ދުނިޔެ

ރޭޕްކުރާ މީހުންނަށް މަރުގެ އަދަބުދޭން އިންޑިއާއިން އެންމެފަހުން ނިންމައިފި

ކުދި އަންހެންކުދިން ރޭޕްކުރާ މީހުންނަށް މަރުގެ އަދަބުދޭ ގޮތަށް ގާނޫނު ބަދަލުކުރަން އިންޑިއާ ސަރުކާރުން ނިންމައިފިއެވެ.

ރޮއިޓާސް ބުނީ ރޭޕްކުރުމުގެ ކުށަށް އަދަބު ކަނޑައަޅާފައިވާ ގާނޫނަށް ގެންނަން އިންޑިއަ ކެބިނެޓުން ނިންމާފައިވާ ބަދަލުތަކުގެ ދެލިކޮޕީއެއް އެ އެޖެންސީއަށް ލިބިފައިވާ ކަަމަށެވެ. ރޮއިޓާސްއަށް ލިބިފަައިވާ ދެލިކޮޕީގައިވާ ގޮތުން މަރުގެ އަދަބުދޭނީ އުމުރުން 12 އަހަރުން ފެށިގެން ދަށުގެ އަންހެން ކުދިން ރޭޕްކުރާ މީހުންނަށް އެކަންޏެވެ. ނަމަވެސް އުމުރުން 16 އަހަރުން ދަށުގެ ކުދިން ރޭޕްކުރާ މީހުން ޖަލަށްލާ އެންމެ ކުރު މުއްދަތުވެސް އަލުން ކަނޑައަޅަން ވެސް ވަނީ ނިންމާފައެވެ.

ރޭޕްކުރާ މީހުންނަށް މަރުގެ އަދަބު ދެވޭ ގޮތަށް ގާނޫނު ބަދަލުކުރަން އިންޑިއާ ސަރުކާރުން ނިންމާފައި މިވަނީ އުމުރުން އެންމެ އަށް އަހަރުގެ ކުއްޖަކު ރޭޕްކޮށް މަރައިލި ހާދިސާއަކާ ގުޅިގެން މުޅި އެގައުމުގައި މުޒާހަރާތަކެއް ކޮށްފައި ވަނިކޮށެވެ. އިންޑިއާއަކީ ގިނަ ކުށްތަކަކަށް މަރުގެ އަދަބުދޭ ގައުމަކަަށް ވިޔަސް ކުޑަކުއްޖަކު ރޭޕްކުރާ މީހުންނަށް މީގެ ކުރިން މަަރުގެ އަދަބު ކަނޑައަޅާފައެއް ނުވެއެވެ.

އިންޑިއާގައި 2016 ވަނަ އަހަރު އެކަނި ރޭޕްގެ 19000 މައްްސަލަ ހުށަހަޅާފައި ވެއެވެ.

ރޭޕްކުރާ މީހުންނަށް މަރުގެ އަދަބުދޭން ނިންމީ ކީއްވެ؟

ކަޝްމީރުގެ އިންޑިއާ ފަޅީގައި ހިންދޫންގެ ބަޔަކު އުމުރުން އެންމެ އަށް އަހަަރުގެ މުސްލިމް އަންހެން ކުއްޖަލު ރޭޕްކޮށް މަރައިލި ގޮތުގެ ތަފުސީލުތައް އެގައުމުގެ ފުލުހުން ހާމަކުރުމުން މުޅި އިންޑިއާގައި ބޮޑެތި މުޒާހަރާތަކެއް ކުރީ މިހިނގާ އޭޕްރިލްމަހުގެ ކުރީކޮޅުގައެވެ. އިންޑިއާގެ އުތުރުގެ ސްޓޭޓެއް ކަމަށްވާ އުއްތަރުޕްރަދޭޝްގައި ވެރިކަން ކުރާ ބާރަތިޔާ ޖަނަތާ ޕާޓީ ( ބީޖޭޕީ)ގެ އިސް މީހަކު އުމުރުން 16 އަހަރުގެ ކުއްޖަކު ރޭޕްކުރި ކަމުގެ ތުހުމަތުކުރެވުނީވެސް މިމަހުއެވެ.

ރޭޕްކުރާ މީހުންނާ މެދު ގާނޫނު ހިންގާ ފަރާތްތަކުން ހަރުކަށިނުވާ މައްސަލައިގައި މީހުން އިންޑިއާ މީހުން އެންމެ ރުޅި އައީ 2012 ވަނަ އަހަރު ވެރިރަށް ދިއްލީގެ މަގެއްގެ މަތިން ދުއްވި ބަހެއްގައި ޒުވާން އަންހެނަކު ރޭޕްކުރި މައްސަލަައާ ގުޅިގެންނެވެ. އެހާދިސާއާ ގުޅިގެން ވެސް މުޅި އިންޑިއާގައި ބޮޑެތި މުޒާހަރާތައް ކުރިއެވެ.

އިންޑިއާގައި މަރުގެ އަދަބުދެނީ ކިހިނެތް؟

އިންޑިއާގައި އެކި ކުށްތަކަށް މަރުގެ އަދަބު ކަނޑައަޅާފައި އޮތަސް އެއަދަބު ދެނީ ވަރަށް މަދުންނެވެ. އެގޮތުން ފާއިތުވި 10 އަހަރުގެ ތެރޭގައި މަރުގެ އަދަބުދީފައި ވަނީ އެންމެ ތިން މީހުންނަށެވެ.

ފާހަގަކޮށްލެވޭ ކަމަކީ ދިއްލީގެ މަގެއްގެ މަތީ ދުއްވި ބަހެއްގައި 2012 ވަަނަ އަހަރު އަންހެނަކު ރޭޕްކޮށްލުމުގައި ބައިވެރިވި ހަތަރުމީހަކަށް މަރުގެ ހުކުމް އިއްވާފައި ވިޔަސް އެކަން ތަންފީޒު ނުކުރާ ކަމެވެ.

އިންޑިއާގައި މަރުގެ އަދަބުދެނީ ދަންޖައްސައިގެންނެވެ. އެއަދަބު އެންމެ ފަހުން މީހަކަށް ދިނީ 2015 ވަނަ އަހަރުއެވެ. އެއީ މުމްބާއީގައި 1993 ވަނަ އަހަރު ދިން ޓެރަރިސްޓް ހަމަލާއަށް ހަރަދުކުރިކަމުގެ ކުށް ސާބިތުވި މީހަކަށެވެ.