ހަބަރު

ގެއެއްގެ ފެން ކަނޑާލުމުން އެކަން އިއާދަ ކުރަން ސްޓޭޓް މިނިސްޓަރަކަށް އަމުރުކޮށްފި

Apr 18, 2018
41

ގެއެއްގެ އެޕާޓްމަންޓެއްގައި ބަޔަކު ދިރިއުޅެމުން ދަނިކޮށް އެ އެޕާޓްމަންޓުން ފެން ކަނޑައިލި މައްސަލައެއްގައި އޭގެ ވެރި ފަރާތް، ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މައްޗަށާއި މޯލްޑިވްސް ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެންނީ (އެމްޑަބްލިޔުއެސްސީ) އާއި ޒަރޫރީ ހިދުމަތްދޭ މުއައްސަސާތަކުގެ މައްޗަށް އެ ޕާޓްމަންޓްގެ އެ ހިދުމަތް އިއާދަ ކޮށްދޭން ސިވިލް ކޯޓުން އަމުރު ކޮށްފި އެވެ.

ސިވިލް ކޯޓްގެ މި އަމުރު މިއަދު ކުރައްވާފައި ވަނީ އެ ކޯޓުގެ ގާޒީ މުހައްމަދު ހަލީމެވެ. މި ދައުވާ ކޮށްފައި ވަނީ ތ. ބުރުނީ، ގަސްދޮށުގޭ އާދަމް ޝިފާއު އެވެ. އޭނާގެ އެ ދައުވާ ރައްދުވަނީ މ. ޝެރީން، ފާތިމަތު ޝީރީން އަބްދުﷲ މައްޗަށެވެ.

އޭނާ އަކީ ހޯމް މިނިސްޓްރީގެ ސްޓޭޓް މިިނިސްޓަރެކެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެންބަރު މުހައްމަދު ހުސައިންގެ އަނބިކަނބަލުންނެވެ.

ޝިފާއު މި ދައުވާ ކޮށްފައިވަނީ ޝެރީން، ގޭގެ ހަތަރުވަނަ ބުރީގެ ހަތަރު ވަނަ އެޕާޓްމަންޓުގެ އަސާސީ ހިދުމަތެއް ކަމަށްވާ ފެން ކަނޑާލާފައިވާތީ ތަނުގައި ދިރިއުޅޭ ފަރާތްތަކުގެ ޒަރޫރީ ބޭނުންތައް ނުފުދި އެތަކެއް ހައްގުތަކެއް ގެއްލި ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާތީ އެ ހިދުމަތް މިހިނދުން މިހިނދަށް އިއާދަކޮށް ދިނުމަށް ދައުވާ ލިބޭ ފަރާތަށާއި ކަމާބެހޭ މުއައްސަސާތަކަށް އަމުރުކޮށް ދިނުމަށެވެ. އެ އެޕާޓްމަންޓުން ފެން ކަނޑައިލި އިރު ކުޑަކުދިންނާއި މުސްކުޅިންް ވެސް އޭގޭގައި ދިރިއުޅެ އެވެ.

މި މައްސަލައާ ގުޅިގެން ސިވިލް ކޯޓުން މިއަދު ނެރުނު ވަގުތީ އަމުރުގައި ބުނެފައި ވަނީ ވަގުތީ އަމުރު ނެރެދިނުމުގައި ބަލަންޖެހޭ ކަމަށް ސުޕްރީމް ކޯޓުގެ ގަޒިއްޔާއަކުން ކަނޑަަޅާފައިވާ އާންމު ތިން ޝަރުތަށާއި "ޝަރީއަތް ކުރުމާބެހޭ ގޮތުން ހަދާފައިވާ ގަވައިދު ހައެއް" ގެ 295 ވަނަ މާއްދާގެ ހަތަރު ވަނަ ނަމްބަރުގެ (ހ) ގެ ހަތަރު ވަނަ ނަމްބަރާއި ފަސް ވަނަ ނަމްބަރަށް ރިޔާއަތް ކުރާއިރު މި މައްސަލާގައި ދައުވާ ކުރާ ފަރާތުން ވަގުތީ އަމުރަކަށް އެދި ހުށަހަޅާފައިވާ ކަންކަމަކީ ވަގުތީ އަމުރެއްގެ ދަށުން އެކަން ކަމަށް ފަރުވާއެއް ލިބިދޭންޖެހޭ ކަންތައްތަކެއް ކަމުގައި ޝަރީއަތަަށް ބުރަވެވޭ ކަމަށެވެ.

އަދި ސިވިލް ކޯޓްގައި އޮތް ގަޒިއްޔާއަށް ޝަރީއަތުން ވަކި ގޮތެއް އަންގަންދެން ނުވަތަ އެ ގަޒިއްޔާގައި ނިޔާއެއް ކަނޑަ އަޅަންދެން ހަތަރު ވަނަ ބުރީގެ ހަތަރު ވަނަ އެޕާޓްމަންޓްގެ ފެނާއި އަދި ޒަރޫރީ ހިދުމަތްތައް އެ ޕާޓްމަންޓުގައި ދިރިއުޅޭ ފަރާތްތަކުން އަގު އަދާ ކުރުމުގައި ދެމިތިބިހާ ހިނދަކު ކަނޑައި ނުލުމަށް ފާތުމަތު ޝީރީނުގެ އަބްދުﷲ ގެ މައްޗަށާއި ފެންކުންފުނި، އެމްޑަބްލިޔުއެސްސީ އަށާއި އަސާސީ އަދި ޒަރޫޒީ ހިދުމަތްތައްތައް ދޭ ކުންފުނިތަކަށް އަންގާއި އަމުރު ކުރާ ކަމަށެވެ.

އެ އަމުރާ ގުޅިގެން ސީރީންގެ ލޯޔަރު ވިދާޅުވީ، ފެން ކަޑާލަން ޖެހުނީ 2016 ވަނަ އަހަރުން ފެށިގެން ދެ ފަރާތް އެއްބަސްވެގެން އެތަން ކުއްޔަށް ދިނުމުގެ އެގްރިމަންޓް ބާތިލްކޮށްފައިވީ ނަމަވެސް ދައުވާ ކުރި ފަރާތުން އެ އެޕާޓްމަންޓުން އަދިވެސް ނުނިކުމެ ދިރިއުޅެމުން ދާތީ ކަމަށެވެ. އަދި ދިރިއުޅޭ މުއްދަތުގައި ވެސް، އެތަނަށް އެއްވެސް ކުއްޔެއް ދައްކަމުން ނުދިޔުމާއި ފެނާއި ކަރަންޓަށް ބޮޑު އަދަދެއް ކޮންމެ މަހަކު އަރަމުން ދާތީ އެއީ ވެރިފަރާތުގެ ކަންބޮޑުވުމެއް ކަމަށް ވަކީލް ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ، އެ އެޕާޓްމަންޓް ބާވެފައި ވާތީ، އެތަން މަރާމާތު ކުރަން ވެސް ބޭނުން ވެގެން އެތަނުން ނިކުތުމަށް މީގެ ކުރިން އެތައް ފަހަރަކު ނޯޓިސް ވެސް ފޮނުވާފައިވާ ކަމަށެވެ. އެހެން ނަމަވެސް، އޭގެ އެއްވެސް ކަމަކަށް އެތަނުގައި އުޅޭ ފަރާތުން އަމަލުކޮށްފައި ނުވާ ކަމަށް ލޯޔަރު ވިދާޅުވި އެވެ.