ހަބަރު

އެމްޑީޕީ ފިޔަވާ އެހެން ޕާޓީތަކަށް ފައިސާ ދޭން ނިންމައިފި

  • އެމްޑީޕީއަށް ފައިސާ ދޫނުކުރަނީ އޮޑިޓް ރިޕޯޓް ހުށަނާޅާތީ
  • ޖުމްލަ 24 މިލިއަން ރުފިޔާ ދޫކުރަން ވަނީ ނިންމާފައި
  • އެންމެ ގިނަ ފައިސާ ލިބޭނީ ޕީޕީއެމްއަށް

އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީ ނޫން އެހެން ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރުމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.

ގާނޫނުގައިވާ ގޮތުގެ މަތިން 10،000 މެންބަރުން ހަމަވާ ކޮންމެ ސިޔާސީ ޕާޓީތައަކަށް ބަންދު ދުވަސް ނުހިމެނޭ ގޮތަށް އަހަރުގެ ފުރަތަމަ ތިން މަސް ތެރޭގައި ފައިސާ ދޫކުރަން ޖެހެ އެވެ. އަދި ފައިސާ ދޫކުރަން ޖެހެނީ އޮޑިޓް ރިޕޯޓާއި އަހަރީ ރިޕޯޓް ހުށަހަޅާފައުވާ ޕާޓީތަކަށެވެ.

އެކަމާ ގުޅިގެން އީސީގެ މެންބަރު އަހުމަދު އަކްރަމް މިއަދު ވިދާޅުވީ މިއަދާ ހަމަޔަށް އައިއިރު އޮޑިޓް ރިޕޯޓު ހުށަހަޅާފައި ނުވަނީ ހަމައެކަނި އިދިކޮޅު އެމްޑީޕީއިން ކަމަށާއި އެ ނޫން އެހެން ހުރިހާ ޕާޓީތަކަށް އެ ރިޕޯޓު ހުށަހަޅާފައިވާ ކަމަށެވެ. އެހެންކަމުން އެ 10،000 މެންބަރުން ހަމަވާ ޕާޓީތަކުގެ ތެރެއިން އެމްޑީޕީ ފިޔަވާ ދެން ހުރި ޕާޓީތަކަށް ފައިސާ ދޫކުރަން ފިނޭންސް މިނިސްޓްރީއަށް އަނގަން ނިންމާފައިވާ ކަމަށް އަކްރަމް ވިދާޅުވި އެވެ.

ފައިސާ ދޫކުރަން މިއަދު ނިންމި ޕާޓީތަކަކީ، ޕީޕީއެމް، އެމްޑީއޭ، އަަދި ޖޭޕީ އެވެ.

"ގާނޫނުގައި ބުނާ މުއްދަތުގެ ތެރޭގައި އަދިވެސް އޮޑިޓު ރިޕޯޓު ހުށަހެޅުމުގެ ފުރުސަތު އެމްޑީޕީއަށް އެބައޮތް އޮޑިޓް ރިޕޯޓު ހުށަހެޅިހާ އަވަހަކަށް އެ ޕާޓީއަށް ވެސް ފައިސާ ހަމަޖެހޭނެ،" އަކްރަމް ވިދާޅުވި އެވެ.

އީސީ އިން ސިޔާސީ ޕާޓީތަކަށް މިއަހަރު 24 މިލިއަންއަށް ވުރެ ގިނަ ފައިސާ ދޫކުރުމަށް ވަނީ ނިންމައިފަ އެވެ. އެގޮތުން ސަރުކާރު ތަމްސީލު ކުރާ ޕާޓީ، ޕީޕީއެމް އަށް 11 މިލިއަން ރުފިޔާ ދޭ އިރު އެމްޑީޕީއަށް ދޭން ނިންމާފައި ވަނީ ހަތް މިލިއަން ރުފިޔާ އެވެ. އަދި ޖުމްހޫރީ ޕާޓީއަށް 2.5 މިލިއަން ރުފިޔާ ދޭ އިރު އެމްޑީއޭއަށް ދެ މިލިއަން ރުފިޔާ ދޭން ނިންމާފައިވެ އެވެ. ފައިސާ ދޭނީ މެންބަރުންގެ ނިސްބަތަށް ބަލައިގެން އެވެ.