ރާއްޖެ ކުޅިވަރު

ގްރީން ސްޓްރީޓްގެ ފުޓްބޯޅަ އެކެޑެމީ ދ. މީދޫގައި ހުޅުވައިފި

ކުލަބު ގްރީން ސްޓްރީޓްގެ ފުޓްބޯޅަ އެކެޑެމީ ދ. މީދޫގައި ހުޅުވައިފި އެވެ. އެކެޑެމީ ހުޅުވީ 74 ކުދިންނާއެކު އެވެ. އެކެޑޭމީ ފުރަތަމަ ފެށީ ފަސް އަހަރާ 10 އަހަރާ ދެމެދުގެ ކުދިންނަށް އަމާޒުކޮށެވެ.

ގްރީންގެ އެކެޑެމީ ހުޅުވުމަށް ދ. މީދޫގައި ބޭއްވި ރަސްމިއްޔާތުގައި އެކޭޑެމީ ރަސްމީކޮށް ހުޅުވައި ދިނީ އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓާ ތުރުކީގެ ކޭން ވަންލީ އެވެ. ގްރީން ޑެލިގޭޝަންގައި އެ ޓީމުގެ ސިނިއާ ޓީމުގެ ހެޑް ކޯޗް އަލީ ސުޒޭން ވެސް ދ. މީދޫ އަށް ދިޔަ އެވެ. އަދި ސީނިއާ ޓީމުގެ ބައެއް ކުޅުންތެރިންވެސް ވަނީ މީދުއަށް ގޮސްފަ އެވެ.

ގްރީންސްޓްރީޓްގެ އެކްޒެކެޓިވް މެންބަރު މީކާއީލް ނައުފަލު (މިކީ) ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ގްރީންގެ އެކެޑެމީތައް އެހެން ރަށްރަށުގައިވެސް ހުޅުވާނެ ކަމަށެވެ.

"އެހެން ރަށްރަށުގައިވެސް އެކެޑެމީ ހުޅުވުމަށް އަޅުގަނޑުމެން މިދަނީ ތައްޔާރު ވަމުން، މަސައްކަތް މި ކުރަނީ ހަތަރު މަސް ފަހުން އެހެން ރަށެއްގައި އެކެޑެމީ ހުޅުވަން، މިހާރު އެ ރަށުގައިވެސް އެކެޑެމީ ފެށުމަށް ވާން ޖެހޭ ސެޓަޕް އެކުލަވާލުމުގެ މަސައްކަތް ދަނީ ކުރެވެމުން." ނައުފަލު ވިދާޅުވި އެވެ.

ގްރީން ސްޓްރީޓްގެ އިތުރުން ފުރަތަމަ ޑިވިޝަންގެ ބައެއް އެހެން ކުލަބުތަކުންވެސް ވަނީ އަތޮޅު ތެރޭގައި އެކެޑެމީތައް ހުޅުވާފަ އެވެ. އެގޮތުން މާޒިޔާ އާއި ނިއު ރޭޑިއަންޓް ހިމެނެ އެވެ. އަދި ޓީސީން ދަނީ ފުވައްމުލަކުގައި ބޮޑު އެކެޑެމީއެއް ހުޅުވުމަށް ތައްޔާރު ވަމުނެނެވެ. ޓީސީ ން ވަނީ އެކުލަބުގެ ގްރާންސް ރުޓް ފުޓްބޯޅަ މުޅި ރާއްޖެއަށް ފުޅާ ކުރުމުގެ ގޮތުން ބޭރުގެ ތަޖުރިބާ ކާރެއް ގެނެސްގެން މަސައްކަތް ފަށާފަ އެވެ.

މާޒިޔާގެ އެކެޑެމީ އުތުރުގެ ތިން ރަށެއްގައި މިހާރުވެސް ހިންގަ އެވެ. ރާއްޖޭގެ ފުޓްބޯޅައަށް ހުނަރު އެންމެ ގިނައިން އުފެދެނީ އަތޮޅު ތެރެއިންނެވެ. ނަމަވެސް އަތޮޅު ތެރޭގައި ނެތީ ރަނގަޅު ގްރާސްރޫޓް ސިސްޓަމެކެވެ.

ގްރީންގެ އެކެޑެމީގެ ކޯޗުންގެ ގޮތުގައި ހަރަކާތްތެރިވާނީ އޭއެއެފްސީ ސީ ލައިސެންސް ލެވަލްގެ ކޯޗުންނެވެ.