ދުނިޔެ

ސައުދީގެ ސިނަމާތައް ހުޅުވައިލުމާ އެކު ހައުސްފުލް ޝޯއެއް

Apr 21, 2018
2

ސައުދީ އަރަބިއްޔާގައި ސިނަމާތައް ހިންގުން މަނާކޮށްފައި އޮންނަތާ 35 އަހަރު ފަހުން އެކަން އަލުން ހުއްދަކޮށް، ސިނަމާތައް ރަސްމީކޮށް ހުޅުވީ ބުދަދުވަހުގެ ރެއެވެ. ނަމަވެސް އެރޭ ދެއްކި ފިލްމަށް ދިޔައީ ހުޅުވުމުގެ ރަސްމިއްޔާތަށް ސައުދީ ސަރުކާރުން ދައުވަތު ދީގެން ދިޔަ މީހުންނެވެ.އޭގެ ތެރޭގައި ބޭރުގައުމުތަކުން އައިސްތިބި މެހުމާނުންނާއި ފިލްމް އިންޑަސްޓްރީގެ މީހުން ހިމެނެއެވެ. އޭގެ ފަހުން އާއްމުންނަށް ހުޅުވާލައިގެން ސައުދީ ސިނަމާއެއްގައި ފިލްމެއް ދެއްކީ ރޭގައެވެ.

ޚަލީޖް ޓައިމްސް ނޫހުން މިއަދު ބުނީ ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒުގައިވާ ކިންގް އަބުދުﷲ ފައިނޭންޝަލް ޑިސްޓްރިކްޓްގައިވާ ސިނަމާގައި ރޭ ދެއްކި ފިލްމަށް "ހައުސްފުލްކޮށް" އަންހެނުންނާއި ފިރިހެނުން ވަދެ ތިބި ކަމަށެވެ. ރޭގައި ދެއްކީ މިއަހަރުގެ މިހައިތަނަށް އެންމެ ބޮޑު އާމްދަނީއެއް ހޯދާފައިވާ ހޮލީވުޑް އެޖްޝަން ފިލްމު " ބްލެކްޕެންތާ"އެވެ.

ސައުދީގައި ސިނަމާ ހުޅުވަން ހުއްދަ ދިނީ އެގައުމަކީ ޒަމާނީ ގައުމަކަށް ހެއްދެވުމުގެ ނަމުގައި ރަސްގެފާނު ސަލްމާން ބިން އަބުދުލް އަޒީޒު އަލް ސައުދު ގެ ދަރިކަލުން މުހައްްމަދު ބިން ސަލްމާން ކުރިއަށް ގެންނަވަމުން ގެންދަވާ ބަދަލުތަކުގެ ތެރެއިންނެވެ. ނުފޫޒު ގަދަ މުޙައްމަދަކީ ސައުދީ ވަލީ އަހުދު އަދި ޑިފެންސް މިނިސްޓަރުވެސް މެއެވެ.

"ވިޝަން 2030" ގެނަމުގައި މުހައްމަދު ކުރިއަށް ގެންދަވާ އެޖެންޑާގައިި ހިމެނޭ މި ބަދަލު އިއުލާނު ކުރެއްވީ ފާއިތުވި 2017 ވަނަ އަހަރުގެ ޑިސެމްބަރުމަހުއެވެ.

ރޭގެ ޝޯއާ ބެހޭ ގޮތުން ސައުދީ ކަލްޗާ އެންޑް އިންފޮމޭޝަން މިނިސްޓަރު ޑރ. އައްވާދު އަލް އައްވާދު ޚަލީޖް ޓައިމްސްއާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައި ވަނީ ޝޯ ހައުސްފުލްވުމުން ދައްކައިދެނީ ދުނިޔޭގައި ނެރޭ ބޮޑެތި ފިލްމުތައް ބަލަން ސައުދީ މީހުން ބޭނުންވެފައި ތިބި ވަރުކަމަށެވެ.

" ފިލްމު ބަލަން އެމީހުން މިހާރު ގައުމުން ބޭރަށް ދާކަށް ނުޖެހޭނެ،" އޭނާ ވިދާޅުވިއެވެ.