ހަބަރު

އެންޓި ޑިފެކްޝަން ގާނޫނުގެ އަޑުއެހުމެއް މާދަމާ ސުޕްރީމް ކޯޓްގައި ބާއްވަނީ

Apr 23, 2018
1

ރައްޔިތުންގެ މަޖިލީހުން ދާދިފަހުން ފާސްކޮށް ރައީސް ތަސްދީގުކޮށްފައިވާ އެންޓި ޑިފެކްޝަން ގާނޫނު ބާތިލްކުރަން އިދިކޮޅު ފަރާތްތަކުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުމެއް މާދަމާ ސުޕްރީމް ކޯޓްގައި ބާއްވަން ތާވަލްކޮށްފި އެވެ.

އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު އާއި ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެން އަދި މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނައީމް ހުށަހަޅުއްވާފައިވާ އެ މައްސަލަ ސުޕްރީމް ކޯޓުން ޝެޑިއުލް ކޮށްފައި އޮތީ އޮތީ މާދަމާ މެންދުރު 1:30ގަ އެވެ.

އެ މައްސަލައިގެ އަޑުއެހުންތައް މިދިޔަ މަހުގެ ތެރޭގައި ވަނީ ނިންމައިފަ އެވެ. ސުޕްރީމް ކޯޓްގައި އާންމުކޮށް މައްސަލަ ގެންދާ އުސޫލުން ބަލާ ނަމަ، އިތުރު ކަމެއް ސާފު ކުރަން ނުޖެހޭ ނަމަ ދެން އޮންނާނީ އެ މައްސަލައިގައި ހުކުމް އިއްވުމެވެ. މާދަމާގެ އަޑުއެހުމަކީ އިތުރު ކަމެއް ސާފު ކުރަން ބާއްވާ ޝަރީއަތުގެ މަޖިލީހެއް ކަމެއް ނޫނީ ހުކުމް އިއްވާ މަޖިލީހެއް ކަމެއް ސާފެއް ނުވެ އެވެ.

ޕީޖީ ލީޑަރު އިބޫ އާއި މެންބަރު އަލީ ހުސެން އަދި މެންބަރު އަނާރާ އެންޓި ޑިފެކްޝަންގެ ގާނޫނު ބާތިލް ކަމަށް ބުނެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ، ރައްޔިތުން އެ މައްޗަށް އަމަލު ކުރުން ލާޒިލްކަމެއް މަޖިލީހުން ފާސްކުރަން ވާނީ 43 މެންބަރުން ހާޒިރުވެ ތިބޭ ޖަލްސާއެއްގައި ކަމަށް ގާނޫނު އަސާސީގައި ބުނި ނަމަވެސް، އެ ގާނޫނު ފާސްކުރީ އެ އަދަދަށް މެންބަރުން ހާޒިރު ނުވެ ތިބި ޖަލްސާއެއްގައި ކަމަށް ބުނެ އެވެ.

އެހެން ނަމަވެސް، އެޓާނީ ޖެނެރަލްގެ އޮފީހުން ޝަރީއަތުގެ މަޖިލީހުގައި ބުނެފައި ވަނީ 43 މެންބަރުން ހާޒިރުވެ ތިބޭ ޖަލްސާއެއްގައި ނޫން ނަމަވެސް އެންޓި ޑިފެކްޝަންގެ ގާނޫނު ފާސްކުރެވޭނެ ކަމަށެވެ. އަދި މެންބަރުން ގަސްތުގައި ޖަލްސާއަށް ނައިސް ތިބުމަކީ އިސްތިސްނާ ހާލަތެއް ކަމަށް ވެސް އެޓާނީ ޖެނެރަލްގެ އޮފީހުން ކޯޓްގައި ބުނެފައިވެ އެވެ.

މަޖިލީހުން ފާސްކުރި އެންޓި ޑިފެކްޝަންގެ ބިލްގެ ސަބަބުން މެންބަރަކު އިންތިހާބުވާ ޕާޓީ ފިޔަވާ އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ، އެ މެންބަރެއްގެ ގޮޑި ގެއްލޭނެ އެވެ. އަދި އަލުން އިންތިހާބެއް ބާއްވަން ޖެހޭނެ އެވެ. އަދި އެކަން ކަނޑައެޅުމުގެ ބާރު ވެސް ވަނީ އިލެކްޝަންސް ކޮމިޝަނަށް ދީފަ އެވެ. އަދި މީގެ އިތުރުން އެ ގާނޫނު ފާސްކުރީ ޕީޕީއެމް ގޮޑި ގެއްލިފައިވާ ކަމަށް، ބުނާ 12 މެންބަރުންގެ ގޮޑި ގެއްލޭ ގޮތަށް މާޒީގައި ހިނގާފައިވާ ކަމަކަށް އެ ގާނޫނު އެޕްލައިވާ ގޮތަށެވެ.