ހަބަރު

މައުމޫނާއި ދެ ފަނޑިޔާރުންގެ ޝަރީއަތް ކެންސަލްކޮށްފި

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް އުފުލާފައިވާ އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސް އެޅުމުގެ ދައުވާގެ މިއަދުގެ އަޑުއެހުން ކެންސަލްކޮށްފި އެވެ. އަޑުއެހުން ކެންސަލްކުރީ އެ ތިން ބޭފުޅުން ކޯޓަށް ހާޒިރުކުރުމަށްފަހު އެވެ.

މިއަދު މެންދުރުފަހު 3:00 އަށް ތާވަލުކުރި އަޑުއެހުމަށް ދެ ފަނޑިޔާރުން ގެނައީ ތިނެއް ޖެހުމާއެކު އެވެ. ރައީސް މައުމޫން ކޯޓަށް ހާޒިރުކުރިއިރު 4:30 ވެ އެވެ. އަޑުއެހުން ކެންސަލްކަން އެންގީ ރައީސް މައުމޫން ހާޒިރުކުރިތާ އިރުކޮޅެއްގެ ތެރޭގަ އެވެ. އަޑުއެހުން ކެންސަްކުރި ވަކި ސަބަބެއް ކޯޓުން ނުބުނެ އެވެ.

ރައީސް މައުމޫނާއި އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސް އެޅުމުގެ ދައުވާކޮށްފައިވަނީ އެ ބޭފުޅުން ފޯނު ފުލުހުންނަށް ދީފައިނުވާތީ އާއި ފޯނު އޮތް ތަނެއް ބުނެ ނުދިން ކަމަށް ބުނެ އެވެ.

އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދުގެ މައްޗަށް ރިޝްވަތު ހިފުމުގެ ދައުވާ ވެސް ވަނީ ކޮށްފަ އެވެ. އުއްތަމަ ފަނޑިޔާރުގެ މައްޗަށް ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުމުގެ ދައުވާ ވެސް ކޮށްފައިވެ އެވެ. އެ ދައުވާކުރަނީ ދައުލަތުގެ ލިޔެކިޔުންތައް ބަދަލުކުރުމަށް ގާއިމުކޮށްފައިވާ ނެޓްވޯކް ކަމަށްވާ ގަވަމެންޓް އީ ލެޓާ މެނޭޖްމަންޓް ސިސްޓަމް (ޖެމްސް) ހިދުމަތް މެދުކަނޑާލަން އެ ކޯޓުގެ މުވައްޒަފުންނަށް އަންގާފައިވާ ކަމަށް ބުނެ އެވެ.

އެކެއް ފެބުރުއަރީގެ އަމުރު ނެރުނު މައްސަލާގައި ރައީސް މައުމޫނާއި އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުމުގެ ދައުވާ ވެސް އުފުލާފައިވެ އެވެ.