ދުނިޔެ

ރޮހިންގާ މުސްލިމުންގެ މައްސަލާގައި ސުލްހައިގެ ޗެމްޕިއަން ހައްޕުކިޔައިގެން

އަންގް ސަން ސޫކީ އަކީ މި ރާއްޖޭގައި ވެސް ނިކަން މަޝްހޫރު ނަމެކެވެ. އެކަމަނާ ސިޔާސީ ގޮތުންނާއި އިންސާނީ ހައްގުތަކުގެ ދާއިރާ އިން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅާ ގުޅިގެންނެވެ. އަދި ވަކިން ހާއްސަކޮށް ދިވެހިންގެ ހިތްތަކުގައި އަންގް ސަން ސޫކީ އަށް ހާއްސަ މަގާމެއް ދެވިފައި ވަނީ ރާއްޖޭގައި ވެސް އެކަމަނާ ފަދައިން ސިޔާސީ އަނިޔާ ލިބިވަޑައިގެން ރައްޔިތުންގެ ހައްގުގަ އާއި އިންސާނީ ހައްގުތަކަށްޓަކައި ގުރުބާންވެ ވަޑައިގަންނަވަމުން ގެންދަވާ ލީޑަރަކު ހުންނެވީމަ އެވެ.

ކޮންމެއަކަސް، މިއަންމާގެ އިދިކޮޅު ލީޑަރު އަދި އެގައުމަށް ޑިމޮކްރަސީ އާއި އިންސާނީ ހައްގުތަކުގެ ދާއިރާ އިން ކުރިއެރުން ހޯއްދަވައި ދެއްކުމަށް އުމުރު ދުވަސް ހޭދަކުރައްވަމުން ގެންދަވާ ސޫކީ އަކީ ސުލްހަޔަށް ކޮށްދެއްވަމުން ގެންދަވާ މަސައްކަތްތަކާ ގުޅިގެން މަޝްހޫރު ނޮބެލް ޕީސް އިނާމު ވެސް ލިބިވަޑައިގެންފައިވާ ފަރާތެކެވެ.

އެހެންވީމަ މިއަންމާގެ ބައިމަދު ރޮހިންގާ ދަރިކޮޅުގެ މުސްލިމުންނަށް އެގައުމުގައި ޖެހިފައިވާ ދުންޕާނަކާ ގުޅިގެން އެމީހުންގެ މައްސަލަ ގޯސްވެ ބައިނަލްއަގުވާމީ މުޖުތަމައުގެ ސަމާލުކަމަށް އަންނަ ކޮންމެ ފަހަރަކު ސޫކީ ވެސް ވެގެން ދަނީ ރާޑަރަށް އަރާ މުހިންމު ނަމަކަށެވެ.

ނަމަވެސް މިއަންމާ އިން ރޮހިންގާ ދަރިކޮޅުގެ މީހުންނަށް ހަދަމުންދާ ގޮތާ ބެހޭ ގޮތުން ވާހަކަ ދައްކާކަށް ސޫކީ ބޭނުމެއް ނުވެ އެވެ. ސުލްހަޔާއި އިންސާނީ ހައްގުތަކުގެ ޗެމްޕިއަނެއްގެ ގޮތުގައި ދުނިޔެ އަށް މަޝްހޫރުވެފައިވާ ނުވަތަ ދުނިޔެ އިން އެގޮތަށް ބަލައިގެންފާ ލީޑަރަކު، އެ ލީޑަރެއްގެ އަމިއްލަ ގައުމުގެ އިންސާނީ ހައްގުތަކުގެ ބޮޑު މައްސަލައަކަށް އެޑްރެސްނުކުރައްވަނީ ކީއްވެގެންތޯ މިއީ ވަރަށް ގިނަ ބައެއްގެ ހިތުގައި އުފެދިފައިވާ ސުވާލެކެވެ.

ދުނިޔޭގެ އެހެން ހިސާބުތަކުން ތާރީޚު ދެއްކި މިފަދަ އެހެން ލީޑަރުންގެ ވާހަކަތަކަށް ބަލާލާއިރު އެ ލީޑަރުންނަކީ ވަކި ބަޔަކާ މެދު ތަފާތުކުރުމެއް ނެތި އެންމެންގެ ހައްގުތައް ހޯއްދަވައި ދެއްވުމަށް މަސައްކަތްކުރެއްވި ލީޑަރުންނެވެ. މިސާލަކަށް ދެކުނު އެފްރިކާގެ ކުރީގެ ރައީސް ނެލްސަން މަންޑޭލާ "ސުލްހައިގެ ޗެމްޕިއަނެއް" ގެ ގޮތުގައި ކުރެއްވި މަސައްކަތް ފާހަގަކޮށްލެވެ އެވެ.

ނަމަވެސް ސޫކީ ގެ ވާހަކަ ތަފާތެވެ. އެކަމަނާގެ ވާހަކަ ތަފާތީ އަދި ސުލްހަޔާއި އިންސާނީ ހައްގުތަކުގެ ކެމްޕޭނަށް ކުރައްވަމުން ގެންދަވާ މަސައްކަތުގެ އަޑު ކެނޑިގެންދާ ހިސާބަކީ އެކަމަނާގެ ގައުމުގެ ބައިމަދު ދަރިކޮޅުގެ ވާހަކަ ދެކެވޭ ހިސާބެވެ.

ފަހަރެއްގައި މި މައްސަލާގައި މިއަންމާގެ ހަރުކަށި އަސްކަރީ ވެރިންނާއި އެގައުމުގައި ބާރުގަދަ ބުޑިސްޓުންގެ ފިކުރާ ސޫކީގެ ފިކުރު ވެސް ދިމާވަނީ އެވެ. ނުވަތަ ސިޔާސީ ފައިދާ އަށް މި މައްސަލަގަނޑުގެ ތެރެއަށް އެކަމަނާ ވަދެވަޑައިނުގަންނަވަނީ އެވެ.

"ސިޔާސީ ލީޑަރަކު ވިސްނާނީ ކުރިއަށް އޮތް އިންތިހާބަށް. ގައުމެއްގައި ވެރިއަކަށް ހުންނަ މީހަކު ވިސްނާނީ ދެން އޮތް ޖީލަކާ މެދު،" ރޮހިންގާ މުސްލިމުންގެ މައްސަލާގައި އެއްޗެއް ވިދާޅުނުވަނީ ކީއްވެގެންތޯ ބުނެ ނޫސްވެރިން ފިއްތުންތައް އިތުރުކުރުމުން މިދިޔަ މާޗް މަހު ސޫކީ ވިދާޅުވެފައި ވަނީ މިހެންނެވެ.

ކޮންމެއަކަސް ވަރަށް ޒިންމާދާރުކަން ކުޑަ ޖަވާބެކެވެ. ހާއްސަކޮށް ސުލްހައިގެ ޗެމްޕިއަނެއްގެ ގޮތުގައި މަޝްހޫރުވެ ވަޑައިގެންފައިވާއިރު މިފަދަ ގޮތަކަށް އެކަމަނާ ވާހަކަ ދެއްކެވުމަކީ ސުލްހަޔަށް ލޯބިކުރާ ވަރަށް ގިނަ ބަޔަކު މާޔޫސްކޮށްލާނެ ކަމެކެވެ.

އެކަމަކު ބައެއް ފަރާތްތަކުން ގަބޫލުކުރާ ގޮތުން ސޫކީ މި މައްސަލަގަނޑެއްގެ ތެރެއަށް ވަދެވަޑައިނުގަންނަވާ މައިގަނޑު ސަބަބަކީ އެފަދަ ފިޔަވަޅަކާ ގުޅިގެން މައްސަލަ އިތުރަށް ގޯސްވެދާނެތީ އެވެ. ސޫކީ ވެސް ވިދާޅުވަނީ ރޮހިންގާ މުސްލިމުންގެ މައްސަލާގައި ވާހަކަ ދައްކަން ބޭނުން ނުވަނީ އިތުރު ލޭ އޮހޮރުވުމެއް ފާޅުވެދާނެތީ ކަމަށެވެ.

"މި މައްސަލާގައި އަޅުގަނޑު އަނގައިން ނުބުނެ މި ހުންނަނީ ސިޔާސީ ގޮތުން ވަކި ކޮޅެއް ނަގައިގެންނެއް ނޫން،" ސޫކީ ވިދާޅުވެފައިވެ އެވެ.

"އަހަރެން މަޑުން މި ހުންނަނީ އަހަރެން ކޮންމެ ކޮޅެއް ނެގިޔަސް އިތުރު ލޭ އޮހޮރުވުމެއް ފެށިދާނެތީ. އަހަރެން އިންސާނީ ހައްގުތަކުގެ މައްސަލާގައި ކަންބޮޑުވުން ފާޅުކޮށް ވާހަކަ ދައްކަން ފަށައިފި ނަމަ އެމީހުންނަށް ޖެހިފައިވާ ހާލަތު ވާނީ އިތުރަށް ގޯސް."

ސޫކީ މިހެން ވިދާޅުވަނީ މިއަންމާގެ ސަރުކާރު އޮތް ގޮތުންނެވެ. ނުވަތަ ރޮހިންގާ މުސްލިމުންގެ މައްސަލާގައި ސަރުކާރާ ދެކޮޅަށް އަޑުއުފުލައިގެން ސިޔާސީ އިތުރު ކަސްތޮޅެއް ބޭނުންނުވާތީ އެވެ.

ސޫކީ އަކީ ސަރުކާރާ ދެކޮޅަށް އަޑުއުފުލައި ހިޔާލުފާޅުކުރުމުގެ ސަބަބުން ހަޔާތުގެ ބޮޑުބައި ސިޔާސީ ކުށްވެރިއެއްގެ ގޮތުގައި ހޭދަކުރަން ޖެހިފައިވާ ފަރާތެކެވެ. އެހެންވީމަ ރޮހިންގާ މުސްލިމުން ކަނޑުމަތިވެ، މަރުވެ ހުސްވިޔަސް ވަރިހަމަކޮށްލައްވައިގެން ހުންނަވަނީ އެވެ.

އަނެއް ހަގީގަތަކީ ސޫކީ އަކީ ސިޔާސީ ލީޑަރަކަށް ވެފައި މެޖޯރިޓީއާ ދެކޮޅަށް ނުކުމެ ވަޑައިގައިނުގަނެވޭނެތީ އެވެ.

ޑިމޮކްރަސީގައި މެޖޯރިޓީ އަށް ތަބާވާން ޖެހޭއިރު މިއަންމާގެ އާބާދީގެ ބޮޑު ބައެއް އެދި ގޮވަމުން ދަނީ އެގައުމުގައި ތިބި ރޮހިންގާ ދަރިކޮޅުގެ މީހުންތައް އެގައުމުން ފައްސާލުމަށެވެ.

ރައްޔިތުންގެ މި ގޮވާލުމަށް މިއަންމާގެ ސަރުކާރުން ދަނީ ނުލާހިކު ރަނގަޅަށް އިޖާބަ ދެމުންނެވެ. މި ސިޔާސީ ރާޅާ އިދިކޮޅަށް ސޫކީ ދާން ވެއްޖެނެ ނަމަ އެކަމަނާގެ ސިޔާސީ ކެރިއަރު ހަލާކުވުމުގެ ފުރުސަތު ވެސް އެބައޮތެވެ.

އެއީ މިއަންމާ އިން ގަބޫލުކުރާ ގޮތުގައި މިއީ އެގައުމުގައި ގަވާއިދާ ހިލާފަށް ރަށްވެހިވެގެން އުޅޭ ބައެކެވެ. މި ދަރިކޮޅުގެ އަސްލަކީ ބަންގްލާދޭޝް އެވެ.

މިއަންމާ އިން ބުނަނީ މިއީ މާ ކުރީގެ ޒަމާނެއްގައި މިއަންމާ އަށް އައިސް ގަވާއިދާ ހިލާފަށް ދިރިއުޅެމުން އަންނަ ބައެއް ކަމަށެވެ. އެހެންވެ އެންމެފަހުން ހިންގި ބޯހިމެނުމުގައި ވެސް މިއަންމާ އިން އެގައުމުގެ ރޮހިންގާ ދަރިކޮޅުގެ މީހުން ބައިވެރިކޮށްފައެއް ނުވެ އެވެ.

އަނެއްކޮޅުން މި ދަރިކޮޅުގެ އެއްވެސް ބަޔަކަށް ރަށްވެހިކަން އެގައުމުން ނުދެ އެވެ. މާނައަކީ މިއަންމާގައި ތިބި އަދި އެގައުމުން ސަލާމަތްވުމަށް މަސައްކަތްކުރަމުންދާ ރޮހިންގާ ދަރިކޮޅުގެ މީހުން ނިސްބަތްވާ ގައުމެއް ވެސް ނެތް ކަމެވެ.

މިފަދަ ފިއްތުންތަކެއް މިއަންމާގެ ސަރުކާރުން އެމީހުންނާ ދެކޮޅަށް ކުރިމަތިކޮށްފައިވާއިރު ތަފާތުކުރުމުގެ މައްސަލަ ވެސް ވަރަށް ބޮޑެވެ. މި ދަރިކޮޅުގެ މީހަކާ މިއަންމާގެ ރައްވެއްސަކަށް ކައިވެނި ވެސް ނުކުރެވެ އެވެ. މިފަދަ އެކި ގޮތްގޮތުން ފިއްތުންތައް އިތުރުކޮށްގެން އެންމެފަހުން މިއަންމާ އިން މި ވަނީ މި ދަރިކޮޅުގެ ގިނަ ބަޔަކު އެގައުމު ދޫކޮށް ދާން މަޖުބޫރުވާ ފަދަ ހާލަތަކަށް އެމީހުންގެ ދިރިއުޅުން ބަދަލުކޮށްފަ އެވެ.