ހަބަރު

ޓްވީޓްގައި ދިނީ މައުލޫމާތެއް ނޫން، އެއީ ހިތުގެ އުދާސްތައް: މަހުލޫފް

ގައިދީންއާ ގުޅޭ ގޮތުން ކުރެއްވި ޓްވީޓަކީ ވަކި ބަޔަކަށް މައުލޫމާތު ދިނުމަށް ކުރެއްވި ޓްވީޓެއް ނޫން ކަމަށާއި ފާޅުކުރީ ހިތުގެ އުދާސްތައް ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ. އެ ޓްވީޓާ ގުޅިގެން މަހުލޫފްގެ މައްޗަށް ހިނގާފައި ނުވާ ކަމެއް ހިނގައިފި ކަމުގެ މައުލޫމާތު ގާނޫނު ތަންފީޒުކުރާ އިދާރާއަކަށް ދިނުމުގެ ކުށުގެ ދައުވާ ކޮށްފަ އެވެ.

ނުބައި މައުލޫމާތެއް ދިނުމުގެ ދައުވާއަށް އޭނާއަށް ކުރާތީ އެ ދައުވާއަށް މަހުލޫފް މިއަދު އިންކާރު ކުރެއްވި އެވެ. މިއަދު މައްސަލާގައި ބޭއްވި އިބްތިދާއީ އަޑުއެހުމުގައި މަހްލޫފް ވިދާޅުވީ އޭނާގެ މައްޗަށް އެ ދައުވާ ނުކުރެވޭނެ ކަމަށެވެ. އޭނާ އެ ޓްވީޓް ކުރެއްވީ ޖަލުގައި ގިނަ ގައިދީންތަކެއް މަރުވަމުންދާތީ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން ހިތުގައި ހުރި އުދާސްތައް ފާޅުކުރުމުގެ ބޭނުމުގަ ކަމަށެވެ.

ޖެނުއަރީ މަހު ލަންކާގައި ހުންނަވާ މަހުލޫފް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ މާފުށީ ޖަމުގައި ގައިދީން މަރުވަނީ ނޫން ކަމަށާއި ސީދާ މަރަނީ ކަމަށެވެ. އެކަށީގެންވާ ފަރުވާއެއް ނުދީ ގައިދީން މަރާލަނީ ކަމަށެވެ. އެކަމުގެ ޒިންމާ ކަރެކްޝަން ސާވިސްއިން ނަގަން ޖެހޭނެ ކަމަށް އެ ޓްވީޓްގައި އޭނާ ވިދާޅުވެފައިވެ އެވެ.

މި މައްސަލައަކީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ މައްސަލައެއްގެ ގޮތުގައި މިއަދު ގާޒީ އަލީ އާދަމް ވަނީ ކަނޑުއަޅުއްވާފަ އެވެ. އަދި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ޝަރީއަތް ފެށުމުގެ ކުރިން ހުށަހަޅަން ބޭނުންވާ ކަންކަން ހުށަހެޅުމަށް ވަނީ މުއްދަތެއް ދެއްވާފަ އެވެ. އެކަމަށް ދައުލަތުން ދެ ދުވަސް އެދިވަޑައިގަތްއިރު ދެއްވީ ވެސް ދެ ދުވަހެވެ. މަހުލޫފްގެ ވަކީލް ނާޒިމް އަބްދުލް ސައްތާރު އެދިވަޑައިގަތީ 10 ދުވަސް ދެއްވުމަށެވެ. ގާޒީ ދެއްވީ ހަފުތާއެކެވެ.

މީގެކުރިން ފުލުހުންގެ ދައުރު އަދާކުރަން ހުރަސް އެޅިކަމުގެ ދެ ދައުވާއެއް ސާބިތުވެ މަހުލޫފް ވަނީ 10 މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވައިފަ އެވެ. މިހާރު ވެސް އިތުރު ދައުވާތަކެއް މަހުލޫފަށް ކުރެ އެވެ. އެގޮތުން މާފުށީ ޖަލު ސަރަހައްދުގައި މުޒާހަރާ ކުރި މައްސަލައިގައި ޓެރަރިޒަމްގެ ދައުވާ ކޮށްފައިވާއިރު މާލޭގައި ކުރި މުޒާހަރާއެއްގައި ބައިވެރިންނަށް މާސްކް ބެހި މައްސަލާގައި ގާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ހުރަސްއެޅުމުގެ ދައުވާ ވެސް ވަނީ ކޮށްފަ އެވެ.