ދުނިޔެ

އެމެރިކާ ޖާސޫސީ އިދާރާގެ ވެރިޔާ ކިމްޖޮން އުންއާ ބައްދަލުކޮށްފި

އެމެރިކާގެ ޖާސޫސީ އިދާރާ ( ސީއައިއޭ)ގެ ވެރިޔާ މައިކް ޕޮމްޕިއޯ ސިއްރިއްޔާތުގައި އުތުރުކޮރެއާއަށް ގޮަސް އެގައުމުގެ ލީޑަރު ކިމްޖޮން އުންއާ ބައްދަލުކޮށްފައިވާ ކަމަށް އެމެރިކާގެ ނޫސްއެޖެންސީތަކުން ބުނެފިއެވެ.

ނަން ހާމަ ނުކުރާ އޮފިޝަލުންތަކަކާ ހަވާލާދީ ބީބީސީ ބުނީ ޕޮމްޕިއޯ ކިމްއާ ބައްދަލުކުރީ އީސްޓާ ބަންދުދުވަސްތަކުގައި ކަމަށާއި އެ ބައްދަލުވުމުގެ ބޭނުމަކީ އެމެރިކާގެ ރައީސް ޓްރަމްޕާއި ކިމްގެ ބައްދަލުވުމަށް ތައްޔާރުވުން ކަމަށެވެ. އީސްޓާ ބަންދުދުވަސްތަކަކީ ނަސާރާއިންް ފާހަގަކުރާ އިހުތިފާލެކެވެ.

އުތުރުކޮރެއާއާ އެމެރިކާއާ ދެމެދު މަތީ ފެންވަރުގައި ސީދާ ވާހަކަތައް ކުރިއަަށްދާ ކަން ޓްރަމްޕް ވަނީ ކުރިން ހާމަކުރައްވާފައެވެ.

ޕޮމްޕިއޯއާއި ކިމްގެ ބައްްދަލުވުމަކީ 2000 ވަނަ އަހަރަށް ފަހު އެމެރިކާއާއި އުތުރުކޮރެއާގެ މިހާ އިސް ބޭފުޅުން ބޭއްވެވި ފުރަތަމަ ބައްްދަލުވުމެވެ.

" އަހަރެމެން ބާއްވައިފިން ސީދާ ވާހަކަތައް. އެންމެ މަތީ ފެންވަރުގައި،" ފްލޮރިޑާގައި ހުންނަވާ ޓްރަމްޕް ވިދާޅުވި ކަމަށް ބީބީސީގެ ހަބަރުގައި ވެއެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ކަމަށް ޕޮމްޕިއޯގެ ނަން ޓްރަމްޕް ވަނީ ކުރިން ހުށަހަޅުއްވާފައެވެ.

ޓްރަމްޕް ވިދާޅުވީ ދެކޮރެއާ ދެމެދު 1950 ވަނަ އަހަރުން ފެށިގެން 1953 ވަނަ އަހަރާ ހަަމައަށް ހިނގި ހަނގުރާމަ ރަސްމީކޮށް ނިމުނުކަމުގެ އެއްބަސްވުމެއް ގާއިމްކުރަން ދެކޮރެއާއިން ބޭއްވި ވާހަކަތަކަށް ވެސް އޭނާ ރުހުން ދެއްވާފައިވާ ކަމަށެވެ. ދެކޮރެއާ ދެމެދު ސުލްހައިގެ ރަސްމީ އެއްބަސްވުމެއް ގާއިމްކުރަން މަަަސައްކަތް ކުރާ ކަމުގެ އިޝާރާތެއް ދެކުނުކޮރެއާއިން ވެސް ވަނީ ދީފައެވެ. ދެކުނު ކޮރެއާގެ ރައީސް މޫން ޖައި އިން އާއި އުތުރުކޮރެއާގެ ލީޑަރު ކިމްޖޮންއުން ބައްދަލުކުރައްވަން ހަމަޖެހިފައި ވަނީ މިހިނގާ އޭޕްރިލްމަސް ނިމޭ ހިސާބުގައެވެ.

ޕޮމްޕިއޯ ކިމްއާ ބައްދަލުކުރެއްވުމުން ދޭހަވަނީ ކިމްއާ ބައްދަލުކުރައްްވާނެ ކަަމަށް ޓްރަމްޕް ކުރިންް ވިދާޅުވި ވިދާޅުވުމާ އެއްގޮތަށް އޭނާ މަސައްކަތް ކުރައްވާކަމެވެ. ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ބެލެވެނީ އަންނަ ޖޫންމަހުގެ ދުވަހެއްގައެވެ.