ހަބަރު

ފަޓާސް ބަރިއެއްހެން ފަހަރަކު ވައުދެއް މިދަނީ ނިންމަމުން: އަދީބު

May 20, 2015

ރައީސް އަބްދުﷲ ޔާމީންގެ ވަދުދުތައް ފަޓާސް ބަރިއެއްހެން، ހަވާ އަރުވާ ގޮތަށް ފަހަރަކު ވައުދެއް ފުރިހަމަ ކުރަމުންދާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު މިއަދު ވިދާޅުވެއްޖެ އެވެ.

މާލެ އާއި ހުޅުލެއާ ދެމެދު ބްރިޖް އެޅުމަށް ބޭނުންވާ ތަހުލީލުތައް ކުރުމަށްޓަކައި ބޯހޯލް ތޮރުފުމުގެ މަސައްކަތް ރަސްމީކޮށް ފެށުމަށް ސުނާމީ ބިނާ ސަރަހައްދުގައި މިއަދު ބޭއްވި ރަސްމީއްޔާތުގައި އިކޮނޮމިކް ކައުންސިލްގެ ކޯޗެއާ އަދީބު ވިދާޅުވީ ފަސް އަހަރު ތެރޭގައި ވީ ވައުދުތައް ފުއްދަމުންދާ ކަމަށާއި، ބޭނުންވަނީ ތަރައްގީ ކަމަށެވެ.

އޭނާ ވިދާޅުވީ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ދާއިރު، ބްރިޖުގެ މަޝްރޫއާ ބެހޭ ގޮތުން "ގިނަ ވާހަކަތަކެއް" ދައްކަމުންދާ ކަމަށެވެ.

"އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ތަރައްގީގެ މި ކަހަލަ މަސައްކަތްތަކަށާ. ވައުދުތަކަށް ފައްތަރު ނުވައްޗޭ އިދިކޮޅު ފަރާތްތަކަށް. އަންރީޒަނަލް ނުވައްޗޭ،" އަދީބު ވިދާޅުވި އެވެ.

އަދީބު ވިދާޅުވީ ގާނޫނާ ހިލާފުވާނަމަ ގާނޫނުގެ ތެރެއިން ފިޔަވަޅު އެޅުމަށް މަޖުބޫރުވާނެ ކަމަށާއި، ރަމަޟާން މަހަށް ސައިތާނުން ކަސްތޮޅު އަޅުވާ ގޮތަށް ކަސްތޮޅު އަޅުވާފައި ނަމަވެސް ތަރައްގީއާ އެކު ކުރިއަށްދާނެ ކަމަށެވެ.

"މިއަދު މި ތޮރުފީ ބޯހޯލް. އިރާދަކުރެއްވިއްޔާ ބުޑަކަށް ފަހު ބުޑެއް އަޅާ މިއޮތް މަގުން ބްރިޖުގައި އިރާދަކުރެއްވިއްޔާ ދާނީ ދަތުރު ކުރަމުން،" އަދީބު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބްރިޖުގެ ވައުދަކީ ހުރިހާ ސަރުކާރެއްގެ ވެސް ވަދުދެއް ކަމަށެވެ.

"މި ވައުދަކީ ކުރީގެ ސަރުކާރުންތަކުން ވެސް ވީ ވައުދެއް. ފުރަތަމަ އެމްޑީޕީ ސަރުކާރުން 2008 ގައި ނުވާނެ އޭ، ރައީސް މައުމޫނު މޮޔަފުޅު ވީހޭ ކީ. އެކަމަކު ވެރިކަމަށް އައިސް އެނގިއްޖެ އިންޖިނިއަރިންއިން މިއީ ވާނެ ކަމެއްކަން. އެހެންނަމަވެސް އައި ގޮތަށް އައިސް އެއާޕޯޓް ވިއްކާލީ. އެކަމަކު އެއާޕޯޓް އަނބުރާ ހޯދާ އެ މަސައްކަތް ވެސް ފެށުމަށް މި ދަނީ ތައްޔާރު ވަމުން،" އަދީބު ވިދާޅުވި އެވެ.