ދުނިޔެ

އުތުރުކޮރެއާއަށް ޖެއްސުންކުރާ ސްޕީކަރުތައް ނިއްވާލައިފި

ދެކުނު ކޮރެއާއިން ބޭނުންވާ އަޑުތައް އުތުރުކޮރެއާ ސިފައިންނަށް އިއްވަން ދެކޮރެއާ ގުޅޭ ސަރަހައްދީ ރޮނގުގައި ދެކުނުކޮރެއާއިން ބަހައްޓާފައި ހުންނަތާ އެތައް އަހަރެއް ވެފައިވާ ލައުޑްސްޕީކަރުތަކުން އަޑުފޮނުވުން މިއަދު ހެނދުނު ހުއްޓާލައިފި އެވެ.

ކޭ-ޕޮޕް މިއުޒިކުން ފެށިގެން އުތުރުކޮރެެއާއާ ގުޅޭ ރިޕޯޓުތަކަށް ދަންދެން އަޑުގަދަކޮށް ޖެހުމަށް ބޭނުންކުރި ލައުޑްސްޕީކަރުތައް ނިއްވާލާފައި މިވަނީ ދެކޮރެއާގެ ލީޑަރުން ބައްދަލުކުރައްވަން ތައްޔާރުވެވަޑައިގެން ތިއްބެ ދަނޑިވަޅެއްގައެވެ. އުތުރުކޮރެއާގެ ލީޑަރު ކިމްޖޮންއުން އާއި ދެކުނު ކޮރެއާގެ ރައީސް މޫންޖައިއިން އަންނަ ހުކުރު ދުވަހު ބައްދަލުކުރައްވަން ވަނީ ހަމަޖެހިފައެވެ. އެދެބޭފުޅުންގެ ބައްދަލުވުން ވެގެންދާނީ 10 އަހަރުގެ ތެެރޭގައި ދެކޮރެއާގެ އިސްވެރިން ބާއްވަވާ ފުރަޔަމަ ބައްދަލުވުމަށެވެ.

ދެކޮރެއާ ގުޅޭ ސަރަހައްދީ ރޮނގުގައި ދެކުނުކޮރެއާއިން ގިނަ އަދަދެއްގެ ލައުޑްސްޕީކަރުތަކެއް ބަހައްޓާފައި ހުންނަ އިރު އުތުރުކޮރެއާއިން ވެސް ކަންތައް އިންތިޒާމްކޮށްފައި ވަނީ ހަމަ އެބީދައިންނެވެ. އުތުރުކޮރެއާއިން ބަހައްޓާފައި ހުންނަ ސްޕީކަރުތަކުން އިއްވަނީ ދެކުނުކޮރެއާއަށް އެގައުމުން އަމާޒުކުރާ ފާޑުކިއުންތަކެވެ.

ދެކުނުކޮރެއާއިން ބުނީ ލައުޑްސްޕީކަރުތައް ނިއްވައިލީ ހުކުރުދުވަހު ބާއްވާ ބައްދަލުވުމަށް އެކަށީގެންވާ މާހައުލު އުފެއްދުމަށް ކަަމަށެވެ. ދެކޮރެއާގެ ލީޑަރުން ބައްދަލުކުރައްވާނީ ދެކޮރެެއާ ގުޅޭ ސަރަހައްދީރޮނގުގައިވާ އަވަށެއްގައެވެ.

" އަހަރެމެން އުއްމީދުކުރަނީ ދެކޮރެއާއިން އެއް ބަޔަކު އަނެއްބަޔަކަށް ފާޑުކިއުމާއި ޕްރޮޕަގެންޑާ ފެތުރުމުން މި ނިންމުމުގެ ސަބަބުން ހުއްޓޭނެކަމަށް. އަދި ސުލްހައަށާއި އާ ފެށުމަކަށް މިކަމުން އެހީއަކަށް ވާނެކަމަށް،" ލައުޑް ސްޕީކަރުތައް ނިއްވައިލުމާ ބެހޭ ގޮތުން ދެކުނުކޮރެއާ ސަރުކާރުގެ ތަރުޖަމާނެއްކަމަށްވާ ޗޮއި ހޮއި ހިޔުން ވިދާޅުވިކަމަށް ބީބީސީން ބުންޏެވެ.

ދެކޮރެއާއިން ލައުޑްސްޕީކަރު ބޭނުންކޮށްގެން އެއްބަޔަކު އަނެއްބަޔަކަށް ޕްރޮޕަގެންޑާ އަޑުތައް އިއްވަން ފެށީ ކޮރެއާ ހަނގުރާމަ ހުއްޓުނު ހިސާބުންނެވެ. އޭގެ ފަހުން ދެކުނުން ގެންދިޔައީ ކޮންމެ ދުވަހަކުވެސް ގާތްގަނޑަކަށް ހަގަޑިއިރު އެއަޑުތައް އިއްވަމުންނެވެ.