ދުނިޔެ

ޖަޕާނުގެ ކުޑަކުޑަ ރަށެއްގެ ކިސަޑުން ދުނިޔޭގެ އިގުތިސާދު ބަދަލުކޮށްލަފާނެ

ޕެސިފިކް ކަނޑުގައިވާ ކުޑަކުޑަ ޖަޒީރާއެއް މިހާރު ވެފައި ވަނީ އިގުތިސާދީ ގޮތުން ޖަޕާނުގެ މުސްތަގުބަލު ބަދަލުކޮށްލާނެ ފަދަ ތަނަކަށެވެ. މި ޖަޒީރާތަކުން ފެނުނު މާއްދާތަކެއްގެ ސަބަބުން، ޖަޕާނަށް އިގުތިސާދީ ގޮތުން ބޮޑު ބަދަލެއް އައިސްފާނެ ކަމަށް މި ވަނީ ލަފާކުރެވިފަ އެވެ. އިގުތިސާދީ މާހިރުން ބުނަނީ އެއީ "އޮއިވަރު ބަދަލުކޮށްލާނެ"ހޯދުމެއް ކަމަށެވެ. އެހޯދުން ހޯދުމަށް ކުރި ދިރާސާގައި ބައިވެވި މާހިރުން ބުނަނީ އެއީ އިންތިހާ ދަރަޖައިގެ ބޮޑު ފައިދާ ނެގޭނެ ހޯދުމެއް ކަމަށެވެ.

ފެނިގެން އުޅެނީ މަޑް ނުވަތަ ކަނޑުއަޑީގެ ކިސަޑެވެ. ވަރަށް ގިނަ ކިސަޑެވެ. ސީދާ އަދަދުން ބުނާ ނަމަ 16 މިލިޔަން ޓަނުގެ ކިސަޑެވެ. އެކިސަޑުތަކުގައި ވަނީ ދުނިޔޭގައި ވަރަށް މަދުންް ލިބެން ހުރި މިނެރަލްގެ ބާވަތްތަކެކެވެ. އެ މިނެރަލްތަކުގައި އެކުލެވެނީ މަދުން ލިބެން ހުރި އާތު އެލެމެންޓް ތަކެކެވެ. އެއީ ސްމާޓްފޯނާއި މިސައިލް ސިސްޓަމްތަކާއި ރާޑަރުތަކާއި ހައިބްރައިޑް ވެހިކަލްތައް އުފެއްދުމަށް ބޭނުން ކުރާ ބާވަތްތަކެވެ.

ފެނުނު ކިސަޑުގައި އެކުލެވޭ އެއް ބާވަތަކީ ޔިޓްރިއަމްއެވެ. އެއީ ކެމެރާ ލެންސާއި ސުޕަ ކޮންޑަކްޓަރާއި ސެލްފޯނުގެ ސްކްރީން އުފެއްދުމަށް ބޭނުންކުރާ މައުދަނެކެވެ.

ޖަޕާނުގެ ދިރާސާކުރާ މީހުން އާއްމުކުރި ލިއުމެއްގައި ވާ ގޮތުން އެފަދަ މުއްސަނދިކަން ލިބިފައިވާ ކިސަޑުގަނޑުތައް އޮތީ އެގައުމުގެ ކަނޑުގެ ސަރަހައްދުގައިވާ މިނިމިޓޯރީ ނަމަކަށް ކިޔާ ޖަޒީރާގެ ކައިރީގައި ކަނޑު އަޑީގަ އެވެ. އެރަށަކީ ޖަޕާނުގެ މައިރަށްތަކުގެ އައްސޭރިން ފެށިގެން 790 މޭލު ބޭރުގައިވާ ރަށެކެވެ.

ކިސަޑުގަނޑުގައިވާ މުއްސަނދިކަން

ކިސަޑުގަނޑުގައިވާ ބޭނުންތެރި ބާވަތްތަކުގެ ބަރުދަނަކީ 16 މިލިޔަން ޓަނެވެ. އޭގައި އެކުލެވެނީ 780 އަހަރު ވަންދެން ބޭނުންކުރެވޭހާ ޔިޓްރިއަމް، 620 އަހަރު ބޭނުންކުރެވޭހާ ޔޫރޯޕިއަމް، 420 އަހަރު ބޭނުންކުރެވޭހާ ޓާބިއަމް އަދި 730 އަހަރު ބޭނުންކުރެވޭހާ ޑިސްޕްރޯސިއަމް އެވެ. އެހެން ގޮތަކަށް ބުނާ ނަމަ މި ބާވަތްތައް ގިނަ އަހަރުތަކެއް ވަންދެން ބަލައިލުމެއް ނެތި ބޭނުންކުރެވޭ ވަރަށް މި ސަރަހައްދުގައި ހުރި ކިސަޑުގަނޑުގައި އެކުލެވިފަައި އެބަހުއްޓެވެ.

ފާހަގަކޮށްލަން ޖެހޭ ކަމަކީ މިބާވަތްތައް މިހާތަނަށް ދުނިޔެއިން ލިބެން ހުރީ ވަރަށް މަދުން ކަމެވެ. އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭން ބުނާ ގޮތުގައި މިބާވަތްތައް ކުރިން ފެނިފައި ހުރި ތަންތަނުގެ ތެރެއިން ވެސް ބޭނުންކުރަން ނެގޭ ގޮތަށް ހުރީ މަދު ތަންތަނެއްގައި މަދު މިންވަރަކަށެވެ.

އެކަމަކު މިނިމިޓޯރީ ކައިރިން ފެނުނު މިބާވަތްތައް ހުރީ ވަރަށް ކައިރި މުސްތަގުބަލެއްގައި ނަގައި ބޭނުންކުރަން ފެށޭ ފަދަ ގޮތަކަށެވެ.

އެބާވަތްތަކުގެ އަގު ކޮންޓްރޯލްކުރުމުގެ ބޮޑު މިހާރު އޮންނަނީ ޗައިނާގެ އަތުގަ އެވެ. އެހެނީ 2015 ވަަނަ އަހަރުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިހާތަނަށް އެބާވަތްތަކުގެ 95 ޕަސެންޓް ދުނިޔެއަށް ފޯރުކޮށްދެމުން އައީ ޗައިނާއިންނެވެ. އެހެންވެ އެބާވަތްތަކުގެ އަގު ކަނޑައެޅުމުގައި ޖަޕާނާއި އެެހެން ގައުމުތަކުންވެސް ބަރޯސާ ކުރަން ޖެހިފައި އޮތީ ޗައިނާއަށެވެ. އެކަމަކު ދެން އެކަމުގެ ކޮންޓްރޯލް ލިބޭނީ ޖަޕާނަށެވެ. - ސީއެންއެން