ދުނިޔެ

ޑްރެގަންބޯޓްތަކެއް ބަންޑުން ޖަހާލައި ޗައިނާގެ 17 މީހަކު މަރުވެއްޖެ

ޗައިނާގެ ކޯރެއްގައި ޑްރެގަންް ބޯޓު ދުއްވަން ދަސްކުރަން ބަޔަކު ދުއްވި ދެބޯޓެއް ބަންޑުންޖަހާލައި 17 މީހުން މަރުވެއްޖެއެވެ.

ޗައިނާ ސަރުކާރުގެ ގްލޯބަލް ޓައިމްސް ނޫހުން ބުނީ ގުއާންޒީޒުއާން ނަމަކަށް ކިޔާ ސަރަހައްދުގައި ، ޓައޮހަޖިއާން ނަމަކަށް ކިޔާ ކޯރުގެ ތެރޭގައި ހިނގި އެހާދިސާ ހިނގީ ޑްރެގަން ބޯޓު ދުއްވަން ޕްރެކްޓިސްކުރަން އުޅުމުގެ ތެރޭގައި ކަމަށެވެ. އެހާދިސާގައި ބަންޑުން ޖަހާލީ ދެބޯޓެވެ.

ޑްރެގަން ބޯޓަކީ ޗައިނާގެ ސަގާފީ އުޅަނދެކެވެ. ހިމަ ދިގުކޮށް، އެއްގަހުން ހަދާފައި ހުންނަ އެ އުޅަނދު ބޭނުންކުރަނީ ގިނަ ބަޔަކު އަރައިގެން ފަލިޖެހުމުގެ ރޭސްތައް ބޭއްވުމަށެވެ. ގްލޯބަލް ޓައިމްސް ނޫހުން ބުނީ އިއްޔެގައި ދެބޯޓު ބަންޑުން ޖަހައިލި ހާދިސާ ހިނގި އިރު އެ ހަރަކާތް ބާއްވާކަން ފުލުހުންނަށް ނާންގާ އޮތް ކަމަށެވެ. ގަވައިދުން އެކަން ކުރިއަށް ގެންދާ ނަމަ ދުރާލާ ފުލުހުންނަށް އަންގަން ޖެހެއެވެ. އެހެންވެ ހަރަކާތް އިންތިޒާމްކުރި މީހުން މިހާރު ވަނީ ހައްޔަރުކޮށްފައެވެ.

އިއްޔެގެ ހާދިސާގައި ބަންޑުން ޖަހައިލީ 18 މީޓަރުގެ ދިގު 30 މީހުންގެ ޖާގައިގެ ދެއުޅަނދެވެ. ހާދިސާގައި ކޯރަށް ވެއްޓުނީ ޖުމްލަ 60 މީހުންނެވެ. އެމީހުން ސަލާމަތްކުރަން އަށް ބޯޓުގައި 200 މީހުން ހަރަކާތްތެރިވިއެވެ