ވިޔަފާރި

ގެސްޓް ހައުސް އައިލެންޑް މަޝްރޫއުގެ ބޮޑު ބައެއް ވިކިއްޖެ

May 20, 2015

ކުދި އަދި މެދު ފަންތީގެ ޓޫރިޒަމް ވިޔަފާރިއަށް އަމާޒުކޮށްގެން ހަދާ ގެސްޓް ހައުސް އައިލެންޑުން މި ވަގުތު ވިއްކަން ކަނޑައަޅާފައިވާ ތަންތަނުގެ ބޮޑު ބައެއް ވިކިފައިވާ ކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބުނެފި އެވެ.

ގެސްޓް ހައުސް އައިލެންޑެއްގެ ގޮތުގައި ތަރައްގީ ކުރާ ލ. ތުނބުރި އާއި ހުޅިޔަންދޫ މަޝްރޫއާ ބެހޭ ގޮތުން އެމްއެމްޕީއާރުސީގެ ޑިރެކްޓަރު މުހައްމަދު އަސީލް ވިދާޅުވީ ގެސްޓް ހައުސް އައިލެންޑް މަޝްރޫއުގެ ދަށުން ވިއްކުމަށް ކަނޑައެޅި ތަންތަނުގެ 70 ޕަސެންޓް ވިކިފައިވާ ކަމަށާއި، މި މަޝްރޫއަށް ބޮޑު ތަރުހީބެއް ލިބެމުން ދާ ކަމަށެވެ.

އޭނާ ވިދާޅުވީ މިހާރު ކުރަމުން ދަނީ ތުނބުރީގެ ބަނދަރު ހެދުމަށް ބަޔަކާ ހަވާލު ކުރުމުގެ މަސައްކަތް ކަމަށެވެ.

"މަސައްކަތް ކުރަމުން މިދަނީ ބަނދަރު ހަދަން ބަޔަކާ ހަވާލު ކުރުމުގެ ކަންތައް. މިބަލަނީ އަންނަ ހަފުތާ ތެރޭ ހަވާލު ކުރެވޭ ވަރު ވާނެ ކަމަށް،" އަސީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބަނދަރުގެ މަސައްކަތް ފެށުމުން މި މަޝްރޫއުގެ ބާކީ އޮތް ބައި ވެސް އިއުލާނު ކުރާނެ ކަމަށެވެ.

"މިއީ ވަރަށް ބޮޑު މަޝްރޫއެއް. އެހެންވެ ގިނަ މަސައްކަތް ތަކެއް ކުރަން ޖެހޭ. ބަނދަރުގެ މަސައްކަތް ފެށުމުން އިތުރު އިންވެސްޓަރުންގެ ތަރުހީބު ލިބިގެން ދާނެ،" އަސީލް ވިދާޅުވި އެވެ.

ގެސްޓް ހައުސް އާއި މޫދު ކޮޓަރީގެ ރިސޯޓުތައް ހިމެނޭ ގޮތަށް ތަރައްގީކުރާ ގެސްޓް ހައުސް އައިލެންޑުގެ ކޮންސެޕްޓަކީ ރާއްޖެއަށް މުޅިން އަލަށް ހުޅުވާލާފައިވާ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން ތުނބުރީގައި ހަދާ 20 ބިމެއް ބިޑަށް ލައި ވަނީ ކުރިމަތިލި ފަރާތްތަކާ ހަވާލުކޮށްފަ އެވެ. އަދި މި މަޝްރޫއުގެ ދަށުން ތިން ބީޗް ރިސޯޓެއް ވެސް ހަދާނެ އެވެ.

އެމްއެމްޕީއާރުސީން ބުނެފައިވާ ގޮތުގައި 2017 ވަނަ އަހަރު ގެސްޓް ހައުސް އައިލެންޑް ހުޅުވުމުން އެއްލައްކަ އަށްވުރެ ގިނަ ޓޫރިސްޓުން ޒިޔާރަތް ކުރާނެ އެވެ.