ހަބަރު

ޑްރަގް ނެޓްވޯކެއް އަތުލައިގަނެ 7 މީހުން ހައްޔަރުކޮށްފި

މާލެ އާއި ރ. އިނގުރައިދޫގައި ދެމެދު މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ނެޓްވޯކެއް ފުލުހުން އަތުލައިގަނެ ހަތް މީހުން ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން މިއަދު އިސްކަަންދަރުކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެ ޑިޕާޓްމަންޓުގެ އެކްޓިން ހެޑް ރަޖްނީ ޝުއެއިބް ވިދާޅުވީ އިނގުރާދޫއަށް ނިސްބަތްވާ ބަޔަކު މާލެ އާއި އިނގުރާދުގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރާ ނެޓްވޯކެއްގެ މައްސަލައާ ގުޅިގެން މިދިޔަ ހަފްތާ ހޯމަ ދުވަހު ހާއްސަ އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ. އެ އޮޕަރޭޝަން ހިންގާފައި ވަނީ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްއާ ޑްރަގް އިންޓެލިޖަންސް ޔުނިޓުއާ ނޯތު ސެންޓްރަލް ޑިވިޝަން ޕޮލިސް ގުޅިގެން ކަމަށެވެ.

ޝުއެއިބް ވިދާޅުވީ އެ އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން ޖުމުލަ ހަ ތަނެއް ބަލާ ފާސްކޮށްފައިވާ ކަމަށެވެ. އެގޮތުން މާލެ އިން ހ. ހެޕީ ވިލާ ބަލައި ފާސް ކުރުމަށް ފަހު މަަސްތުވާތަކެތި ހިމެނޭ ބޮޑު ދެ ރަބަރު ޕެކެޓާއި އެއް ފިލްމް ހުސްކުރި ދަޅު އަދި މަސްތުވާތަކެތި ހޭކިފައިވާ އެއް ކޮތަޅު ފެނިފައިވާާ ކަމަށެވެ. އެ ތަކެތީގެ ވަގުތީ ބަރުދަނުގައި 576 ގްރާމް ހުރި ކަމަށާއި އެއީ މަގުމަތީ އަގުގައި ފަސް ލައްކައަށް ވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި ކަމަށް ޝުއެއިބް ވިދާޅުވި އެވެ. އެހެންކަމުން އެ ގެއިން އުމުރުން 26 އަހަރުގެ އިނގުރާދޫ ފަސީމާގެ، އަހުމަދު އާލިމް އާއި 23 އަހަރުގެ އިނގުރައިދޫ ޕެރިސް ވިއު މުހައްމަދު އިރުފާން ހައްޔަރުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ ދެ މީހުންގެ ތެރެއިން އަހުމަދު އާލިމްއަކީ މަސްތުވާތަކެތި ބޭނުން ކުރުމާއި ފުލުހުންގެ ދައުރު އަދާ ކުރުމަށް ހުރަސް އެޅުމާއި އާންމު މަސްލަހަތު ނަގާލުމުގެ ކުށުގެ ރެކޯޑު ފުލުހުންގެ އޮތް މީހެއް، އޭނާގެ ކުޑަަ ކަމުދާތަކެތި މަސްތުވާތަކެތީގެ ބާވަަތެއް ކަމަށްވާ ޑީއެޗްއެސްސީއަށް ޕޮސިޓިވްވެފައިވޭ، އަދި ޑްރަގް ނެޓްވޯކު ހިންގުމަށް އެންމެ އިސްކޮށް ހަރަކާތްތެރިވާ ފަރާތަކީ ވެސް އަހުމަދު އާލިމްކަން ފާހަގަ ކުރަން،" ޝުއެއިބް ވިދާޅުވި އެވެ.

އޮޕަރޭޝަންގައި ގ. ޑްރީމް އޮފް ގާޑަން ބަލާ ފާސްކޮށް، އެ ގޭ ތެރެއިން މަސްތުވާތަކެތި ހުރި އެއް ފިލްމް ހުސް ކުރި ދަޅާއި އެއް ސެލޯފިން ކޮޅާއި ބުލެޓު ސައިޒުގެ އަށް ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ޝުއެއިބް ވިދާޅުވި އެވެ. އެތަކެތީގެ ވަގުތީ ބަރުދަނުގައި 18 ގްރާމް ހުރި އިރު އެ މައްސަލައިގެ ތުހުމަތުގައި އުމުރުން 26 އަހަރުގެ އިނގުރާދޫ ފިނިހިޔާގެ އިބްރާހިމް ޝަފީގް އަދި ހަމަ އެ ގޭގައި ދިރިއުޅޭ 22 އަހަރުގެ އަލީ ފާތިހު ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން ޝަފީގްއަކީ ޑްރަގް ނެޓްވޯކު ހިންގުމުގައި އިސްކޮށް އުޅޭ އަހުމަދު އަލިމްއާ ގުޅިގެން އިސްކޮށް ހަރަކާތްރިވާ ފަރާތެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ދެން ބަލާ ފާސް ކުރީ މއ. ދިޔަޖަހާގެ ކަމަށާއި އެ ގެއިން މަސްތުވާތަަކެތި ހުރި 47 ސެލޯފިން ކޮޅާއި ހަ ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ޝުއެއިބް ވިދާޅުވި އެވެ. އަދި އެ ގެއިން އުމުރުން 20 އަހަރުގެ އިނގުރާދޫ ޓޫ ފްރެންޑްސް މުހައްމަދު އިސްބާހް ހައްޔަރުކޮށްފައިވާ ކަމަށާއި އޭނާ އަކީ ނެޓްވޯކުގައި މާލެ އަދި އިނގުރާދޫއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތި ބެހުމުގައި ހަރަކާތްތެރިވާ މީހެއް ކަމަށް ވެސް ޝުއެއިބް ވިދާޅުވި އެވެ.

އެ މައްސަލާގައި ނެޓްވޯކުގެ ތެރޭގައި ހިމެނޭ ފަރާތްތައް މަސްތުވާތަކެތި ބަންދު ކުރުމަށް ބޭނުން ކުރަނީ ހ. އޮއިސްޓާ ގޭގެ ގްރައުންޑް ފްލޯ ކަމަށާއި އެ ގެ ބަލާފާސް ކުރި އިރު މަސްތުވާތަކެތި ބަންދު ކުރުމަށް ބޭނުންވާ ގިނަ އަދަދެއްގެ ހުސް ޕެކެޓުތަކާއި ސެލޯފިން އަދި މަސްތުވާތަކެތި ކިރުމަށް ބޭނުން ކުރާ ކަށިވެސް ހުރި ކަމަމަށް ޝުއެއިބް ވިދާޅުވި އެވެ.

"އެ ގެއަކީ އެކި ކަހަލަ ކުށުގެ އަމަލުތައް ކުރުމަށްޓަކައި ކުރުމަށް ޓާގެޓު ކުރެވުނު ޑްރަގް ނެޓުވޯކުގައި ހިމެނޭ ފަރާތްތައް ބޭނުން ކުރަމުން ގޮސްފައިވާ ތަނެއްކަން ތަހުގީގަށް އެނގިފައިވޭ، އަޅުގަނޑު މި ފުރުސަތުގައި ދަންނަވާލަން ގޭގެ ކުއްޔަށް ދޭ ފަރާތްތައް މިފަދަ ކަންކަމާ މެދު ސަމާލުވުމަށް،" ޝުއެއިބް ވިދާޅުވި އެވެ.

ޑްރަގް ނެޓްވޯކުގައި އިނގުރައިދޫ އިން ބަލަ ފާސް ކުރީ ދެ ގެ ކަމަށާއި އެ ދެ ގެއިން 26 ގްރާމްގެ ބަރުދަން ހުރި މަސްތުވާތަކެތި ފެނިފައިވާ ކަމަށް ޝުއެއިބް ވިދާޅުވި އެވެ. އެ އޮޕަރޭޝަންގައި އުމުރުން 26 އަހަރުގެ އިނގުރައިދޫ ކެތިގޭ އައިޝަތު އިލްހާމް ހައްޔަރުކޮށްފައިވާ ކަމަށާއި އޭނާއަކީ އާލީމް ފޮނުވާ މަސްތުވާތަކެތި ގެންގުޅުމަށް ފަހު އެކިތަންތަނުގައި ރައްކާ ކުރުމަށް ފަހު ވިއްކުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވާ މީހެއް ކަމަށް ވެސް ޝުއެއިބް ވިދާޅުވި އެވެ.

އެ ރަށުން ދެން ހައްޔަރު ކުރީ އުމުރުން 24 އަހަރުގެ އިނގުރައިދޫ ކޮށާރުގެ މުހައްމަދު ޖަޒްލާން ކަމަށާއި އޭނާއަކީ އާލިމް އާއި އައިޝަތުއާއެކު މަސްތުވާތަކެތި ވިއްކުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވާ މީހެ ކަމަށް ވެސް ތަހުގީގަަށް އެނގިފައިވާ ކަމަށް ޝުއެއިބް ވިދާޅުވި އެވެ.

ޝުއެއިބް އިތުރަށް ވިދާޅުވީ އެ މައްސަލާގައި ބަންދުކޯށްފައިވާ ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކޮށް ތަހުގީގު ކުރިޔަށްދާ ކަމަށެވެ. އަދި ވަރަށް އަވަހަށް އެ މައްސަލައިގެ ތަހުގީގު ނިންމާ ދައުވާ ކުރުމަށް ޕީޖީއަށް ފޮނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.