ވިޔަފާރި

މިދިޔަ މަހު އެންމެ ގިނައިން މުދާ އެތެރެކުރީ ޗައިނާ އިން

Apr 22, 2018
3

މިދިޔަ މަހު ރާއްޖެ އަށް އެތެރެކުރި 4.59 ބިލިއަން ރުފިޔާގެ މުދަލުގެ ބޮޑު ބައެއް އެތެރެކޮށްފައިވަނީ، ޗައިނާ އިން ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ކަސްޓަމްސްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން، މާޗު މަހު ރާއްޖެ އަށް އިމްޕޯޓު ކުރެވުނު މުދަލުގެ ސީއައިއެފް އަގު މިދިޔަ އަހަރުގެ މާޗު މަހާ އަޅާބަލާއިރު 48 އިންސައްތަ ވަނީ އިތުރުވެފަ އެވެ.

މިދިޔަ އަހަރުގެ މާޗު މަހު ރާއްޖެއަށް 3.03 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވާއިރު މި އަހަރުގެ މާޗު މަހު މި އަދަދު ވަނީ 4.49 ބިލިއަން ރުފިޔާ އަށް އިތުރުވެފަ އެވެ. އިމްޕޯޓް ކުރި މުދަލުގެ އަގުގެ ގޮތުން 28 ޕަސެންޓް ޗައިނާ އިން އެތެރެކޮށްފައިވެ އެވެ. އަދި ޔޫއޭއީ އިން 15 ޕަސެންޓް އަދި އިންޑިޔާ އިން 11 ޕަސެންޓް މުދާ ވަނީ އެތެރެކޮށްފައިވެ އެވެ.

ކަސްޓަމްސް އިން ބުނި ގޮތުގައި އިމްޕޯޓު ޑިއުޓީ އާއި އެހެނިހެން ފީ ގެ ގޮތުގައި ކަސްޓަމްސަށް ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރުގެ މާޗު މަހާއި އަޅާބަލާއިރު ހުސްވި މާޗު މަހު 60 ޕަސެންޓް އިތުރުވެފަ އެވެ. މިއަހަރުގެ މާޗު މަހު އިމްޕޯޓު ޑިއުޓީ އާއި އެހެނިހެން ފީގެ ގޮތުގައި ދައުލަތަށް 277.7 މިލިއަން ރުފިޔާ ލިބިފައިވާއިރު މިދިޔަ އަހަރުގެ މާޗު މަަހު ލިބިފައިވަނީ 173.4 މިލިއަން ރުފިޔާ އެވެ.

ފާއިތުވި މާޗު މަހު ރާއްޖެއިން މަހުގެ ބާވަތްތައް އެކްސްޕޯޓު ކުރެވުނު މިންވަރު މިދިޔަ އަހަރުގެ މާޗު މަހާ އަޅާބަލާއިރު 49 ޕަސެންޓް ވަނީ އިތުރުވެފައިވެ އެވެ. މިދިޔަ އަހަރުގެ މާޗު މަހު 165.6 މިލިއަން ރުފިޔާގެ މުދާ ރާއްޖެ އިން އެކްސްޕޯޓްކޮށްފައިވާއިރު، މި އަހަރުގެ މާޗު މަހު އެކްސްޕޯޓްކުރި މުދަލުގެ މިންވަރު ވަނީ 246.1 މިލިއަން ރުފިޔާ އަށް އިތުރުވެފަ އެވެ.

ރާއްޖޭން މައިގަނޑުގޮތެއްގައި އެކްސްޕޯޓް ކުރަނީ މަހުގެ ބާވަތްތައްކަމަށްވާ އިރު މިދިޔަ ޖެނުއަރީ މަހު އެކްސްޕޯޓްކުރި މުދަލުގެ 35 ޕަސެންޓް ތައިލެންޑަށް އެކްސްޕޯޓްކޮށްފައިވާއިރު، 15 ޕަސެންޓް އެކްސްޕޯޓްކޮށްފައިވަނީ ޖަރުމަންވިލާތަށެވެ. އިނގިރޭސިވިލާތަށް 10 ޕަސެންޓް އެކްސްޕޯޓްކޮށްފައިވާއިރު، އެމެރިކާ އަށް 9 ޕަސެންޓް އަދި ފަރަންސޭސިވިލާތަށް 7 ޕަސެންޓް އެކްސްޕޯޓްކޮށްފައިވެ އެވެ.