް އެވެ. އެގްޒެކެޓީވް ޕްރޮޑިއުސަރަކީ ޖޮނަތަން ޑެކްޓާ އެވެ.

އެމީ ދެން އެންމެ އަވަހަށް ފެނިގެންދާނީ އަންނަ ހުކުރު ދުވަސް ސިނަމާތަކުގައި ދައްކަން ފަށާ ކޮމެޑީ ފިލްމު "އައި ފީލް ޕްރިޓީ" އިންނެވެ.