ވިޔަފާރި

މިދިޔަ މަހާ ހަމައަށް ރާއްޖޭގެ އޮކިއުޕެންސީ ހުރީ 73 ޕަސެންޓުގައި

Apr 21, 2018

މި އަހަރުގެ މިހާތަނަށް އައިއިރު ރާއްޖޭގެ ޓޫރިޒަމްގެ އޮކިއުޕެންސީ ހުރީ 73 ޕަސެންޓުގައި ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި އެވެ. ޓޫރިޒަމް މިނިސްޓްރީ އިން ބުނަނީ މިއީ ވަރަށް ރަނގަޅު ކުރިއެރުމެއް ކަމަށެވެ.

މާޗް މަހުގެ ނިޔަލަށް ނެރެފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް ރާއްޖޭގެ އެވްރެޖު އޮކިއުޕެންސީ ހުރީ 73.9 ޕަސެންޓުގަ އެވެ. ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތުގައި ހުރީ 69 ޕަސެންޓުގައި އެވެ. އެހެންވެ މިއީ 4.9 ޕަސެންޓް އިތުރު ވުމެކެވެ.

މިދިޔަ މަހުގެ ނިޔަލަށް ރާއްޖެ އަށް 420,103 މީހުން ޒިޔާރަތް ކޮށްފައިވެ އެވެ. މިއީ މިދިޔަ އަހަރު އައި 359,053 މީހުންނާ އަޅާ ބަލާއިރު 17 ޕަސެންޓް އިތުރުވުމެކެވެ. އަދި މީގެތެރޭގައި 200,398 ފިރިހެނުންނާއި 219,705 އަންހެނުން ހިމެނެ އެވެ.

މި އަހަރުގެ މިހާތަނަށް ޓޫރިސްޓުން ރާއްޖޭގައި 2,709,572 ރޭ ހޭދަކޮށްފައިވެ އެވެ. މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޓޫރިސްޓުން ހޭދަކުރި 2,322,971 ރެއާ އަޅާ ބަލާއިރު 16.6 ޕަސެންޓް އިތުރުވުމެކެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނި ގޮތުގައި މިދިޔަ މަހުގެ ނިޔަލަށް ރާއްޖޭގެ 758 ތަނެއްގައި ދަނީ ޓޫރިސްޓުންނަށް ހިދުމަތް ދެމުންނެވެ. މި ތަންތަނުގައި ޖުމުލަ 41,894 އެނދު ގާއިމް ކޮށްފައިވެ އެވެ. މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ހުރި 710 ތަނާއި 38,719 އެނދާ ބަލާއިރު 8.2 ޕަސެންޓް އިތުރުވުމެކެވެ.