ދުނިޔެ

ކިއުބާގައި ކާސްޓްރޯ އާއިލާގެ ވެރިކަން ނިމިއްޖެ

ކިއުބާގައި 1959 ވަނަ އަހަރުން ފެށިގެން ވެރިކަން ކުރަމުން އައި ކާސްޓްރޯ އާއިލާގެ ވެރިކަން ނިމި އެހެން އާއިލާއެއްގެ ބޭފުޅަކަށް ވެރިކަން ލިބިވަޑައިގެންފިއެވެ.

ކިއުބާއަށް 1959 ވަނަ އަހަރު ގެނައި އިންގިލާބަށް ފަހު 2006 ވަނަ އަހަރާ ހަމައަށް ވެރިކަމުގައި ހުންނެވީ އެ އިންގިލާބުގައި އެންމެ އިސްކޮށް ހުންނެވި ފިޑެލް ކާސްޓްރޯއެވެ. ފިޑެލްގެ އުމުރުފުޅުން ދުވަސްވެ، އާލާސްކަންފުޅު ބޮޑުވުމުން ވެރިކަންް ހަވާލުކުރެއްވީ ކޮއްކޯފުޅު ރައުލް ކާސްޓްރޯއަށެވެ.

މިހާރު އުމުރުފުޅުން ވަރަށް ދުވަސްވެފައިވާ ރައުލް ކާސްޓްރޯ ކިއުބާގެ ރައީސްކަން މިއަދު ހަވާލުކުރެއްވީ މިގުއަލް ޑިއޭޒް ކާނެލް ނަމަކަށް ކިޔާ ބޭފުޅަކަށެވެ. ކާނެލް އަކީ ކާސްޓްރޯ އާއިލާގެ ބޭފުޅަކަށް ނުވުމުގެ އިތުުރުން އޭނާއަކީ ކިއުބާގެ އިންގިލާބުގައި ބައިވެރިވެވަޑައި ނުގަންނަވާ، އެ އިންގިލާބުގެ ފަހުން އުފަންވި ބޭފުޅެއް މެއެވެ. އެކަމަކު އޭނާއަކީ ރައުލް ކާސްޓްރޯގެ ވަރަށް އަރިސް ބޭފުޅެކެވެ. އެގޮތުން ކިއުބާގައި ކާސްޓްރޯ އާއިލާގެ ނުފޫޒު އަދި ކުޑައެއް ނުވާނެއެވެ.

ކިއުބާގެ ރައީސްކަމުގެ ހުވާ މިއަދު ކުރެއްވި ކާނެލް އެމަގާމަށް ގެންނަން ވެރިކަން ކުރާ ކޮމިއުނިސްޓް ޕާޓީން ވޯޓު ލީ މިދިޔަ މާޗުމަހުއެވެ. އެދުވަހުގެ ވޯޓުގައި އެޕާޓީގެ ނެޝަަނަލް އެސެމްބްލީގެ 605 މެމްބަރުންމެ ވޯޓުދިނީ ކާނެލްއަށެވެ.

މަގާމާ ހަވާލުވެވަޑައިގެންނެވުމަށް ފަހު ގައުމާ މުހާތަބުކުރައްވަމުން ކާނެލް ވިދާޅުވީ އޭނާގެ ޒިންމާއަކީ ކިއުބާގެ އިންގިލާބު ދެމިގެން ދާނެކަން ކަށަަރު ކުރުން ކަމަށެވެ.
ހުވައިކުރެއްވުމަށްޓަކައި ނެޝަނަލް އެސެމްބްލީގެ ޗެމްބަރަށް ވެދެވަަޑައިގެންނެވީ ރައުލް ކާސްޓްރޯ އަރިހުގައި އޭނާގެ އަތްޕުޅުގައި ހިއްޕަވައިގެންނެވެ.

"އިންގިލާބު އޭގެ ގޮތުގައި ދެމިގެންދާނެ" ނެޝަނަލް އެސެމްބްލީގެ މެމްބަރުންނަށް ޔަގީންކަން ދެއްވަމުން އޭނާ ވިދާޅުވިއެވެ.

ކިއުބާއަށް ގެންނާނެ ބަދަލުތައް ނިންމާނީ ރައްޔިތުން ކަމަށް ވިދާޅުވި ނަމަވެސް ކާނެލް ވިދާޅުވީ އެގައުމުގެ ހާރިޖީ ސިޔާސަތަށް ބަދަލެއް ނާންްނާނެ ކަަމަށެވެ. އަދި ވިދާޅުވީ ކެޕިޓަލިޒަމްއަށް އެގައުމުގައި އަދިވެސް ޖާގަ ނެތް ކަމަށެވެ. - ބީބީސީ