ހަބަރު

ދެ ކުދިން ހޯދަން ޑައިވިން ރޮބޮޓްގެ އެހީ ހޯދަނީ

މިދިޔަ ހޮނިހިރު ދުވަހުގެ ހެނދުނު އައްޑޫ ސިޓީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލާ ދިމާލުން ފުއްޓަރު ފަރާތު މޫދަށް އެރި އުޅެނިކޮށް ގެއްލުނު ދެ ކުދިން ހޯދުމަށް ޑައިވިން ރޮބޮޓްގެ އެހީތެރިކަން ހޯދަން ތައްޔާރުވަމުންދާ ކަމަށް އެމްއެންޑީއެފްއިން ބުނެފި އެވެ.

މޫދަށް އެރި އުޅުނު ތިން ކުދިންގެ ތެރެއިން ގެއްލިފައިވަނީ އުމުރުން 17 އަހަރުގެ އަލީ ފަހުމީ އާއި އުމުރުން 14 އަހަރުގެ މަޔާމިން އަލީ އެވެ. އެދެކުދިން ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރަމުންނެވެ.

އެ އޮޕަރޭޝަނާ ގުޅޭ ފަހުގެ މައުލޫމާތު ހިއްސާކުރަމުން އެމްއެންޑީއެފްއިން ބުނީ، މިއަދު ހެނދުނު ފެށިގެން އޮޕަރޭޝަނުގައި ސިފައިން އިތުރުކޮށްފައިވާ ކަމަށާއި ކޯސްޓްގާޑްގެ ޑައިވަރުންނާއި ދެކުނު އޭރިޔާގެ ގިނަ އަދަދެއްގެ ސިފައިން ކަނޑުގެ ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށެވެ. އަދި ހެލިކަޕްޓަރުގައި ވައިގެ މަގުން ވެސް ކުދިން ހޯދުމުގެ މަސައްކަތް ކުރާ ކަމަށެވެ.

ކުދިން ހޯދުމުގެ މަސައްކަތުގައި ކޯސްޓްގާޑްގެ ޑައިވަރުންގެ އިތުރުން އާންމު ޑައިވަރުން ވެސް ދަނީ ބައިވެރިވަމުންނެވެ. ރަށުގެ ފަރުގެ ސަރަހައްދު ވެސް ވަނީ މިހާރު ބަލާފަ އެވެ. މިހާތަނަށް އެ ކުދިންގެ އެއްވެސް ނިޝާނެއް ފެނިފައެއް ނުވެ އެވެ. މިއަދުގެ ވަގުތެއްގައި އެއް ކުއްޖެއްގެ ސޯޓް ކަމަށް ބެލެވޭ ސޯޓެއް ފެނިފައިވެ އެވެ.

އެމްއެންޑީއެފްއިން ބުނީ ދެ ކުދިން ހޯދުމަށް ހުރިހާ ވަސީލަތްތަކެއް ބޭނުން ހިފާނެ ކަމަށާއި އެ އޮޕަރޭޝަން ހުއްޓުމެއް ނެތި ކުރިއަށް ގެންދާނެ ކަމަށެވެ.

މޫދަށް ދިޔަ ތިން ކުދިންގެ ތެރެއިން ސަލާމަތްވެފައިވަނީ ހިތަދޫ ބްލޫގޭ އުމުރުން 16 އަހަރުގެ އަލީ ރާއިފް އެވެ. އޭނާ ސަލާމަތް ކޮށްދީފައިވަނީ ހިތަދޫ، ބޭރުމަތި އަވަށު، ބުލޫ ރޯޒް ހަސަން ދީދީ އެވެ. އޭނާ އަކީ ކަންފަތަށް އަޑު ނީވޭ، އަދި ވާހަކަ ނުދެއްކޭ މީހެކެވެ.