ބޮލީވުޑް

ޝާހިދާއި މީރާއަށް އަނެއްކާވެސް ކުއްޖަކު ލިބެނީ

ބޮލީވުޑްގެ މަޝްހޫރު ބަތަލް ޝާހިދު ކަޕޫރް އަދި އަންހެނުން މީރާ ރާޖްޕުތްއަށް ދެ ވަނަ ކުއްޖެއް ލިބެން އުޅޭ ކަމަށް ޝޯޝަލް މީޑިއާގައި ވާހަކަދެކެވެމުން އަންނަތާ ދުވަސްތަކެއް ވެއްޖެ އެވެ. އެ ދެމަފިރިން މިހާރު ވަނީ މި ހަބަރު ކަށަވަރުކޮށްދީފަ އެވެ.

ދެ ވަނަ ކުއްޖަކު ލިބޭކަން ކަށަވަރުކޮށްދިނީ ޝާހިދު އޭނާގެ އޮފިޝަލް އިންސްޓަގުރާމްގައި ކުރި ޕޯސްޓެއްގަ އެވެ.

މި ހަބަރު ކަށަވަރުކޮށްދީ ޝާހިދު ރޭ އިންސްޓަގްރާމްގައި ވަނީ އޭނާގެ ދަރިފުޅު މިޝާގެ ފޮޓޯއެއް އާންމުކޮށްފަ އެވެ. އެ ފޮޓޯގައި އެއް ފަރާތެއްގައި ފުއްޕާހަންތަކެއް ކުރަހާފައިވާއިރު، އޭގެ މަތީގައި "ބިގް ސިސްޓާ" ލިޔެފައިވެ އެވެ.

ބޮލީވުޑާއި އެއްވެސް ގުޅުމެއް ނެތް މީރާ އާއި ޝާހިދު ކައިވެނި ކުރީ 2015 ގަ އެވެ. އެ ދެ މީހުން ކައިވެނިކުރުން ވެގެންދިޔައީ ޝާހިދުގެ އެތަކެއް އަންހެން ފޭނުންނަކަށް ހައިރާންކަން ލިބުނު ކަމަކަށެވެ.

ބޮލީވުޑްގެ މަޝްހޫރު ބައެއް ބަތަލާއިންނާއި ލޯބީގެ ގޮތުން ގުޅިގެން އުޅުނު ޝާހިދު އޭނާއަށް ވުރެން 14 އަހަރު ހަނގު މީރާއާއި ކައިވެނިކުރި އިރު އެ ދެމީހުން ބައްދަލުވެފައި ވަނީވެސް މަދު ފަހަރެއްގަ އެވެ.

އެ ދެމީހުން ކައިވެނި ކުރީ ދެ ފަރާތުގެ އާއިލާގެ އެދުމުގެ މަތިންނެވެ. އަލަތު ކުއްޖެއް ލިބުނީ ކައިވެނި ކުރިތާ އަހަރެއްވީތަނާ އެވެ. މީރާއާއި ޝާހިދު ވެސް ވަނީ ދެވަނަ ކުއްޖަކު އަވަހަށް ހޯދަން ބޭނުންވާކަމަށް ބުނެ މީޑިއާގައި މީގެ ކުރިން ވާހަކަދައްކާފަ އެވެ.