ސިއްހަތު

އެޕެންޑިކްސް ދުޅަވުން، ބޭސް ގުޅައަކުން ނިންމާލުމުގެ އުއްމީދު އާވެއްޖެ

May 20, 2015
1

އެޕެންޑިކްސް ދުޅަވުމަކީ ވަރަށް  އާއްމުކޮށް  މީހުންނަށް ދިމާވާ މައްސަލައެކެވެ. އަދި ޑޮކްޓަރަށް ދެއްކުން ލަސްވެއްޖެނަމަ މިއީ ގިނަ ފަހަރަށް މީހާގެ ފުރާނައަށް ނުރައްކާވާ ކަމެއްވެސް މެއެވެ. އެހެންކަމުން އެޕެންޑިކްސް ދުޅަވުމުގެ މައްސަލަ މާބޮޑަށް ކުރިމަތިވެއްޖެ ނަމަ، ނުވަތަ ޙާލަތު އިތުރަށް ގޯސްވެދާނެހެން ހީވާނަމަ، އަވަސް ގޮތެއްގައި އޮޕަރޭޝަންކޮށް، އެޕެންޑިކްސް ނަގައެވެ. އެމެރިކާގައި ކޮންމެ އަހަރަކު ތިން ލައްކަޔަށްވުރެ ގިނަ މީހުން އެޕެންޑިކްސް ސާޖަރީ ހަދައެވެ.

ނަމަވެސް ޑޮކްޓަރުންގެ ޓީމަކުން މިވަނީ މިކަމަށް  އެހެން ޙައްލެއް ލިބިދާނެ ކަމުގެ އުއްމީދު އާކޮށްދީފަ އެވެ. އެންޓިބަޔޮޓިކް ބޭހެއްގެ އެހީގައި އެޕެންޑިކްސް ދުޅަވުން ރަނގަޅު ކުރެވިދާނެ ކަމަށް އެމީހުން ބުނެއެވެ.

މިކަން ހާމަ ކުރީ ޔޫރަޕްގައި އެޕެންޑިކްސް ދުޅަވުމުގެ މައްސަލަ ދިމާވި ހާހެއްހާ މީހުން ހިމެނޭ ގޮތަށް ކުރެވުނު ފަސް ދިރާސާއެއްގެ ނަތީޖާއަށް ބިނާކޮށްފައެވެ. ދިރާސާއިން އެނގުނުގޮތުގައި މި ބޭސް ކެއި މީހުންގެ ތެރެއިން 70 ޕަސެންޓް މީހުން އެޕެންޑިކްސް ސާޖަރީ ނުކޮށް މުޅިން ރަނގަޅު ވެފައި ވެއެވެ.

އަދި ބޭސް ކެއުމަށްފަހުވެސް ރަނގަޅު ނުވެގެން ސާޖަރީ ކުރި މީހުންނަށް، ސާޖަރީއަށްފަހު އިތުރު އެއްވެސް އުނދަގުލެއް ކުރިމަތި ނުވާ ކަމަށް ވެއެވެ. އެއްގޮތަކަށްވެސް މި ބޭސް ނުކާ މީހުންނަށް ސާޖަރީއަށްފަހު އިތުރު އުނދަގޫތައް ތަހައްމަލު ކުރަން ޖެހޭކަން ފާހަގަކުރެވިފައިވެއެވެ.

އެމެރިކާގެ ޔުނިވާސިޓީ އޮފް ކެލިފޯނިޔާގެ އެމަޖެންސީ މެޑިސިންގެ ދާއިރާގެ ސްޕެޝަލިސްޓެއް ކަމަށްވާ ޑރ. ޑޭވިޑް ޓަލާން ވިދާޅުވީ މި ބޭހަކީ އެޕެންޑިކްސް ދުޅަވުމުގެ މައްސަލަޔަށް އެދެވޭ ފަރުވާއަކަށް ވެދާނެކަމަށް ވަރަށް ބޮޑަށް އިތުބާރު ކުރެވޭ ކަމަށެވެ. އަދި މި ބޭސް ދީގެން އިތުރު ކްލިނިކަލް ޓްރަޔަލްތައް ހިންގުމަށް ތައްޔާރުވަމުންދާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.