ދުނިޔެ

އިޒްރޭލުން އަނެއްކާވެސް ފަލަސްތީނު މީހުންތަކެއް މަރާލައިފި

އިޒްރޭލާއި ޣައްޒާ ގުޅޭ ސަރަހައްދީ ރޮނގުގެ ކައިރީގައި މުޒާހަރާކުރަން ތިބި ފަލަސްތީނުމީހުންގެ ތެރެއިން ހަތަރު މީހަކު އިޒްރޭލުން އަނެއްކާވެސް މަރާލައިފިއެވެ.

" ދަ ގްރޭޓް މާޗް އޮފް ރިޓާން" ގެ ނަމުގައި ފަލަސްތީނު މީހުން ފެށި މުޒާހަރާގެ ތެރެއަށް ކުރީ ހަފުތާގެ ހުކުރުދުވަހުވެސް އިޒްރޭލުން ބަޑިޖެހިއެވެ. އިއްޔެގައި މަރަައިލި ހަތަރުމީހުންނާ އެކު ، މުޒާހަރާގެ ތެރެއިން އިޒްރޭލުން މެރި މީހުންގެ އަދަދު މިހާރު ވަނީ 35 އަށް އަރާފައެވެ. ވަޒަނުން ބޭރުކޮށްލާފައިވާ ފަލަސްތީނުމީހުން އަނބުރާ އިއާދަކުރަން ގޮވާލައި " ދަ ގްރޭޓް މާޗް އޮފް ރިޓާން" ގެ ނަމުގައި ފަލަސްތީނު މީހުން މުޒާހަރާ ފެށީ މިދިޔަ މާޗްމަހުގެ 30 ވީ ހުކުރުދުވަހުއެވެ.

ފަލަސްތީނުގެ ހެލްތުމިނިސްޓްރީއާ ހަވާލާދީ ރޮއިޓާސް ބުނީ ހުކުރު ދުވަހު އިޒްރޭލުން ދިން ބަޑީގެ ހަމަލާތަކުގައި މަރުވި ހަތަރުމީހުންގެ ތެރޭގައި 15 އަހަރުގެ ކުއްޖަކުވެސް ހިމެނޭ ކަމަށެވެ. އަދި ބުނީ އެހަމަލާތަކުގައި 156 މީހުން ޒަހަމްވެސް ވި ކަމަށެވެ.


ޣައްޒާގެ ރައްޔިތުން މުޒާހަރާއަށް ނުކުތީ އިޒްރޭލު އުފެއްދުމަށް ފަލަސްތީނުގެ ބިންތައް ފޭރިގަތުމުން ރެފިއުޖީންނަށްވެފައިވާ ފަލަސްތީނު މީހުން އެނބުރި އެމީހުންގެ ވަޒަނަށް އައުމަށް ފުރުސަތު ދިނުމަށް ގޮވައިލުމަށެވެ. ޣައްޒާ ކޮންޓްރޯލް ކުރަމުން އަންނަ ހަމާސް ޖަމާއަތުން ބުނީ އަންނަ މެއިމަހުގެ 15 ވަނަ ދުވަހާ ހަމައަށް މުޒާހަރާތައް ކުރިއަށް ގެންދާނެ ކަަމަށެވެ. މެއިމަހުގެ 15 ވަނަ ދުވަހަކީ " ނަކުބާ ދުވަސް" ( ހިތާމައިގެ ދުވަސް) ގެ ގޮތުގައި ފަލަސްތީނު މީހުން ފާހަގަ ކުރާ ދުވަހެކެވެ. އެއީ އިޒްރޭލު އުފެއްދުމަށް ޓަކައި ފަލަަސްތީނުގެ އެތައް ހާސް މީހުންނެއް ގެދޮރުން ނެރެލި ދުވަހެވެ. އެ ޖަރީމާ ހިންގީ 1948 ވަނަ އަހަރުގެ މެއިމަހުގެ 15 ވަނަ ދުވަހުއެވެ.