ކުޅިވަރު

މިނީ ޓާފްދަނޑު ހުޅުވައިފި، އާންމުންނަށް ބޭނުންކުރެވޭނެ

އޭޝިއަން ފުޓްބޯޅަ ކޮންފެޑްރޭޝަންގެ ރައީސް ސަލްމާން ބިން އިބްރާހިމް އަލް ހަލަފީގެ އިސްނެގުމުގެ މަތިން މާލޭގައި އެޅި ޓާފް ދަނޑު ރަސްމީކޮށް ހުޅުވައިފި އެވެ.

އެފްއޭއެމްގެ ޓާފް ދަނޑު ދޭއް އޮންނަ ސަރަހައްދުގެ ދެކުނުގައި އަޅާފައިވާ މިނީ ޓާފް ދަނޑު ހުޅުވައި ދެއްވީ އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު އެވެ. ޓާފް ދަނޑު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ، އެ ދަނޑު އާންމުންނަށް ބޭނުން ކުރެވޭނެ ކަމަށެވެ.

"އެފްއޭއެމްގެ ބޭނުންތަކަށް މި ދަނޑު ބޭނުން ކުރާނީ ހަވީރު ހަތަރަކުން ރޭގަނޑު އަށަކަށް ބާކީ ވަގުތުތައް އޮންނަ އުސޫލުގެ މަތިން އެފްއޭއެމްއަށް ހުށަހެޅުމުން އާންމުންނަށް ދޫކުރާނަން." ބާއްސާމް ވިދާޅުވި އެވެ.

މިނީ ދަނޑުގައި ހިމެނެނީ ތިން ދަނޑެވެ. ބައްސާމް ވިދާޅުވީ އެ ދަނޑު ބޮޑަށް ބޭނުން ކުރާނީ ޒުވާން ކުޅުންތެރިން އުފެއްދުމަށް އެފްއޭއެމް ފަށާފައިވާ "ޓްވޯޑްސް ފިއުޗާ" ގެ ޕްރޮގްރާމު ހިންގުމަށް ކަމަށެވެ.

ބައްސާމް ކުރިން ވިދާޅުވެފައި ވަނީ، ގްރާސް ރޫޓް ޕްރޮގްރާމް ހިންގުމަށް އެކެޑެމީތަކަށްވެސް އެ ދަނޑު ބޭނުން ކުރާނެ ކަމަށެވެ.