ވިޔަފާރި

ރާޅާއަޅާ ކުދިންނަށް ބްރިޖުން އެއްވެސް ދައްޗެއް ނުވާނެ: އިކޮނޮމިކް މިނސްޓަރު ސައީދު

May 20, 2015
3

ބްރިޖު އެޅިޔަސް، އެ ސަރަހައްދުގައި ރާޅާއަޅާ ކުދިންނަށް އެއްވެސް ކަހަލަ ދަތިކަމެއް އޭގެން ކުރިމަތިނުވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވެއްޖެ އެވެ.

މާލެ އާއި ހުޅުލެއާ ދެމެދު ބްރިޖް އެޅުމަށް ބޭނުންވާ ތަހުލީލުތައް ކުރުމަށްޓަކައި ބޯހޯލް ތޮރުފުމުގެ މަސައްކަތް ރަސްމީކޮށް ފެށުމަށް ސުނާމީ ބިނާ ސަރަހައްދުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވީ ބްރިޖުގެ ބައެއް މަސައްކަތްތައް ފެށުމާއިއެކު ރާޅާއަޅާ ކުދިންނަށް "ބަޔަކު ގޯސްކޮށް ވިސްނައިދީފައިވާ" ކަމަށެވެ.

"އެ ކުދިން ކައިރީ އެބަހުރި ބުނެފައި 40 ތަނބު ޖަހާނެ ކަމަށް. މިއޮތް ޓެކްނިކަލް ޒަމާނުގައި މިކަން އަޅުގަނޑު ދޫކޮށްލާނީ ތިބޭފުޅުންގެ ވިސްނުމަށް!. މި ބްރިޖުގެ ސަބަބުން ރެކްރިއޭޝަނަލް މަސައްކަތްތަކަށް އެއްވެސް ދަތިކަމެއް ނާންނާނެ،" ސައީދު ވިދާޅުވި އެވެ.

މިނިސްޓަރު ސައީދު ވިދާޅުވީ މި މަސައްކަތުގެ ސަބަބުން ރާޅާ އަޅާ ކުދިންނަށް އެއްވެސް ދަތިކަމެއް ކުރިމައްޗެއް ނުވާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ޗައިނާގެ ޓެކްނިކަލް ޓީމާއެކު ކުރި މަޝްވަރާތަކުގެ މައިގަނޑު އަމާޒަކަށްވީ މި ސަރަހައްދުގައި ރާޅާ އަޅާ ކުދިންނަށް އެއްވެސް ދަތިކަމެއް ނުވާނެ ގޮތަކަށް މި މަސައްކަތް ނިންމާލަން ކަމަށެވެ. އަދި ބްރިޖުގެ ސަބަބުން ރާއްޖޭގެ އިގްތިސާދުގައި މި ސަރަހައްދު (ސުނާމީ ބިނާ) ސަރަހައްދުގެ ހަރަކާތްތައް އިތުރުވެގެން ދާނެކަން ސައީދު ފާހަގަ ކުރެއްވި އެވެ.

"ބްރިޖު ޓޫރިސްޓް އެޓްރެކްޝަނަކަށް ވެގެން ދާނެ. މީގެ ސަބަބުން މާލެ އާއި މާލެ ކައިރިއަށް އަންނަ ޓޫރިސްޓުންގެ އަދަދު އިތުރު ވެގެން ދާނެ،" ސައީދު ވިދާޅުވި އެވެ.