ވިޔަފާރި

މީރާގެ ހުޅުމާލެ ބްރާންޗް ހުޅުވައިފި

މޯލްޑިވްސް އިންލޭެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ އޮފީހެއް ހުޅުމާލޭގައި މިއަދު ހުޅުވައިފިއެވެ.

ހުޅުމާލޭ ހޮސްޕިޓަލު ކުރިމަތިން ، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މައި އިދާރާއާ އިންވެގެން ހުންނަ ކޮމާޝަލް ބްލޮކްގައި ގާއިމް ކުރި އެ އޮފީސް ހުޅުއްވައިދެއްވީ އެކަމަށްޓަކައި އެތަނުގައި ބޭއްވި ރަސްމިއްޔާތެއްގައި ކަމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުހައްމަދެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޔަޒީދު ވިދާޅުވީ ހުޅުމާލެއަކީ މިހާރު ރާއްޖޭގައި ވިޔަފާރިއަށް އެންމެ ފަހި އެއްތަން ކަމަށެވެ. އެގޮތުން ހުޅުމާލޭގައި 2000 އަށް ވުރެ ގިނަ ވިޔަފާރި ހުޅުމާލޭގައި ހުރި އިރު ޓެކްސް ދައްކާ 1500 އަށް ވުރެ ގިނަ ތަންތައް ހުރިކަން އޭނާ ފާހަގަކުރެއްވިއެވެ.

"މީގެ ތެރޭގައި ހާއްސަކޮށް، ސަތޭކައެއްހާ ގެސްޓްހައުސް ހިމެނޭކަން އަޅުގަނޑު ފާހަގަކޮަށްލަން. އެހެންވީމާ ހުޅުމާލޭގައި ރަށްވެހިވެފައިވާ މީހުންނާއި ވިޔަފާރިތަކަށް ލުއިފަސޭހަ ގޮތަކަށް ޓެކްސް ދެއްކުމުގެ ކަންތައްތައް ހަމަޖެއްސުމަކީ އަޅުގަނޑުމެން ވަރަށް މުހިއްމުކަމެއް ދީގެން ކުރަމުން ދިޔަ ކަމެއް،" އޭނާ ވިދާޅުވިއެވެ.

ހުޅުމާލޭގައި މީރާގެ އޮފީހެއް ހުޅުވުމުން ފަސޭހަވާނީ ހަމަ އެކަނި ޓެކްސް ދައްކާ ފަރާތްތަކަށް ނޫންކަން ޔަޒީދު ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ ޓެކްސް ދެއްކުމުގެ އިތުރުން ކުންފުނިތަކާއި ވެހިކަލްތަކުގެ އަހަރީ ފީ ދެއްކުން ފަދަ ހިދުމަތްތައް ހޯދާ ފަރާތްތަކަަށް ވެސް އެކަމުގެ ފަސޭހަ ލިބޭނެ ކަމަށެވެ.

މީރާ އުފެދުނުތާ ހަތް އަހަރުވީ އިރު އެ އިދާރާއިން ވަނީ ރާއްޖޭގެ 12 އަތޮޅެއްގައި 12 އޮފީހެއް ހުޅުވައި ހިދުމަތްދޭން ފަށާފައެވެ. އޭގެ އިތުރުން ކޮންމެ ތަނެއްގައި ހުރެގެން ވެސް ހިދުމަތް ލިބިގަނެވޭ ގޮތަށް އޮންލައިންކޮށްދޭ ހިދުމަތްތަކުގެ ފެންވަރުވެސް އެއިދާރާއިން އަންނަނީ ރަނގަޅުކުރަމުންނެވެ.