ކުޅިވަރު

އެފްއޭއެމްގެ އެކެޑެމީ ލީގް ރޯދައަށް ފަހު

އެކެޑެމީތަކަށް ހާއްސަކޮށްގެން އެފްއޭއެމުން މުޅިން އަލަށް ފަށާ އެކެޑެމީ ލީގް ރޯދަ އަށް ފަހު ބާއްވަން މަސައްކަތް ކުރަމުން ދާ ކަމަށް އެފްއޭއެމްގެ ޑެޕިއުޓީ ޓެކްނިކަލް ޑައިރެކްޓާ އިހްސާން އަބްދުލް ގަނީ (ސާންތީ) ބުނެފި އެވެ.

ސާންތީ ބުނީ މި އަހަރުގެ މުބާރާތް ހާއްސަ ކުރަނީ 13 އަހަރުން ދަށުގެ ކުދިންނަށެވެ. އެއީ 13 އަހަރާއި 12 އަހަރާ ދެމެދު ކުދިންނަށެވެ. އުމުރުން 12 އަހަރުން ދަށުގެ ކުޑަ ކުދިންނަށް ވާދަވެރި އެއްވެސް މުބާރާތެއް ކުރިއަށް ނުގެންދަން އެފްއޭއެމުން ވަނީ މިިދިޔަ އަހަރު އާންމު ކޮށް އަންގާފަ އެވެ.

ސާންތީ ބުނީ އުމުރުން 13 އަހަރުގެ ކުދިންނަށް ހާއްސަކޮށް މި އަހަރު ލީގް ތާރަފު ކުރި ނަމަވެސް، އަހަރުން އަހަރަށް އުމުރުފުރާތައް އިތުރު ކުރަމުން ގެންދާނެ ކަމަށެވެ. މިއަންނަ އަހަރު 14 އަހަރު ފުރޭ ކުދިން އަންނަ އަހަރު ވާދަ ކުރާނީ 15 އަހަރުން ދަށުގެ އުމުރު ފުރާގަ އެވެ. އަންނަ އަހަރު އުމުރުން 12 އަހަރު ފުރޭ ކުދިން އަންނަ އަހަރު ވާދަ ކުރާނީ 13 އަހަރުން ދަށުގެ ކެޓަގަރީގަ އެވެ.

"މުޅި އަހަރަށް ބަލާއިރުވެސް ގިނަ އެކެޑެމީތަކުގައި މި އޮންނަނީ ކުދިން ޓްރެއިނިން ކުރުން، ބައެއް އެކެޑެމީތަކުގެ ކުދިންނަށް ވާދަވެރި މެޗުތަކެއް ކުޅެލަން ނުލިބޭ، އެހެންވެ އެފްއޭއެމްގެ ވިސްނުމަކީ އެކެޑެމީތަކުގެ މެދުގައިވެސް ވާދަވެރިކަން އުފައްދައި މެޗުތަކެއް ކުޅުމުގެ ފުރުސަތު ތަނަވަސް ކޮށްދިނުން،" ސާންތީ ބުންޏެވެ.

"ސީނިއާ ކެރިއަރަށް ދާއިރު ކުޅުންތެރިންނަށް އެންމެ ބޮޑަށް ދިމާވާ މައްސަލައަކީ އުމުރު ފުރާގެ ކެޓަގަރީގައި ވާދަވެރި މެޗުތަކެއް ނުލިބުން އެފްއޭއެމްގެ ވިސްނުމަކީ ސީނިއާ ކެރިއާ ފަށަންވާއިރަށް ވާދަވެރި މެޗުތަކެއް އެ ކުޅުންތެރިންނަށް ހޯދައިދިނުން، މިކަން މިގޮތަށް ކުރުމުން އަހަރުތަކެއް ފަހުން އެ ކުޅުންތެރިންނަށް އައިސްފައި ހުރި ކުރިއެރުން ފަހަގަ ކުރެވިގެންދާނެ."

ސާންތީ ބުނީ ލީގް ކުރިއަށް ދާނީ ހަފުތާ ބަންދުގައި ކަމަށެވެ. މުބާރާތް ކުރިއަށް ދާނީ އެފްއޭއެމުން އިއްޔަ ހުޅުވި މިނީ ޓާފް ދަނޑުގަ އެވެ. ސާންތީ ބުނީ ހަފުތާގެ އަނެއް ފަސް ދުވަހުގެ ތެރޭގައި ދެ ދުވަހު މިނީ ދަނޑުގައި ޕްރެކްޓިސް ކުރުމުުގެ ފުރުސަތު ކޮންމެ އެކެޑެމީއެއްގެ ޓީމަށްވެސް ލިބިގެންދާނެ ކަމަށެވެ.

މި އަހަރު ލީގް، ސްކޫލުގެ ފަހު އިމްތިހާނަށް ނިމޭނެ ގޮތަށް އިންތިޒާމު ހަމަޖައްސާނެ ކަމަށް ސާންތީ ބުންޏެވެ. މާލޭގެ އިތުރުން ހުޅުމާލޭގައިވެސް ގިނަ އެކެޑެމީތަކެއް މިހާރު ހިންގަ އެވެ. މުބާރާތް ކުރިއަށްދާނީ ލީގް އުސޫލުންނެވެ. ކޮންމެ އެކެޑެމީއެއްގެ ޓީމު އަނެއް އެކެޑެމީގެ ތީމާ ކުޅޭނެ އެވެ. ޗެމްޕިއަންކަން ލިބެނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށެވެ.

މިދިޔަ އަހަރު ކުލަބު މޯލްޑިވެސްއިން މާލޭގައި ބޭއްވި އެކެޑެމީތަކުގެ އިންވިޓޭޝަނަލް މުބާރާތް އިންޑިއާގެ ޓިޕްސް އެފްސީ ބަލިކޮށް ކާމިޔަބު ކުރީ އާލީ ޓަޗް އެކެޑެމީ އެވެ. ލަންކާގެ މެންޗެސްޓާ އެކެޑެމީންބޭއްވި އެކެޑެމީ މުބާރާތްވެސް ކާމިޔާބު ކުރީ އާލީ ޓަޗް އެކެޑެމީ އެވެ.