ވިޔަފާރި

ކައްކާއިންނަށް ބީބީއެމްއިން މާސްޓާ ޝެފުންގެ ވޯކްޝޮޕެއް ބާއްވައިފި

Apr 22, 2018

ރާއްޖޭގައި ތިބި ޝެފުންނަށް، ކައްކާއިންނަށް އަމާޒުކޮށްގެން ބެސްޓްބައި މޯލްޑިވްސް (ބީއެމްއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ މާސްޓާ ކްލާސް ވޯކްޝޮޕް އޭޕްރިލް 19 ގައި ބާއްވައިފި އެވެ.

ދުނިޔޭގެ ނަން މަޝްހޫރު ޝެފުންނާއި އެކު ބޭއްވި މި ވޯކްޝޮޕަކީ އެއް ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ ވޯކްޝޮޕެކެވެ.
ޖުމްލަ 150 ޝެފުންނާއެކު ކުރިއަށް ގެންދިޔަ މި ވޯކްޝޮޕްގެ އަމާޒަކީ ބީއެމްއެމްއިން އިންތިޒާމުކޮށްގެން މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ބާއްވަން ނިންމާފައިވާ މިއަހަރުގެ ހޮޓެލް އޭޝިއާ އެގްޒިބިޝަން އެންޑް އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖްއަށް ތައްޔާރުވުމެވެ.

މި ވޯކްޝޮޕްގައި މައިގަނޑު ހަތަރު ކަމެއް ބައިވެރިންނަށް ދަސްކޮށްދިނެވެ. އެގޮތުން ވޯކްޝޮޕްގެ ތެރެއިން ކެއްކުމުގައި ބޭނުންކުރަން ޖެހޭ އެންމެ އާދައިގެ އުކުޅުތަކުން ފެށިގެން އެންމެ މަތީ ފަންތީގެ އުކުޅުތައް މި ވޯކްޝޮޕްގެ ކިޔައިދިނެވެ. ކެއްކުމުގެ މުބާރާތެއްގައި ބައިވެރިވާއިރު ޖަޖުން މާކްސް ދޭ ގޮތާއި މާކްސް ދޭއިރު ބަލާނެ ކަންކަމުގެ އިތުރަށް ކައްކާއިރު ސަމާލުކަން ދޭން ޖެހޭނެ ކަންކަން ވެސް ބައިވެރިންނަށް ކަޔައިދިނެވެ.

ރާއްޖޭގައި މަސައްކަތް ކުރާ ޝެފުންނަށް އަމާޒުކޮށްގެން ހުޅުލޭ އައިލެންޑް ހޮޓެލްގައި ކުރިއަށް ގެންދިޔަ، ވޯކްޝޮޕްގައި 40 ދިވެހި ޝެފުން ބައިވެރިވި އިރު، އެ ވޯކްޝޮޕަކީ ކެއްކުމަށް ޝައުގުވެރިވާ ހުރިހާ ފަރާތްތަކަށް ހުޅުވާލެވިގެން ކުރިއަށް ގެންދިޔަ ވޯކްޝޮޕެކެވެ.

ވޯލްޑް އެސޯސިއޭޝަން އޮފް ޝެފް އެސޯސިއޭޝަންގެ އޭ ކްލާސް ޝެފުންނާއި އެކު ކުރިއަށް ގެންދިޔަ ވޯކްޝޮޕުގެ ސަބަބުން ކުރިއަށް އޮތް ހޮޓެލް އޭޝިއާ އެކްޒިބިޝަންގައި ބައިވެރިވާ ފަރާތްތަކަށް ކެއްކުމާއި ބެހޭ އެތަށް ކަމެއް ފަންނުވެރި ފަރާތްތަކުގެ ކިބައިން ދަސްވެގެންދާނެ ކަމަށް ބީބީއެމް އިން ބުންޏެވެ.

ބީއެމްއެމްގެ ހެޑް އޮފް މާކެޓިން އަލީ އަފްރާހް ހަސަން ވިދާޅުވީ ބީއެމްއެމްގެ އަމާޒަކީ ރާއްޖޭގައި ކެއްކުމުގެ އިންޑަސްޓްރީ ކުރިއެރުވުން ކަމަށެވެ. އަދި މިދާއިރާއަށް ގިނަ ދިވެހިން ނެރުމަކީ ވެސް އަމާޒެއް ކަމަށް އަފްރާހު ވިދާޅުވި އެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމްގެ ކޮލިޓީ އިތުރަށް ރަނގަޅުވެގެން އަންނާނެކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

"އަޅުގަނޑުމެން މިފަދަ މުބާރާތްތަކާއި ވޯކްޝޮޕްތަށް ބޭއްވުމުގެ މައިގަނޑު އަމާޒަކީ ކެއްކުމުގެ ދާއިރާ ކުރިއަރުވާ މިދާއިރާއަށް ގިނަ ދިވެހިން ވެއްދުން. އަޅުގަނޑުމެން ގަބޫލުކުރަން މިއީ ކުރިއަރަން ޖެހޭ ދާއިރާއެއް ކަމަށް. އެއީ ރާއްޖޭގެ އިގްތިސާދުގެ މައިގަނޑު ހިއްސާދާރަކީ ފަތުރުވެރިކަން. އެހެންކަމުން ރާއްޖެއަކީ ދުނިޔޭގެ ހުރިހާ ކަންކޮޅުތަކުން މީހުން ޒިޔާރަތްކުރާ ގައުމެއް. މި ސަބަބަށްޓަކައި ރާއްޖެއިން ލިބެން ހުންނަ ކާއެއްޗެއްސަކީ އެންމެ ފެންވަރުގެ ކާތަކެއްޗަށް ވާން ޖެހޭ،" އަފްރާހް ވިދާޅުވި އެވެ.

މިއަހަރުގެ ހޮޓެލް އޭޝިއާ އެގްޒިބިޝަން ކުރިއަށް ގެންދާނީ 24 ކެޓަގަރީއަށް ބަހާލައިގެން އެވެ. އަފްރާހު ވިދާޅުވި ގޮތުގައި އެ މުބާރާތުގެ ޖަޖުންގެ ގޮތުގައި ތިބޭނީ އޭ ކްލާސް ޖަޖުން އެވެ.

"ހޮޓެލް އޭޝިއާ އެގްޒިބިޝަންގައި ޖަޖުންގެ ގޮތުގައި ތިބޭނީ އޭ ކްލާސް ޖަޖުން. އަދި އެ މުބާރާތަކީ ދުނިޔޭގެ ފެންވަރުގެ އެތަކެއް ޝެފުންނެއް ބައިވެރިވާނެ މުބާރާތެއް. މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އަޅުގަނޑުމެން މިވަނީ ހުޅުވާލާފަ. އަދި މިއީ ކެއްކުމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކާއި އަލަށް ކެއްކުމުގެ ދާއިރާއަށް ނުކުންނަން ބޭނުންވާ ފަރާތްތަކަށް ވަރަށް ރަގަނޅު ފުރުސަތަކަށް ވާނެ،" އަފްރާހް ވިދާޅުވިއެވެ.

މިއަހަރުގެ ހޮޓެލް އޭޝިއާ އެގްޒިބިޝަން އެންޑް އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖް ކުރިއަށް ދާނީ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހުން 12 ވަނަ ދުވަހުގެ ނިޔަލަށް ދަރުބާރުގޭގައެވެ. އަދި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު މެކްސްގެ އޮފީހުން ލިބެން ހުންނާނެއެވެ.