ދުނިޔެ

ޑިގްރީއެއް ނެތިގެން 250 ފަނޑިޔާރުން ވަކިކޮށްފި

އެފްރިކާގެ ގައުމެއް ކަމަށްވާ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގެ ރައީސް ޖޯސެފް ކަބީލާ އެގައުމުގެ 250 އަށް ވުރެ ގިނަ ފަނޑިޔާރުން މަސައްކަތުން އެކަހެރިކޮށްފިއެވެ.

އަލްޖަޒީރާ ބުނީ މަސައްކަތުން އެކަހެރިކުރި 250 ފަނޑިޔާރުންގެ ތެރެއިން ބައެއް ފަނޑިޔާރުން ދުރުކުރީ ގާނޫނީ ދާއިރާއިން ޑިގްރީއެއް ހާސިލުކޮށްފައި ނުވާތީ ކަމަށާއި އަނެއްބައި ބޭފުޅުން ވަކިކުރީ ރިޝްވަތު ހިއްޕެވިކަމުގެ ތުހުމަތަށް ކަަމަށެވެ. މަސައްކަތުން އެކަހެރި ކުރި ބައެއް ބޭފުޅުން މަގާމުން މުޅިން ދުރުކުރި އިރު އަނެއްބައި ބޭފުޅުން ކުރީ ސަސްޕެންޑެވެ.

ފަނޑިޔާރުންތައް މަގާމުން ދުރުކުރިކަން އިއުލާނު ކުރެއްވީ ގައުމީ ޓީވީ މެެދުވެރިކުރައްވައި ވާހަކަފުޅު ދައްކަވަމުން ޑީއާރްކޮންގޯގެ ޖަސްޓިސް މިނިސްޓަރު އެލެކްސިސް ތަމްބްވީ ވަމްބާއެވެ.

ޑީއާރް ކޮންގޯގެ ނޫސްތަކާ ހަވާލާދީ އަލްޖަޒީރާ ބުނީ ޖުމްލަ 256 ބޭފުޅަކު ދުރުކުރި އިރު އޭގެ އިތުރުން ދެބޭފުޅަކު މަގާމުން މުސްކުޅިވެސް ކުރި ކަމަށެވެ.

ޑީއާރްކޮންގޯގައި 4000 އަށް ވުރެ ގިނަ ފަނޑިޔާރުން ތިއްބަވަ އެވެ.

"ފައިސާ ހޯދުމުގެ މަގުސަދުގައި އެއްވެސް މީހަކަށް ޝަރުއީ ނިޒާމުގެ ތެރެއަކަށް ނުވަދެވޭނެ،" ފަނޑިޔާރުންތައް ދުރުކުރިކަން ހާމަކުރައްވެވުމަށް ފަހު އެބޭފުޅުންނާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ވަމްބާ ވިދާޅުވި ކަމަށް އަލްޖަޒީރާގެ ހަބަރުގައި ވެއެވެ.

އޭނާ ވިދާޅުވީ ވަކިކުރަން ޖެހޭ ބައެއް ފަނޑިޔާރުން މިފަހަރުގެ ފިޔަވަޅުން ވެސް ސަލާމަތްވެފައި ތިބެދާނެ ކަމަށެވެ.

ޑީއާރްކޮންގޯގައި މިގޮތަށް ފަނޑިޔާރުން ވަކިކުރި މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. ކަބީލާ ވަނީ 2009 ވަނަ އަހަރުވެސް 96 ފަނޑިޔާރަކު އެއްފަހަރާ މަގާމުން ވަކިކުރައްވާފަ އެވެ.